ބަލިވެގެން ޑަކްޓަރުގެ ކައިރިއަަށް އަހަރެމެން ދިއުމުން ތަފާތު އެކި އެކި ފަރުވާތައް ޑަކްޓަރު ލިޔެއެވެ. ޑަކްޓަރު ލިޔާ ފަރުވާތަކުގެ ތެރޭގައި ތަފާތު އެކި ގޮތްގޮތަަށް ދޭ ފަރުވާތަކާއި ބޭސްތައް ހުރެއެވެ. އެކި ގޮތްގޮތަށް ޖަހާ އިންޖެކްޝަންތަކާއި ކާންދޭ ބޭސް ތަކާއި ބޯންދޭ ބޭސްތައް ހުރެއެވެ. އާންމުގޮތެއްގައި ޑަކްޓަރު ލިޔާ ފަރުވާތައް ބަލި މީހުންނަށް ފޯރުކޮށްދެނީ ނުވަތަ ދެނީ ނަރުހުންނެވެ. ނަރުހުންނަކީ އިންޖެކްޝަން ޖަހާ ބައެކޭ ނުވަތަ ކަށިހަރާ ބައެކޭ ބުނެވެނީވެސް މިހެންވެގެންނެވެ. މި ލިޔުމުގައި މި ބަލާލަނީ މިގޮތަށް މަސްގަނޑުގެ ތެރެއަށް ޖަހާ އިންޖެކްޝަނާއި އެއާއި ބެހޭ ބައެއް މައުލޫމާތުތަކަށެވެ.
މަސްގަނޑަށް ޖަހާ އިންޖެކްޝަނަށް ޑަކްޓަރީ ގޮތުން އިންޓްރާ މަސްކިއުލާ (އައި.އެމް) އޭ ކިޔައެވެ. މިއީ ސިރިންޖަކަށް، ދިޔާކޮށް ހުންނަ ބޭހެއް ނެގުމަށްފަހު، ބަލި މީހާގެ ހަށިގަނޑުގެ މަސްގަނޑު ތެރެއަަށް ސިރިންޖުގައި އިންނަ ކަށި ކޮށްޕާލައިގެން މަސްގަނޑުގެ ތެރެއަށް ބޭސް ފޮނުވާ ފޮނުވުމެކެވެ.
މަސްގަނޑުގެ ތެރެއަށް ޖަހާ އިންޖެކްޝަން އާންމުގޮތެއްގައި ޖަހާ ތަންތަނަށް ބަލާލާނަމެވެ. އެގޮތުން ފުރަތަމައީ އަތުގެ ކޮނޑު ހުޅާއި އުޅަނބޮއްޓާއި ދެމެދުގައި އިންނަ ޑެލްޓޮއިޑް ނަމަކަށް ކިޔާ މަސްގަނޑަކަށެވެ. މިއީ މަސްގަނޑަށް ޖަހާ އިންޖެކްޝަންޖަހާ ތަންތަނުން އެންމެ މަސްގަނޑު ކުޑަ ތަނެވެ. ދެން ފައިގެ ފަލަމަސްގަނޑުން ގަޔާ ބޭރަށް ވާ ފަޅީގައި އިންނަ މަސްގަނޑެވެ. އެއީ ވެސްޓަސް ލެޓަރަލިސް ނަމަކަށް ކިޔާ މަސްގަނޑެކެވެ. ދެން އޮތީ ބުޑު މަސްގަނޑެވެ. ޑޯސޯގުލޫޓިއަލް ނަމަކަށް ކިޔާ މަސްގަނޑެއް ބުޑުމަސްގަނޑުގަައި ވެއެވެ. ނަމަވެސް މި މަސްގަނޑުގެ އަޑީގައި ނާރެއް ވުމާއި އެކު، މި މަސްގަނޑަށް އިންޖެކްޝަން ޖަހަނީ ވަރަށް މަދުންނެވެ. ނަމަވެސް ވެންޓްރޯގުލޫޓިއަލް ނަމަކަށް ކިޔާ ބުޑުމަސްގަނޑާއި އުނަގަނޑު މަސްގަނޑު ގުޅޭ ހިސާބުގައި އިންނަ މަސްގަނޑެކެވެ. މިއީ އާންމުކޮށް މަސްގަނޑަށް ޖަހާ އިންޖެކްޝަންތައް ޖަހާ ތަނެވެ.
މަސްގަނޑުގެ ތެރެއަށް ޖަހާ މި އިންޖެކްޝަނުން ފޮނުވާލެވޭ ބޭސްތައް، މަސްގަނޑުގެ ތެރޭގައި ހުރެއެވެ. ދެން މަސްގަނޑުގެ ތެރޭގައި ހުންނަ ހިމަ ލޭހޮޅިތަކުގެ ތެރެއަށް އެ ބޭސްތައް ދަމަން ފަށައެވެ. އެއާއި އެކު، ހަށިގަނޑުގައި ދައުރުވާ ލޭގެ ތެރެއަށް އެ ބޭހުގެ މިންވަރު ގޮސް، އެ ބޭހުގެ ރާހަތް ލިބެންފަށައެވެ.
މިއީ ކުރުގޮތަކަށް މަސްގަނޑަށް ޖަހާ އިންޖެކްޝަނާއި ބެހޭގޮތުން އަހަރެމެން އާންމުންނަށް އެނގެން ޖެހޭ ބައެއް އަސާސީ މައުލޫމާތު ތަކެވެ.
