ފަހު މެޗުގައި މިރޭ ރަށުން ބޭރުގައި 3-0 އިން ސަސުއޯލޯ ބަލިކޮށް، އޭސީ މިލާނުން 11 އަހަރަށް ފަހު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ މިލާނުން ލީގު ކާމިޔާބުކުރި 19 ވަނަ ފަހަރެވެ. އަދި މިއީ މިދިޔަ ހަ އަހަރުގެ ތެރޭގައި އެ ޓީމުން ތަށްޓެއް ހޯދި ފުރަތަމަ ފަހަރެވެ. މިލާނުން ވަނީ 2016 ވަނަ އަހަރުގެ ޑިސެންބަރު މަހު ކުޅެވުނު އިޓާލިއަން ސުޕަ ކަޕްގައި ޔުވެންޓަސް ބަލިކޮށްފައެވެ.

މިރޭގެ މެޗަށް ނިކުތްއިރު، އެއް ޕޮއިންޓް ހޯދައިގެން މިލާނަށް ޗެމްޕިއަންކަން ލިބެން އޮތްއިރު، އެ ޓީމުން ނިންމާލީ 86 ޕޮއިންޓާއެކު އެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި ނިންމާލީ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ އެވެ. ތިންވަނައިގައި އޮތް ނަޕޯލީ އަށް 79 ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސް އަށް 70 ޕޮއިންޓާއެކު ލިބުނީ ހަތަރުވަނަ އެވެ.

ސަސުއޯލޯގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މިލާނުން ލީޑްނެގީ 17 ވަނަ މިނެޓުގައި ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ ވައްދާލި ލަނޑުންނެވެ. އޭގެފަހުން، މެޗުގެ 32 ވަނަ މިނެޓުގައި މިލާންގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް ޖިރޫ އެވެ. މި ދެ ލަނޑުގައި ވެސް ޕޯޗުގަލްގެ ޒުވާން ފޯވާޑް ރަފައެލް ލެއާއޯގެ ދައުރު ބޮޑެވެ. މިލާނުން ދެލަނޑުގެ ލީޑެއްނެގިތާ ހަތަރުވަރަކަށް މިނެޓުގެ ތެރޭގައި އެ ޓީމުގެ ތިންވަނަ ގޯލް ޖެހީ ފްރޭންކް ކެސިއޭ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ލެއާއޯ އެވެ.

ލީގުގައި މިރޭ ވާދަވެރި އިންޓަ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ސަމްޕްޑޯރިއާ އަތުން އެ ޓީމު މޮޅުވީ ވެސް 3-0 އިންނެވެ. މި މެޗުގައި އިންޓަ އިން ޖެހި ތިން ލަނޑުވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ކްރޮއޭޝިއާގެ ވިންގާ އިވާން ޕެރިސިޗްގެ ލަނޑުން އެ ޓީމު ލީޑްނެގިއިރު، އާޖެންޓީނާގެ ފޯވާޑް ވަކީން ކޮރެއާ ވަނީ ދެ މިނެޓުގެ ތެރޭގައި ޖެހި ދެ ގޯލާއެކު އިންޓަ އަށް މޮޅު ކަށަވަރުކޮށްދީފައެވެ.