ކުރުނބާފެން ވެފައިވަނީ ވަރަށް މަޝްހޫރު އަދި މަގުބޫލު ބުއިމަކަށެވެ. ގުދުރަތީ ގޮތުން ފޮނި އަދި "ހައިޑްރޭޓް" ވުމުގެ އިތުރުން ކުރުނބާ ފެނުގައި މުހިންމު ބައެއް ނިއުޓްރިއެންޓްތައް ގިނަވެއެވެ. އޭގެ ތެރޭގައި އާންމުކޮށް، ގިނަ ބަޔަކަށް ނުލިބޭ ކެވެނީގެ ބާވަތްތައް ހިމެނެއެވެ.

ކުރުނބާ ފެނުގައި %94 ފެން އެކުލެވިގެން ވާއިރު، ފެޓުގެ މާއްދާ އެކުލެވިގެންވަނީ ވަރަަށް މަދުންނެވެ. ކާށި ކިރުގައި ގާތްގަނޑަކަށް %50 ފެން ހިމެނޭއިރު، އޭގައި ފެޓް ފުދޭވަރަކަށް ގިނައިން ހުރެއެވެ.

ކުރުނބާ ފެނުގައި ހިމެނޭ އެންޓިއޮކްސިޑެންޓްސް އަކީ މީދަލާއި އެހެން ބައެއް ދިރުންތަކާ ގުޅުން ހުރި ދިރާސާތަކުން، ފައިދާހުރި އެއްޗެއްކަން ހާމަވެފައި ވީނަމަވެސް، ސީދާ އިންސާނުންނަށް ހަދާފައި ހުންނަ ދިރާސާތައް މަދެވެ. ކުރުނބާ ފެނުން، ހަކުރުބަލި ކޮންޓްރޯލް ކުރެވޭ ކަމަށްވެސް ބުނެވެނީ ހަމަ މި ހަމައިންނެވެ. އިންސާނުންގެ ހަށިގަނޑާ އެންމެ އެއްގޮތަށް މަސައްކަތް ކުރާ ޖަނަވާރު، މީދާލުގެ ތަހުލީލު ތަކުން މިކަން މިގޮތަށް ދައްކައެވެ. ސީދާ އިންސާނުންނަށް މިކަން ތަހުލީލީ މަރުހަލާއަކުން ދިރާސާ ކުރެވިފައި ނުވިނަމަވެސް، އެނގި ޔަގީންވާ ކަމަކީ، ލިބޭ ފައިދާ ސާފު ނުވިޔަސް، ފައިދާތަކެއް ލިބޭ ކަމެވެ.

މީގެ ކުރިން ހެދިފައި ހުރި ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކުރުނބާ ފެނަކީ ގުރުދާގައި ހުންނަ ހިލަ ނައްތާލާ، ނުވަތަ ބޭރުކޮށްދިނުމަށް އެހީތެރިވެދޭ ފެނެކެވެ. އަދި ހިތުގެ އެކި އެކި ނުރައްކާތެރި ބަލިތަކުން، އިންސާނުން ސަލަމާތްކޮށްދިނުމަށް ބޭނުންފާ ތަފާތު އެކި އެކި ކެވެނީގެ މާއްދާތަކާއި ބައެއް ހަކަތައިގެ މާއްދާތައް ކުރުނބާ ފެނުން ލިބެއެވެ.

ގުދުރަތީ ކުރުނބާ ފެނަކީ ފޮނިކަމާއެކު "ނާޒުކު" ލޮނު ރަހައެއް އެކުލެވޭ ފެނެކެވެ. އޭގައި ކެލޮރީ އާއި ކާބްސް އެކުލެވޭ މިންވަރު މަދު ފެނެކެވެ. ކުރުނބާ އަކީ ތާޒާ މޭވާއެއް ނަމަވެސް އެ ތާޒާކަމާއި އެ ގުދުރަތްތެރިކަމާ ބީރައްޓެރި އުފެއްދުންތައް ކުރުބަނލުގެ ނަމުގައި ފުޅިފުޅިއާއި ދަޅުދަޅުގައި ބަންދުކޮށްފައި ވިއްކަން ހުރެއެވެ. އެހެންކަމުން ހަމައެކަނި 100% ކުރުނބާ ފެން ލިބެމުންދާކަން ޔަގީން ކުރުމަށް އެފަދަ ތައްޔާރީ ކުރުނބާ ފެން ފުޅިއެއް ނުވަތަ ދަޅެއް ނަމަވެސް އޭގައި ހުންނަ ލިޔުންތައް ކިޔުން ކޮންމެ. ބައެއް ފުޅިތަކުގައި ހުންނަ ބްރޭންޑްތަކުގައި ހަކުރު ނުވަތަ ރަހަ ލައްވާ، ތައްޔާރީ މާއްދާތައް އިތުރުކޮށް ބޭނުން ކޮށްފައި ހުރެދާނެ އެވެ.

ކުރުނބާ ފެނަކީ ހަށިގަނޑުގައި ވަރު ޖައްސައިދީ މުޅި މީހާއަށް ތާޒާކަން ގެނެސްދޭ މީރު ބުއިމެކެވެ. އޭގެ ރަހަ އެހާމެ މީރު، އޭގެ ސާފުކަން އެހާމެ ޠާހިރު ފެނެކެވެ. ނާރުގެ ތެރެއަށް ސީދާ ފޮނުވާލަންވެސް އެ ފެނަކީ ވަކި ދެރަ ފެނެއް ނޫނެވެ. ދިވެހިންނަށް ކުރުނބަލާ ކުރުނބާ ފެނުގެ ނަސީބު ލިބިހުރި ކަމީ ޝުކުރުވެރިވުން ހައްގު ކަމެކެވެ.