ނޭފަތުގެ ޕޮލިޕްތަކަކީ ނުވަތަ ނޭފަތުގައި ރޯވާ މަސްކޮޅުތަކަކީ ނޭފަތުގެ ތެރެއިން ނުވަތަ ސައިނަސްތަކުގެ (ސައިނަސް ގްލޭންޑް ތަކުގެ) ތެރޭގައި ހުންނަ މަޑު، ތަދު ނުވާ، ކެންސަރަށް ނުވާ، ހަތާރުތަކެއްގެ ބޮޑުވުމެކެވެ. ކަރުނަތިއްކެއް ނުވަތަ މޭބިސްކަދުރެއް ފަދައިން ނުވަތަ ބައްޓަމަށް ރޯވެފައިވާ މަސްކޮޅެކެވެ. އެއީ ދިގުދެމިގެންދާ މަޑު އިންފެކްޝަނެއްގެ ސަބަބުން ދިމާވެދާނޭ ކަމެކެވެ. އަދި މިއީ ނޭވާހިއްލުމާއި، ތަކުރާރުކޮށް އިންފެކްޝަން ޖެހުމާއި، އެލާޖިކު ވުމާއި، ބައެއް ބޭސްތަކަށް މީހާގެ ހަށިގަނޑު "ނާޒުކުވުމާއި" ނުވަތަ ދިފާއީ ނިޒާމުގެ އެކިއެކި ބަލިތަކާ ގުޅިފައިވާ ކަމެކެވެ.

ނޭފަތުގައި ހުންނަ ކުދިކުދި ޕޮލިޕްތަކުން އެއްވެސް އަލާމާތެއް ނުފެނިދާނެއެވެ. ނޭފަތުގެ ޕޮލިޕްތައް ބޮޑުވުމުން ނުވަތަ ގިނަވުމަކީ ނޭފަތުގެ މަގުތައް ހަނިވުމާއި ނުވަތަ ނޭވާލާން އުނދަގޫވުމާއި ވަސްނުދުވުމާ އިހުސާސް ގެއްލުމާއި އަދި ގިނައިން އިންފެކްޝަން ޖެހުމަށް މެދެރިވެދާ ކަމެކެވެ.

ނޭފަތުގެ ޕޮލިޕްސް ތަކަކީ ބައެއް ފަހަރަށަ އަރިދަފުސް ރޯގާ ނުވަތަ ސައިނަސައިޓިސް އާއި ގުޅިފައިވާ ކަމެކެވެ. އެހެންނަމަވެސް ނޭފަތުގެ ޕޮލިޕްސް ނެތި ކްރޮނިކް ސައިނަސައިޓިސް ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ނޭފަތުގެ ޕޮލިޕްތަކަކީ މަޑު އަދި އިހުސާސް ނެތް އެއްޗެއް ކަމުން އެ ޕޮލިޕްތަކަކީ ކުދި ޕޮލިޕްތަކެއް ނަމަ އެ ޕޮލިޕްތައް ހުރިކަން ނޭނގިދާނެ އެވެ. 

