މިފަހަރު އަލަށް ފެށި ޔުއެފާ ޔުރޮޕާ ކޮންފަރެންސް ލީގުގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަނަކަށްވުމުގެ ޝަރަފު އިޓަލީގެ އޭއެސް ރޯމާ އިން ހޯދައިފިއެވެ.
ރޯމާ އިން މި މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ނެދަލެންޑްސްގެ ފެޔަނޫޑް 1-0 އިން ބަލިކޮށްގެންނެވެ. ކޮންފަރެންސް ލީގަކީ ޔުއެފާގެ ތިންވަނަ ފަންތީގެ ކްލަބު ފުޓްބޯޅަ މުބާރާތެވެ. ރޭގެ މޮޅާއެކު ރޯމާ އިން ވަނީ ޔުއެފާގެ ކްލަބު ފުޓްބޯޅައިގައި ފުރަތަމަ ތަށި ހޯދާފައެވެ.
އަލްބޭނިއާގެ ޓިރާނާގައި ހުންނަ އެރީނާ ކޮމްބަޓެއާގައި ރޭ ކުޅުނު މެޗު ފެށިގެން 17 ވަނަ މިނެޓުގައި ރޯމާގެ އާރްމީނިއާ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. މިކިތާރްޔަންގެ ބަދަލުގައި ކުޅެން ނިކުތީ ޕޯޗުގަލްގެ މިޑްފީލްޑަރު ސާޖިއޯ އޮލިވޭރާ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިޓަލީގެ ވިންގާ ނިކޯލޯ ޒަނިއޯލޯ އެވެ. މިއީ އެ ޓީމުގެ ޖިއަންލޫކާ މަންޗީނީ މަތިން ޕެނަލްޓީއޭރިއާ ތެރެއަށް ކުޅުނު ބޯޅައެއް މެއިން ކޮންޓްރޯލް ކުރުމަށް ފަހު ޒަނިއޯލޯ ކާމިޔާބުކުރި ރީތި ގޯލެކެވެ.
ފެޔަނޫޑަށް އެއްވަރުކޮށްދޭން ޓައިރެލް މަލާކިއާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ރޯމާގެ ކީޕަރު ރުއީ ޕެޓްރީޝިއޯ މަތަކުރުމުން ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، އެ ޓީމުގެ ޑިފެންޑަރު މަންޗިނީ ދިފާއުކުރަން އުޅުނު ބޯޅައެއް ވެސް ރޯމާގެ ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވެއެވެ.
ރޭގެ މެޗުގައި ރޯމާ އަށް އިރުޝާދު ދިން ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ވަނީ ޔޫރަޕްގެ ހުރިހާ ލެވެލެއްގެ މުބާރާތުގެ ތަށި ހޯދި ހަމައެކަނި ކޯޗުގެ ޝަރަފު ހޯދާފައެވެ. މޮރީނިއޯ ވަނީ ޕޯޓޯ އާއި އިންޓަ މިލާނާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި މެންޗެސްޓާ ޔުނައިޓެޑާއި ޕޯޓޯއާއެކު ޔުރޮޕާ ލީގު ވެސް ކާމިޔާބުކުރިއެވެ.
