ފަތްކެޔޮ ނުވަތަ ދޮންކޭލަކީ އޭގެ ބާވަތްތައް ވަރަށް ގިނަ މޭވާއެކެވެ. ދޮންކޭލާއި، މާޅުސްކޭލާއި ފުސްކޭލާއި އަދި ބޮންތިރަތް ކޭލާއި އަދިވެސް ކިތަންމެ ވައްތަރެކެވެ. ދޮންވެފައިވާ ދޮންކޭލުން ލިބޭ ތަފާތު ގިނަ ފައިދާތަކެއް ހުރެއެވެ. މި ލިޔުމުގައި މި ބަލާލަނީ ދޮންކޭލުން ލިބޭ ފައިދާތަކުގެ މައްޗަށެވެ.

ދޮންކޭލުގައި ގައި އަދަދަކަށް ޕޮޓޭސިއަމް އާއި ފައިބަރުގެ ވައްތަރެއް ކަމަށްވާ ޕެކްޓިން ހުންނަ ކަމަށް، ސެން ޑިއޭގޯގެ މަޝްހޫރު ނިއުޓްރިޝަނިސްޓެއް ކަމަށްވާ ލޯރާ ފްލޮރެސްގެ ދިރާސާއެއްގައި އޭނާ ހާމަކޮށްފައި ވެއެވެ. އަދި މެގްނީޒިއަމް އާއި ވިޓަމިން ސީ އަދި ބީ6 ވެސް ދޮންކޭލުން ގިނަ އަދަދަކަށް ލިބެއެވެ.

ދޮންކޭލަކީ ދުޅަވުން މަދުކޮށް، ހަކުރުބަލީގެ ޓައިޕް 2، ޖެހުމުން ރައްކާތެރިކޮށްދީ، ބަރުދަން ލުއިކުރުމުގައި އެހީތެރިވެދީ، ނާރުތަކުގެ ނިޒާމު ވަރުގަދަކޮށްދީ، ހުދުލޭހަތާތައް އުފެއްދުމަށް އެހީތެރިވެދޭ އެއްޗެއްކަން ދިރާސާތަކުން ހާމަވެއެވެ. މި ހުރިހާ ކަމެއް ވެސް މެދުވެރިވަނީ ދޮންކޭލުގައި ހިމެނޭ ވިޓަމިން ބީ6 ގެ މިންވަރު މަތިވުމުން ކަމަށް ވެސް ފްލޮރެސް ގެ ދިރާސާގައި ވެއެވެ.

ދޮންކޭލުގައި ގިނައަދަދަކަށް ހުންނަ އެންޓިއޮކްސިޑެންޓްސް ގެ ސަބަބުން ހަށިގަނޑު ވިހަ ބޭރުވުމަށް އެހީތެރި ވެދެއެވެ. އަދި އަވިންނާއި ހަންގަނޑުގާ އުނގުޅާ ބައެއް ކެމިކަލް އެކުލެވޭ ލޯޝަންތަކުން ހަންގަނޑުގެ ތެރެއަށް ފޭދެމުންދާ ކެމިކަލް ނުވަތަ ވިހަ މާއްދާތައް ބޭރުކޮށްދިނުމަށްވެސް ދޮންކޭލުގައި ހުންނަ މި މާއްދާތައް އެހީތެރިވެދެއެވެ.

ހިތުގެ ބައެއް ބަލިތަކަށްވެސް ދޮންކޭލަކީ ފައިދާހުރި މޭވާއެކެވެ. ދޮންކޭލުގައި ހުންނަ ޕޮޓޭސިއަމްގެ މާއްދާއާއި މިނަރަލްތަކާއި އިލެކްޓްރޯލައިޓްސް ގެ މާއްދާތަކުން ކުދި ކުދި އެލެކްޓްރިކް ހަކަތަ ތަކެއް އުފެދެއެވެ. ނާރުތަކަށް މި ހަކަތަ ތަކުން މެސެޖު ފޯރުކޮށްދީ ހެދެއެވެ. ހިތުގެ މަސްތަކަށެވެ. އެއާއި އެކު ހިތުގެ މަސްތައް ހުއްޓުމެއް ނެތި އޭގެ ޒާތުގައި ހިނގަމުން ދެއެވެ. މިގޮތަށް ހަމަކޮށް ހިތުގެ ވިންދު ހިނގުމަކީ ހަށިގަނޑުވެ ހަތާތަކަގައި ހުންނަ ފެނުގެ މިންވަރު އެއް ހަމައެއްގައި ހިފަހައްޓައިދިނުމަށް އެހީތެރިވެދޭ ކަމެކެވެ. ކެެއުމުގައި، ލޮނު ގިނައިން ބޭނުންކުރުމުން ލޭގެ ޕްރެޝަރު އިތުރުވެދެއެވެ. އެއާއި އެކު ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ދޮންކޭލުގައި ހުންނަ ޕޮޓޭސިއަމްގެ ސަބަބުން ލޭހޮޅިތަަކަށް ހަމަޖެހިލެވި، ފުދި އިތުރުވާ ސޯޑިއަމް (ލޮނުގެ މިންވަރު) ބޭރުކޮށްދެއެވެ. އެއާއި އެކު ލޭގެ ޕްރެޝަރު ދަށްވެގެން ދެއެވެ.

ދޮންކޭލުގައި ހުންނަ ޓްރިޕްޓޮފަން ނަމަކަށް ކިޔާ މާއްދާއެއްގެ ސަބަބުން (ހަށިގަނޑުގައި ހިނގާ ހޯމޯން ތަކުގެ ތަރުތީބެއްގެ ސަބަބުން) އިންސާނާގެ މިޒާޖު ރަނގަޅުވާގޮތް ވެއެވެ. ޑިޕްރެޝަން އަދި އެންޒައިޓީ ފަދަ ބަލިތަކުން އިންސާނާގެ ސިކުނޑި އަޅުދާސްތުވިޔަ ނުދީ މިނިވަން ހިޔާލުތަކެއް ފަހުރުވެރި ކަމާއެކު ކުރެވުމަށް މަގުފަހި ކުރުވާ މެލަޓޮނިން އާއި ސެރޮޓޮނިން ނަމަކަށް ކިޔާ ހޯމޯން ތަކެއް ދޮންކޭލުގައި ހުންނ ޓްރިޕްޓޮފަން ގެ ސަބަބުން އުފެދެން ފަށައެވެ. އެހެންކަމުން މިއީ ޑިޕްރެޝަން އާއި އެންޒައިޓީފަދަ ބަލިތައް ތަހައްމަލު ކުރާ މީހުންނަށްވެސް ރަނގަޅު ކާނާއެއްކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ.

އަދިވެސް، އަދިވެސް ދޮންކޭލާއި ބެހޭގޮތުން ކިތަންމެ ވާހަކައެއް ދެއްކިދާނެއެވެ. ނަމަވެސް މި ލިޔުމުގައި މި ހިމަނާލީ އެންމެ އާންމުކޮށް އެންމެ ގިނައިން ދޮންކޭލުން ލިއްބައިދޭ މާއްދާތަކާއި އެ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގައި ހިނގާ ބައެއް ކަންތައްތަކުގެ މައްޗަށެވެ. ކަން މިހެން ހުރުމާއި އެކު ދޮންކެޔޮ ފަކުރު ކަމަށް ބުނެ ދޮންކެޔޮ ނުކާމީހުން، މިކަންކަމަަށް ވިސްނާ ދޮންކެޔޮ ކާން ވާނެއެވެ.