އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފަހަތުންއަރައި އެސްޓަން ވިލާ 3-2 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ ސިޓީން ލީގު ކާމިޔާބުކުރި 8 ވަނަ ފަހަރެވެ. އަދި މިއީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ ޓީމުން ލީގު ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ.
މިރޭގެ ނަތީޖާއާއެކު ސިޓީ އަށް އެއްވަނަ ލިބުނީ 93 ޕޮއިންޓާއެކު އެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި ލިވަޕޫލް އޮތްއިރު، ތިންވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 74 ޕޮއިންޓެވެ. ޓޮޓެންހަމް ހޮޓްސްޕާ ނިންމާލީ 71 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮވެގެންނެވެ. ފަސްވަނައިގައި އޮތް އާސެނަލަށް 69 ޕޮއިންޓް ލިބިފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑް ނިންމާލީ 58 ޕޮއިންޓާއެކު ހަވަނައިގައެވެ. ވެސްޓް ހޭމް ޔުނައިޓެޑަށް 56 ޕޮއިންޓާއެކު ލިބުނު ހަތްވަނަ އެވެ.
އެތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 37 ވަނަ މިނެޓުގައި ހީކުރި ގޮތާއި ހިލާފަށް ކުރީން ލީޑްނެގީ އެސްޓަން ވިލާ އިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޕޮލެންޑްގެ ފުލްބެކް މެޓީ ކޭޝް އެވެ. މިއީ ލޫކަސް ޑީނިއޭ ނެގި ހުރަހަކުން ލިބުނު ބޯޅައެއް ކޭޝް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. ވިލާގެ ލީޑް ފުޅާކޮށްދޭން އިނގިރޭސި ފޯވާޑް އޮލީ ވަޓްކިންސް އަށް ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައިވަނިކޮށް، މި މެޗުގެ ދެވަނަ ލަނޑުޖެހީ ވެސް އެ ޓީމުންނެވެ. މިއީ މެޗުގެ 69 ވަނަ މިނެޓުގައި ފިލިއްޕޭ ކުޓީނިއޯ ކާމިޔާބުކުރި ގޯލެކެވެ.
މެޗު ނިމެން 14 މިނެޓަށްވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖަރުމަނުގެ މިޑްފީލްޑަރު އިލްކާއީ ގުންޑޮގާން ވަނީ ސިޓީ އަށް ފަރަގު ކުޑަކޮށްދީފައެވެ. އިނގިރޭސި ވިންގާ ރަހީމް ސްޓާލިން ނެގި ހުރަހަކުން ގުންޑޮގާން މި ލަނޑުޖެހީ ބޮލުންނެވެ. އޭގެ ދެ މިނެޓުފަހުން، ރޮޑްރީގެ ލަނޑުން ސިޓީ އެއްވަރުކޮށްފައިވަނިކޮށް، އެ ޓީމަށް ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްދިން ލަނޑުޖެހީ ވެސް ގުންޑޮގާން އެވެ. މިއީ އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ތަނަވަސްކުރި ފުރުޞަތަކުން ގުންޑޮގާން ކާމިޔާބުކުރި ގޯލެކެވެ.
ލިވަޕޫލްގެ އެންފީލްޑްގައި މިރޭ ކުޅުނު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ވުލްވްސް އިން ވަނީ ލީޑްނަގާފައެވެ. މިއީ އެ ޓީމުގެ މެކްސިކޯ ފޯވާޑް ރައުލް ހިމެނޭޒް ދިން ބޯޅައަކުން ޕެޑްރޯ ނެޓޯ ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން ލިވަޕޫލުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 24 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ސަޑިއޯ މާނޭ އެވެ.
