އަންނަ ސީޒަނުގައި ވެސް ފެންނާނީ ލިވަޕޫލުން ކަމަށް އެ ޓީމަށް ކުޅެމުން އަންނަ މިސްރުގެ ހުނަރުވެރި ފޯވާޑް މުހައްމަދު ސަލާހު ބުނެފިއެވެ.

ސަލާހު، 29، ލިވަޕޫލާއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. މިހާތަނަށްއައިއިރު ލިވަޕޫލުން އޭނާގެ ކޮންޓްރެކްޓް އާކުރުމަށް ކުރި މަސައްކަތްތަކުގައި ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

މިއަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އަންނަ ހޮނިހިރު ދުވަހު ސްޕެއިނުގެ ރެއާލް މެޑްރިޑާ ދެކޮޅަށް ލިވަޕޫލް ނިކުންނައިރު، ސަލާހުގެ ކުރިމަގާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބުދޭން އޭނާ ވަނީ ދެކޮޅު ހަދާފައެވެ.

"އަހަރެންގެ މުސްތަގުބަލާއި ގުޅޭގޮތުން ވާހަކަ ދައްކަން ބޭނުމެއް ނޫން،"

ލިވަޕޫލް ކުޅުނު މެޗެއްގެ ތެރެއިން ސަޑިއޯ މާނޭ (ކ) އާއި މުހައްމަދު ސަލާހު. --ފޮޓޯ: ގެޓީ އިމޭޖަސް

"ދެކެން ބޭނުމީ ހެންޑޯ (ހެންޑަސަން) އަތުން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައި މަންޒަރު." ސަލާހު ބުންޏެވެ.

ސަލާހު ބުނީ މިދަނޑިވަޅުގައި އަމިއްލަ އެދުން އިސްކޮށް، އޭނާގެ ކޮންޓްރެކްޓާއި ބެހޭގޮތުން ވާހަކަ ދައްކަން ބޭނުމެއް ނެތް ކަމަށެވެ.

"އަންނަ ސީޒަނުގައި ވެސް ފެންނާނީ ލިވަޕޫލުން،" ސަލާހު ބުންޏެވެ.

2017 ވަނަ އަހަރު އިޓަލީގެ އޭއެސް ރޯމާ އިން ލިވަޕޫލަށް ބަދަލުވެ، ސަލާހު ވަނީ މިހާތަނަށް އެ ޓީމަށް 253 މެޗުގައި 156 ލަނޑުޖަހައިދީފައެވެ. އޭނާ ވަނީ ލިވަޕޫލާއެކު ޗެމްޕިއަންސް ލީގާއި، ޕްރިމިއާ ލީގު އަދި އެފްއޭކަޕްގެ އިތުރުން ކަރަބާއޯ ކަޕް ވެސް އެއްފަހަރު އުފުލާލައިފައެވެ. އަދި އެ ޓީމުން ފީފާ ކްލަބް ވޯލްޑް ކަޕާއި، ޔުއެފާ ސުޕަ ކަޕް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ.

އެފްއޭކަޕް ތަށްޓާއެކު ލިވަޕޫލްގެ މާނޭ (ކ) އާއި ސަލާހު. --ފޮޓޯ: ގެޓީ އިމޭޖަސް

ސަލާހުގެ އިތުރުން ލިވަޕޫލްގެ ފޯވާޑްލައިންގައި ހިމެނޭ ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ ވެސް ވަނީ ކުރިމަގާއި މެދު އެއްޗެއް ބުނާނީ ޕެރިހުގައި ރެއާލާއި ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗަށްފަހުގައި ކަމަށް ބުނެފައެވެ.

ސަލާހު އެކޭ އެއްފަދައިން ލިވަޕޫލާއެކު މާނޭ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ ވެސް ކުރިއަށް އޮތް އަހަރުގެ ޖޫން މަހުގައެވެ. މާނޭ ވަނީ މިހާތަނަށް ލިވަޕޫލަށް ކުޅެދިން 268 މެޗުގައި 120 ލަނޑުޖަހާފައެވެ.

"އަހަރެންގެ މުސްތަގުބަލާ ގުޅޭގޮތުން ކުރާ ސުވާލުތަކަށް ޖަވާބެއް ދޭނީ ޗެމްޕިއަންސް ލީގު ފައިނަލަށް ފަހު." ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މާނޭ ބުންޏެވެ.