ނޭފަތުގެ ޕޮލިޕްތަކާއެކު ދިގުދެމިގެންދާ ސައިނަސައިޓިސްގެ އާންމު އަލާމާތްތަކުގެ ތެރޭގައި ނޭފަތުން ފޭބުމާއި، އަރިދަފުސް ތަތްވުމާއި، ނޭފަތުން ފެން އައުމާއި، ވަސްދުވުން މަދުވުން ނުވަތަ ނެތުމާއި، ރަހަ ބެލުމުގެ އިހުސާސް ގެއްލުމާއި، މޫނުގައި ރިހުން ނުވަތަ ބޮލުގައި ރިއްސުމާއި، މަތީ ދަތްތަކުގައި ރިއްސުމާއި، ނިތްކުރިއާއި މޫނުމައްޗަށް ބަރު އިހުސާސެއް ކުރެވުމާއި އަދި ނޭވާހިއްލުމެވެ. ބައެއް ފަހަރަށް ނޭފަތުން ލޭ އައުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ނޭފަތުގެ ޕޮލިޕްތައް އުފެދޭ ސީދާ ސަބަބެއް އަދި ހޯދިފާ ނުވި ނަމަވެސް، އެނގޭހާވެސް އެއްޗަކީ އެ ހަތާރުތައް ގިނަވެ ބޮޑުވަނީ ނޭފަތާއި ސައިނަސްގެ ލޮނދި ފަށަލައަށް ކޮންމެވެސް ކަމެއް މެދުވެރިވެގެން ކަމެވެ. އެކަން އެނގެނީ ޕޮލިޕް ހުންނަ މީހުންނާއި ނުހުންނަ މީހުންގެ ނޭފަތާއޖ ސައިނަސް ތަކުގެ ލޮނދި ފަށަލައިން ފެންނަ ކެމިކަލް ކޮންޕައުންޑް ތަކުގައި ތަފާތުތަކެއް ފާހަގަވެފާ ވާތީއެވެ. ނޭފަތުގެ ޕޮލިޕްތައް ކޮންމެ އުމުރެއްގައި ވެސް އުފެދިދާނެއެވެ. ނަމަވެސް މިއީ ޒުވާން އަދި މެދު އުމުރުގެ ބޮޑެތި މީހުންގެ ތެރޭގައި އާންމުކޮށް ފެންނަ އެއްޗެކެވެ.

ނޭފަތުގެ ޕޮލިޕްތަކަށް ފަރުވާ ދިނުމަށްފަހު ނޭފަތުގެ ޕޮލިޕް އަލުން އުފެދުމުގެ ފުރުސަތު ނުވަތަ ނޭފަތުގެ ޕޮލިޕް އަލުން ފެނުމުގެ ފުރުސަތު ކުޑަކުރެވިދާނެއެވެ. އެގޮތުން އެލާޖީ އާއި ނޭވާހިއްލުމުން ދުރުވުން ވަރަށްވެސް ބޭނުންތެރިއެވެ. ޑޮކްޓަރުގެ ފަރުވާއާއި އެކު، އަލާމާތްތައް ރަނގަޅަށް ކޮންޓްރޯލް ނުކުރެވިއްޖެނަމަ ފަރުވާގެ ތަރުތީބު ބަދަލުކުރުމާ ބެހޭގޮތުން ޑޮކްޓަރާ ވާހަކަ ދައްކާށެވެ. ނޭފަތަށް އުނދަގޫވާ ތަކެތިން ދުރުހެލިވާށެވެ. ވީހާވެސް ގިނައިން ނޭފަތާއި ސައިނަސްތަކުގައި ދުޅަވުން ނުވަތަ އެލާޖީ މެދުވެރިވާ ފަދަ ވައިގެ ތެރޭގައި ހުންނަ މާއްދާތައް ކަމަށްވާ އެލާޖަން، ދުންފަތުގެ ދުން، ކެމިކަލް ދުން، އަދި ހިރަފުސް ފަދަ ތަކެތިން ދުރުހެލިވާށެވެ. ގަވާއިދުން ރަނގަޅަށް އަތް ދޮންނާށެވެ. މިއީ ނޭފަތުގެ ދޮރުތަކާއި ސައިނަސްތައް ދުޅަވެދާނެ ބެކްޓީރިއަލް އަދި ވައިރަލް އިންފެކްޝަންތަކުން ރައްކާތެރިވުމަށް އެންމެ ރަނގަޅު އެއް ގޮތެވެ.

މިއީ އެއްވެސް ހާލެއްގައި މާ ނުރައްކާތެރި ކަމެއް ނޫން ނަމަވެސް މިއީ ފަރުވާތެރިވެ ސަމާލުކަން ދޭންޖެހޭނޭ ކަމެކެވެ. ފަރުވާތެރިކަމާއި އެކީ ސިއްހަތަށް ބަލާނަމަ، އަނިޔާތަކާއި ބަލިތަކުން އިންސާނާ ރައްކާތެރި ވެވޭނެއެވެ.