އޭގެފަހުން، މާނޭ ކާމިޔާބުކުރި ގޯލެއް އޮފްސައިޑްކަމަށް ނިންމައި ރެފްރީ ގަބޫލުނުކުރިއިރު، ގޯލާއި 25 ޔާޑު ދުރުން ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ފޮނުވާލި ބޯޅަ ވުލްވްސްގެ ކީޕަރު ހޯސޭ ސާ ވަނީ މަތަކޮށްފައެވެ. މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ލިވަޕޫލަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. ސަލާހު ކުޅެން ނިކުތީ ދެވަނަ ހާފުގެ ކުރީކޮޅު ޑިއޯގޯ ޔޮޓާގެ ބަދަލުގައެވެ. އަދި އޭގެފަހުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ ދިން ބޯޅައަކުން ލިވަޕޫލްގެ ތިންވަނަ ލަނޑުޖަހައިދިނީ އެންޑީ ރޮބަޓްސަން އެވެ.
ޓޮޓެންހަމުން މިރޭ ޗެމްޕިއަންސް ލީގުން ޖާގަ ކަށަވަރުކުރީ ރަށުން ބޭރުގައި ރެލިގޭޓްވެފައިވާ ނޯވިޗް ސިޓީގެ ދަނޑުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެ ޓީމު ބަލިކޮށްގެންނެވެ. މި މެޗުގައި އެ ޓީމުގެ ޑޭޔާން ކުލުސެވްސްކީ އާއި ސޮން ހެއުން-މިން ކުރެން ކޮންމެ ކުޅުންތެރިއަކު ދެލަނޑުޖެހިއިރު، އަނެއް ގޯލްޖަހައިދިނީ ހެރީ ކޭން އެވެ. މިރޭގެ މެޗުގައި ޖެހި ދެލަނޑާއެކު ޓޮޓެންހަމްގެ ސޮން ވަނީ ލިވަޕޫލްގެ ސަލާހުއާ ގޯލްގެ ގޮތުން އެއްވަރުކޮށް، ޕްރިމިއާ ލީގުގެ ރަންބޫޓް ކަށަވަރުކޮށްފައެވެ. މި ދެ ކުޅުންތެރިން ވެސް ޖެހީ 23 ގޯލެވެ.
އާސެނަލްގެ ދަނޑުގައި މިރޭ އެވަޓަން އަތުން 5-1 އިން މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައްޖަހައިދިނީ ގެބްރިއެލް މާޓިނެއްލީ، އެޑީ އެންކެޓިއާ، ސެޑްރިކް ސޮއާރޭސް އާއި ގެބްރިއެލް މަގަލޭޝް އަދި މާޓިން އޮޑެގާޑް އެވެ. އެވަޓަންގެ ހަމައެކަނި ލަނޑުޖަހައިދިނީ ފުރަތަމަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑޮނީ ވެން ޑަ ބީކް އެވެ.
މިފަހަރުގެ ސީޒަނުގައި ލީގުން ރެލިގޭޓްވީ، އެންމެ ފުލަށް ދިޔަ ނޯވިޗް ސިޓީގެ އިތުރުން ވަޓްފޯޑާއި، އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 2-1 އިން ބަލިވި ބާންލީ އެވެ. ރެލިގޭޝަން ޒޯންގައި އެންމެ ފަހު ވަގުތާއި ޖެހެންދެން އޮތް ލީޑްސް ޔުނައިޓެޑް ސަލާމަތްވީ މިރޭގެ މެޗުގައި 2-1 އިން ބްރެންޓްފޯޑް ބަލިކޮށްގެންނެވެ.
ލީގުގައި މިރޭ ކުޅުން އެހެން މެޗުތަކަށް ބަލާއިރު، އަމިއްލަ ދަނޑުގައި ވަޓްފޯޑް އަތުން 2-1 އިން ޗެލްސީ ވަނި މޮޅުވެފައެވެ. ބްރައިޓަންގެ ދަނޑުގައި 3-1 އިން ވެސްޓް ހޭމް އަތުން އެ ޓީމު މޮޅުވިއިރު، ލެސްޓާ ސިޓީން ވަނީ އަމިއްލަ ދަނޑުގައި 4-1 އިން ސައުތެމްޓަން ބަލިކޮށްފައެވެ. ކްރިސްޓަލް ޕެލަސްގެ ދަނޑުގައި އެ ޓީމުން ވަނީ 1-0 އިން ޔުނައިޓެޑް އަތުން މޮޅުވެފައެވެ.
