ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލްގައި ރޭ ޕެނަލްޓީ ޝޫޓްއައުޓްގައި 5-4 އިން ސްކޮޓްލެންޑްގެ ރޭންޖާސް ބަލިކޮށް ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓުން އެ މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
މިއީ 1980 ވަނަ އަހަރުގެ ފަހުން ފްރޭންކްފާޓަށް ޔޫރަޕްގައި ލިބުނު ފުރަތަމަ ތަށްޓެވެ. އެ ޓީމުން ވަނީ އެ އަހަރުގެ ޔުއެފާ ކަޕް (މިހާރުގެ ޔުރޮޕާ ލީގު) ކާމިޔާބުކޮށްފައެވެ. ފްރޭންކްފާޓަކީ 1997 ވަނަ އަހަރުގެ ފަހުން ޔުއެފާ ކަޕް/ޔުރޮޕާ ލީގު ކާމިޔާބުކުރި ބުންޑެސްލީގާ އަށް ނިސްބަތްވާ ހަމައެކަނި ޓީމެވެ.
ރޭގެ މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ދެން ކުޅެވުނު 15 މިނެޓުގެ ދެ ހާފަށް ފަހު ވެސް ގޯލެއް ނުޖެހުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ދެ ޓީމުން ޖުމްލަ އެކު ފޮނުވާލި 10 ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ، ރޭންޖާސްގެ އާރޮން ރަމްސޭ ފޮނުވާލި ޕެނަލްޓީ އެވެ.
ސެވިއްޔާގެ އެސްޓާޑިއޯ ސަންޗޭޒް ޕިޒްޖުއާންގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ދެ ގޯލްވެސް ޖެހީ ފަހު ހާފުގައެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން 12 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ރޭންޖާސް އިންނެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ ނައިޖީރިއާގެ މިޑްފީލްޑަރު ޖޯ އަރީބޯ އެވެ. މިއީ ފްރޭންކްފާޓްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި އަރީބޯ ކާމިޔާބުކުރި ރީތި ގޯލެކެވެ.
ރޭންޖާސްގެ ލީޑް ހިފަހައްޓައިލެވުނީ ކުޑަވަގުތު ކޮޅަކަށެވެ. މެޗުގެ 69 ވަނަ މިނެޓުގައި ފްރޭންކްފާޓަށް އެއްވަރުކޮށްދިނީ ރަފައެލް ސަންޓޯސް ބޯރޭ އެވެ. މިއީ އެ ޓީމުގެ ސާބިއާ ވިންގާ ފިލިޕް ކޮސްޓިޗް ދިން ބޯޅައަކުން ވަރަށް ފަސޭހަކަމާއެކު ބޯރޭ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ ފުރިހަމަވަގުތާއި، އިތުރު ވަގުތާއެކު ކުޅެވުނު ޖުމްލަ 120 މިނެޓުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވޭގޮތްނުވުމުން ދެން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީޖަހައިގެންނެވެ.
މި މެޗުގައި ރޭންޖާސްގެ ގޯލް ބެލެހެއްޓި އެލަން މެކްގްރެގާ ވަނީ ޔުއެފާ ކަޕް/ޔުރޮޕާ ލީގުގެ ފައިނަލްގައި ކުޅުނު އެންމެ ދޮށީ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ރޭގެ މެޗުގައި ކުޅުނުއިރު، މެކްގްރެގާގެ އުމުރަކީ 40 އަހަރާއި 107 ދުވަހެވެ. މީގެއިތުރުން، އޭނާ އަކީ ޔޫރަޕްގެ މުބާރާތެއްގެ ފައިނަލެއްގައި ކުޅުނު ތިންވަނަ އަށް އެންމެ ދޮށީ ކުޅުންތެރިޔާ އެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ؛ 1983 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް ގައި ކުޅުނު ޑިނޯ ޒޮފް (41 އަހަރާއި 86 ދުވަސް) އާއި 2011 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑްގެ ގޯލް ބެލެހެއްޓި ހޮލެންޑްގެ އެޑްވިން ވެން ޑަ ސަރ (40 އަހަރާއި 211 ދުވަސް) އެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ފްރޭންކްފާޓުން ފޮނުވާލި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ ކްރިސްޓޮފާ ލެންޒް، އަޖިން ރުސްޓިޗް، ޑައިޗީ ކަމާޑާ އާއި ކޮސްޓިޗް އަދި ބޯރޭ އެވެ. އެ ޓީމުގެ ފަސްވަނަ ޕެނަލްޓީ ޖެހީ ބޯރޭ އެވެ. ރޭންޖާސްގެ ޖޭމްސް ޓަވޭނިއާ، ސްޓީވެން ޑޭވިސް އާއި ސްކޮޓް އާފީލްޑް އަދި ކެމާ ރޫފް ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް، ރަމްސޭ ފޮނުވާލި ޕެނަލްޓީ ފްރޭންކްފާޓްގެ ގޯލްކީޕަރު ކެވިން ޓްރަޕް ވަނީ މަތަކޮށްފައެވެ.
