މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ރޭ ކުޅުނު ޕްލޭއޮފްގެ ތިންވަނަ މެޗުގައި އިނގިރޭސި ވިކެޓްކީޕަރު ބެޓްސްމަން ޖޮސް ބަޓްލާ ހެދި ސައްތައާއެކު، ރޯޔަލް ޗެލެންޖާސް ބެންގަލޫރު ބަލިކޮށް ރާޖަސްތާން ރޯޔަލްސް އިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މީގެކުރީން، އެ ޓީމުން ފައިނަލަށް ދަތުރުކުރި ހަމައެކަނި ފަހަރު ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. އެއީ 2008 ވަނަ އަހަރުގެ މުބާރާތުގައެވެ.
ރާޖަސްތާނުން ރޭގެ މެޗު ކާމިޔާބުކުރީ ސީދާ ހަތް ވިކެޓުންނެވެ.
މެޗުން ޓޮސް ދިމާވުމުން ރާޖަސްތާނުން ގަސްދުކުރީ ހޮވަން އަރާށެވެ. ބެންގަލޫރުން ކުޅެންއަރައި 20 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން ހެދުނީ 157 ލަނޑެވެ. މުހިއްމު މެޗެއްގައި ނިސްބަތުން މިހާ ދަށް ސްކޯއަކަށް ބެންގަލޫރުގެ ކުޅުންތެރިން ނުބައިވިއިރު، އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ވިރާތު ކޯލީ ނުބައިވީ އެންމެ ހަތް ލަނޑަށެވެ. މީގެއިތުރުން، އެ ޓީމުގެ ކެޕްޓަން ފަފް ޑޫ ޕްލެސިސް އަށް ހެދުނީ 25 ލަނޑެވެ.
ބެންގަލޫރުގެ އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުނީ ޕްލޭއޮފްގައި ބެންގަލޫރު މޮޅުކޮށްދިނުމަށް ސައްތައެއްހެދި ރަޖަތު ޕަތީދަރު އެވެ. އެކަމަކު ރޭގެ މެޗުގައިވެސް އޭނާ އަށް މާބޮޑު ތަފާތެއް ނުދެއްކުނެވެ. ރަޖަތު ވަނީ 42 ބޯޅައިން 58 ލަނޑުހަދާފައެވެ. އެ ޓީމުގެ އޯލްރައުންޑަރު ގްލެން މެކްސްވެލް 13 ބޯޅައިން 24 ލަނޑުހެދިއެވެ.
މި އިނިންގްސްގައި ރާޖަސްތާނުން އެންމެ ރަނގަޅަށް އުކި ޕްރަސިދް ކްރިޝްނާ އާއި އޮބެޑް މެކްކޯއީ ކުރެން ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓްނެގިއެވެ. އެ ޓީމުގެ ރަވިޗަންދްރަން އަޝްވިން އާއި ޓްރެންޓް ބޯލްޓް ވެސް ވިކެޓެއްނެގިއެވެ.
ޖަވާބުގައި ރާޖަސްތާނުން ކުޅެންއަރައި 18.1 އޯވަރުގެ ތެރޭގައި މެޗު ކާމިޔާބުކުރީ، ބާކީ 11 ބޯޅަ އޮއްވާ ތިން ވިކެޓަށް 161 ލަނޑުހަދައިގެންނެވެ. އެ ޓީމަށް މި މެޗު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ބަޓްލާ ވަނީ ނުބައިނުވެ 60 ބޯޅައިން 106 ލަނޑުހަދާފައެވެ. މިއީ މިފަހަރުގެ ސީޒަނުގައި ބަޓްލާގެ ހަތަރުވަނަ ސައްތަ އެވެ.
ރާޖަސްތާން ޓީމުން ދެން އެންމެ ރަނގަޅަށް ކުޅުނީ އޯޕަނިން ބެޓްސްމަން ޔަޝަސްވީ ޖައިސްވަލް އެވެ. އޭނާ ވަނީ 13 ބޯޅައިން 21 ލަނޑުހަދާފައެވެ. އެ ޓީމުގެ ކެޕްޓަން ސަންޖޫ ސެމްސަން 21 ބޯޅައިން 23 ލަނޑުހެދިއެވެ. މި އިނިންގްސްގައި ބެންގަލޫރުގެ ޖޯޝް ހޭޒަލްވުޑް ދެ ވިކެޓްނެގިއިރު، ވަނިންދު ހަސަރަންގާ ވިކެޓެއްނެގިއެވެ.
މިފަހަރުގެ މުބާރާތުގެ ފައިނަލްގައި ރާޖަސްތާން ނިކުންނާނީ މުޅިން އަލަށް ވާދަކުރާ ގުޖުރާތު ޓައިޓަންސްއާ ދެކޮޅަށެވެ. ފައިނަލް މެޗު ކުޅެވޭނީ މާދަމާ ރޭގަނޑު 7 ޖަހާއިރު އެވެ.
