މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި މިރޭ ކުޅުނު މެޗުގައި ވިރާތު ކޯލީ ދެއްކި މޮޅުކުޅުމާއެކު ގުޖުރާތު ޓައިޓަންސް ބަލިކޮށް، ރޯޔަލް ޗެލެންޖާސް ބެންގަލޫރުން އެ މުބާރާތުގެ ޕްލޭއޮފް ބުރުން ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
މި މެޗުން ބަލިވި ނަމަވެސް ގުޖުރާތު ޓީމު އޮތީ 14 މެޗުން ލިބުނު 20 ޕޮއިންޓާއެކު އެއްވަނައިގައެވެ. ދެވަނައިގައި އޮތް ލަކްނޯ ސުޕަ ޖަޔަންޓްސް އަށް 18 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ރާޖަސްތާން ރޯޔަލްސް އާއި ހަތަރުވަނައިގައި އޮތް ބެންގަލޫރު ޓީމަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. ބެންގަލޫރަށް ޕްލޭއޮފް ބުރުން ޖާގައެއް ލިބެން އޮތީ މިވަގުތު ފަސްވަނައިގައި އޮތް ޑެލީ ކެޕިޓަލްސް އިން ފުލުގައި އުޅޭ މުމްބާއީ އިންޑިއަންސްއާ ދެކޮޅަށް ކުޅޭ މެޗުން ބަލިވެގެންނެވެ. ބެންގަލޫރަށް ވުރެ ޑެލީ ޓީމުގެ ނެޓް ރަން ރޭޓް ރަނގަޅުވުމުން އެ ޓީމަށް ބާކީ އޮތް މެޗުން މޮޅުވެގެން އަނެއް ބުރަށް ދަތުރުކުރެވޭނެ އެވެ. މިހާތަނަށްއައިއިރު ޕްލޭއޮފް ބުރުން ޖާގަ ހޯދާފައިވަނީ ގުޖުރާތާއި ލަކްނޯ ޓިމު އެކަންޏެވެ.
މިރޭގެ މެޗަށް ނިކުތްއިރު ވެސް ތާވަލްގެ އެއްވަނަ މަގާމް ކަށަވަރުކޮށްފައިވާ ގުޖުރާތު އަތުން ބެންގަލޫރު މޮޅުވީ ސީދާ 8 ވިކެޓުންނެވެ.
މެޗުން ޓޮސް ދިމާވުމުން ގުޖުރާތު ޓީމުން ވަނީ ކުޅެންއަރައި 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 168 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި އެންމެ މޮޅަށް ކުޅުނީ ގުޖުރާތުގެ ކެޕްޓަން ހާރްދިކް ޕާންޑިޔާ އެވެ. އޭނާ ވަނީ ނުބައިނުވެ 47 ބޯޅައިން 62 ލަނޑުހަދާފައެވެ. އެ ޓީމުގެ ދެކުނު އެފްރިކާ ބެޓްސްމަން ޑޭވިޑް މިލާ 25 ބޯޅައިން 34 ލަނޑުހެދިއިރު، އުކުންތެރިޔާ ރަޝިދު ޚާން ވަނީ ނުބައިނުވެ ހަ ބޯޅައިން 19 ލަނޑުހަދާފައެވެ.
ބެންގަލޫރުން އެންމެ ރަނގަޅަށް އުކި ޖޯޝް ހޭޒަލްވުޑް ދެ ވިކެޓްނެގިއިރު، ގްލެން މެކްސްވެލް އާއި ވަނިންދު ހަސަރަންގާ ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއް ނެގިއެވެ. މި އިނިންގްސްގައި ބެންގަލޫރުގެ ބާރު އުކުންތެރިޔާ ހަރްޝަލް ޕަޓޭލް އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ފުރަތަމަ އޯވަރުގައި އުކުމަށްފަހު ވަނީ ކުޅުމުން ވަކިވެފައެވެ.
ޖަވާބުގައި ބެންގަލޫރުން ކުޅެން އަރައި 18.4 އޯވަރުގެ ތެރޭގައި މެޗު ކާމިޔާބުކުރީ، ބާކީ 8 ބޯޅަ އޮއްވާ ދެ ވިކެޓަށް 170 ލަނޑުހަދައިގެންނެވެ. ބެންގަލޫރަށް މި މެޗު ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރީ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކުރީގެ ކެޕްޓަން ކޯލީ އެވެ. އޭނާ ވަނީ 54 ބޯޅައިން 73 ލަނޑުހަދާފައެވެ. އެ ޓީމުގެ އޯލްރައުންޑަރު މެކްސްވެލް ނުބައިނުވެ 18 ބޯޅައިން 40 ލަނޑުހެދިއިރު، ކެޕްޓަން ފަފް ޑު ޕްލެސީސް ނުބައިވީ 44 ލަނޑަށެވެ.
ގުޖުރާތުގެ ރަޝިދު ޚާން ދެ ވިކެޓްނެގިއިރު، އެހެން އުކުންތެރިއަކަށް ވިކެޓެއް ނުނެގުނެވެ.
މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ރާޖަސްތާން ނިކުންނާނީ ޗެންނާއީ ސުޕަ ކިންގްސްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން ރޭގަނޑު 7 ޖަހާއިރު އެވެ.
