ފިތުރު އީދަށް މާފުށްޓައް ޒިޔާރަތް ކުރި 4000 އަށްވުރެ ގިނަ މީހުންނާއެކު މި އަހަރުގެ ފިތުރު އީދު ދުވަސް ކުލަގަދަކޮށް ކާމިޔާބު ކަމާއެކީގައި ފާހަގަ ކުރުމަށްފަހު، ކުރިއަށް އޮތް އަޟްހާ އީދު އިތުރަށް ކުލަގަދަކޮށް ފާހަގަ ކުރުމުގެ މަސައްކަތް މާފުށީގައި ފަށައިފިއެވެ.
އަޟްހާ އީދަށް މާފުށިން ވަމުންދާ ތައްޔާރީތަށް ރަސްމީކޮށް ފައްޓަވައި، އެކަމާބެހޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު މާފުށީގެ ކާނި ހޮޓެލްސް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެރަށު ކައުންސިލު ރައީސް ހަސަން ޞަލާހް ވިދާޅުވީ، ޢީދެއްގައި ކުރިއަށްގެންދާ ހުރިހާ ކުޅިވަރެއް، މާފުށީގައި ވެސް ވަރަށް ކުލަގަދަކޮށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ހައްޖު ދުވަހުގެ ރޭ ރައްޔިތުންގެ ފަރާތުން ދޭ ޖާފަތަކާއެކު އީދު ފާހަގަ ކުރުމުގެ ހަރަކާތްތައް ހަތަރު ދުވަހަށް ދެމިގެންދާނެ ކަމަށް ޞަލާހް ވިދާޅުވިއެވެ.

ގެސްޓްހައުސްގެ ފަތުރުވެރިކަން ކުރިއަރާގޮސްފައިވާ މާފުށީގައި މި އަހަރުގެ އީދު ފާހަގަ ކުރުމަށް ބާއްވަން ހަމަޖެހިފައިވާ ހަރަކާތްތަކުގައި ވަކި އުމުރެއް، ވަކި ރަށެއް އިސްތިސްނާ ނުކޮށް އީދުގައި ބައިވެރިވުމަށް ރަށަށް އަންނަ ހުރިހާ އެންމެންނަށް ބައިވެރިވެވޭނެހެން ވަނީ ފުރުސަތު ހުޅުވާލައިފައެވެ.
އަޟްހާ އީދަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި، ވެދުމާ ދިޔުމާއި މާފުށީ ރައްޔިތުންގެ ފަރާތުން އަރުވާ ޖާފަތާއި، ބޮޑު ޖަމާއަތުގައި ކުރެވޭ ޢީދު ނަމާދާއި ޢީދު ސަޔާއި، އުޟްހިޔާ ކަތިލުމުގެ އިތުރުން ކޯޑި ނެގުމާއި، ބޮޑުމަސް ނެރުން އަދި މާލި ނެށުމާއި، ތްރީ އޮން ތްރީ ފުޓްސަލް މުބާރާތާއި، އަންހެނުންގެ ހޭންޑްބޯލް މުބާރާތާއި، ކުޑަކުދިންގެ ހަވީރަކާއި މިއުޒިކް ޝޯ، އަދި ހަވާ އެރުވުމާއި ލޭޒަރ ޝޯއެއްގެ އިތުރުން ކަލަރރަން އަކާއި ކުލައާއި ފެން ޖެހުން ވެސް އޮންނާނެ ކަމަށް މާފުށީ ކައުންސިލުން ބުންޏެވެ.
"ފިޠުރު ޢީދެކޭ އެއްފަދައިން މި ޢީދުގައި ވެސް ހަރަކާތްތަކުގައި ބައިވެރިިވުމުގެ ފުރުސަތު މިވަނީ އާންމުކޮށް އެންމެންނަށް ވެސް ހުޅުވައިލާފައި، އަދި މިހާރު ރޭވިފައިވާ ހަރަކާތްތަކުގެ އިތުރުންވެސް ތަފާތު ގިނަ ހަރަކާތްތައް މި އީދުގައި އޮންނާނެ އަދި ރާއްޔިތުންނަށް ދޭ ވަރަށް ހާއްސަ ސަޕްރައިޒެއްވެސް މިފަހަރުގެ އީދުގައި އޮންނާނެ،" ޞަލާހް ވިދާޅުވިއެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން, ތްރީ އޮން ތްރީ ފުޓްސަލް މުބާރާތް، ހޭންޑްބޯލް މުބާރާތް އަދި ކަލަރ ރަންގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުމަށް އަންނަ މަހުގެ 5-1 ދެމެދު ޕޯޓަލެއް ހުޅުވައިލާނެ ކަމަށާއި ޕޯޓަލް މެދުވެރިކޮށް ހަރަކާތްތަކުގައި ރަޖިސްޓްރީކޮށް އީދު ދުވަހާއި ގުޅިގެން ތައްޔާރުކުރާ ހާއްސަ ޓީޝާޓަށް އޯޑަރުކުރުމުގެ ފުރުސަތު ހުރިހާ ބޭފުޅުންނަށް ލިބިގެންދާނެކަމަށް މާފުށީ ކައުންސިލްގެ ފަރާތުން މައުލޫމާތު ދެއެވެ.
އީދު ދުވަހަށް ތައްޔާރުވަމުންދާއިރު، އީދު ފާހަގަކުރުމަށް މާފުށްޓަށް އަންނަން ބޭނުންވާ ފަރާތްތަކަށް ރަށަށް އައިސް ގޮސްވުމަށްޓަކައި އިތުރު ފެރީގެ ޚިދުމަތްތަކާއި ގެސްޓްހައުސްތަކުގައި ޚާއްސަ ޕެކޭޖުތަކެއް ވެސް ތައާރަފްކޮށް ރަށުގެ އަމަން އަމާންކަށް ކަށަވަރު ކުރުމަށް ޕޮލިހުންނާ އެކުވެސް މަޝްވަރާ ކުރެވެމުންދާކަމަށް ކައުންސިލްގެ ފަރާތުން މައުލޫމާތު ދެއެވެ.
ފިތުރު އީދަށް ރަށަށް ޒިޔާރަތްކުރި މީހުންނަށް ބަލައި އަޟްހާ އީދު ދުވަހަށް ގާތްގަނޑަކަށް 7500 އަށްވުރެ ގިނަ މީހުން ރަށަށް އަންނާނެ ކަމަށް ބެލެވޭ ކަމަށާއި، މިހާރު ވެސް ބައެއް ފަރާތްތަކުން ހޮޓާ އަދި ގެސްޓްހައުސްތައް ބުކްކުރަމުން ދާތީ، ދުރާލާ ލޯންޗު ޓިކެޓުތަކާއި ގެސްޓްހައުސްތަކުން ރޫމްތައް ބުކް ކުރުމަށް މާފުށީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
