ކިރިޔާ ކާލާއިރަށް ބަނޑު ފުފިފައި ހުންނަ ނަމަ އެއީ ވައި އަރައިގެން ދިމާވާ ކަމެކެވެ. ބައެއް މީހުން ނުކައި ގިނަ އިރު ހުރުމުންވެސް މިކަން ދިމާވެއެވެ. މިހެން ދިމާވަނީ ގިނައިން ގޭސް އުފެދުމުން ނުވަތަ ހަޖަމްކުރުމުގެ ނިޒާމުގެ މަސްތަކަށް ވާ އުނދަގުލެއްގެ ސަބަބުންނެވެ. އަދި ބަނޑުގައި އޮއްޓަރުހުރި ކާނާއާއި ފެނުގެ އިތުރުން ގޭސްވެސް  ހުންނަންވާ ވަރަށްވުރެ އިތުރު ވުމުންނެވެ. މިހެން ވުމުން ބައެއް ފަހަރު ތަދުވެ އަދި އެތެރެއިން ފުރިފައިވާކަމުގެ އިހްސާސްވެ ބަނޑު ވަރަށް ބޮޑުވާނެއެވެ. އަދި ބަނޑުގެ މަސްތަކަށް ބާރުވާނެއެވެ. 16-30 އިންސައްތަ މީހުނަށް މިއީ ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. ސިއްޙީ މައްސަލައެއްގެ ސަބަބުން ވެސް މިކަން ދިމާވެދާނެއެވެ. ނަމަވެސް ގިނަ ފަހަރަށް މިހެން ދިމާވަނީ ނުގުޅޭ ކޮންމެވެސް އެއްޗެއް ކެވުމުންނެވެ.

ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް މިއީ ވަރަށް އުނދަގޫ އިޙުސާސެއް ކުރުވާކަމެކެވެ. އެހެންކަމުން މިކަމުން ލުއިހޯދުމަށް ކުރެވިދާނެ ކަންތަކަށް މިއަދު ބަލާލާނަމެވެ.

1. އެއްފަހަރާ ގިނައިން ނުކާށެވެ.

މާގިނައިން ކެއުމުން މިގޮތަށް ބަނޑުފުއްޕާނަމަ އަވަސް އަވަހަށް މަދުން ކައިގެން މިކަމަށް ބަދަލެއް އާދޭތޯ ބަލައިލާށެވެ. އަދި ކާއިރު ރަގަޅަށް ހަފައިގެން ކެއުމުންވެސް މިކަމުން ލުއި ލިބެއެވެ. ގިނައިން ހަފައިގެން ކާ ނަމަ ކެއުމުގެ ތެރޭގައި ބަނޑުގެ ތެރެއަށް ވައި ވަންނަވަރު މަދުވާނެއެވެ. އަދި މަދު އެތިކޮޅެއް ކެއުމުންވެސް ބަނޑުފުރޭކަމުގެ އިޙްސާސް ކުރެވޭނެއެވެ.

2. ނުގުޅޭ އެއްވެސް އެއްޗެއް ފާހަގަ ވެއްޖެނަމަ އެ އެއްޗެއް ކައުމުން ދުރުހެލިވާށެވެ

ކޮންމެ މީހަކަށްވެސް ނުގުޅޭ އެއްޗެހި ހުރެއެވެ. މިހެން ބަނޑުފުއްޕާނަމަ އެންމެ ފުރަތަމަ ބަލަންވާނީ ވަކި އެއްޗެއް ކެއުމުން މިކަމުގެ އުނދަގޫ ބޮޑުވޭތޯއެވެ. ދެން އެއްޗެއް ކެއުން މަދުކޮށްލާނީއެވެ. ވަރަށް ގިނަ މީހުންނަށް ލެކްޓޯސް އަދި ފުރުކްޓޯސް ހުންނަ ބާވަތްތައް ކެއުމުން ނުވަތަ ބުއިމުން މި އުނދަގޫވެއެވެ. އަނެއް ބަޔަކަށް ބިހާއި ގޮދަން އަދި ގްލޫޓެން ހުންނަ ބާވަތްތައް ކެއުމުން މިހެން ދިމާވެއެވެ. މިކަން ޔަގީންކޮށްލުމަށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދާލުން މުހިންމެވެ.

3. ވައި އެތެރެ ނުކުރާށެވެ

ބަނޑުގެ ތެރޭގައި ހުންނަ ބެކްޓީރިއާއިން ގޭސް އުފައްދާނެއެވެ. އަދި ކެއިންބުއިމުގައި ބަނޑުގެ ތެރެއަށް ވައި ވަންނާނެވެ. ޗުއިންގަމް ހެފުން، ހޮޅިން ދިޔާ އެއްޗެހި ބުއިން އަދި އަވަސް އަވަހަށް ނުވަތަ ވާހަކަ ދައްކަމުން ކެއުމުން މިހެން ދިމާވާނެއެވެ. އެންމެ ގިނައިން ވައި ވަންނާނީ ފިޒީ ޑްރިންސް ނުވަތަ ކާބޮނޭޓަޑް ބުއިންތަކުގެ ޒަރީއާއިންނެވެ.

4. ގިނައިން ގޭސް އުފައްފާ ތަކެތި ކެއުމުން ދުރުހެލިވާށެވެ

ފައިބަރ ގިނަ ކާތަކެތި ކަމަށްވާ ތޮޅި އަދި މުގުގެ ބާވަތްތަކުންވެސް ވަރަށް ގިނަ އަދަދަކަށް ގޭސް އުފައްދާނެއެވެ. ނަމަވެސް އެކަކަށް ކެއުމުން އުނދަގޫނުވާ އެއްޗެއް އަނެކަކަށް ގޭސް އުފައްދާ އެއްޗަކަށް ވާފަހަރުވެސް އާދެއެވެ. ސަރުބީ މަދު ކާނާއިން ގޭސް އުފައްދާ މިންވަރު މަދުވާނެއެވެ. މިގޮތުން ކެއުން ބަދަލުކޮށްލައިފި ނަމަ ބަރުދަން ލުއިކުރަންވެސް ފަސޭހަ ވާނެއެވެ.

5. އިރިޓަބްލް ބައުލް ސިންޑްރޮމް އަކީ ހަޖަމުގެ ނިޒާމުގެ އެންމެ އާންމު ބައްޔެވެ

ބެލެބޭ ގޮތުގައި 14 އިންސައްތަ މީހުނަށް މީގެ އުނދަގޫ ތަޙައްމަލު ކުރަން ޖެހެއެވެ. މީގެ އެންމެ އާންމު އަލާމާތްތަކަކީ ބަނޑުފުއްޕުމާ، ބަނޑަށް ތަދުވުމާ ހޮޑުލެވުމުގެ އިތުރުން ބަނޑުހަރުވުމެވެ. ދިރާސާތަކުން ހާމަވާ ގޮތުގައި ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް ހިމެނޭ ކާނާ ކެއުން މަދުކުރުމުން މިކަމަށް ލުއިކަން ލިބެއެވެ. މީގެ އިތުރުންވެސް ގޭސް ހެދުމަށް މެދުވެރިވާ ކާނާގެ ތެރޭގައި ގޮދަން، ފިޔާ، ލޮނުމެދު، ބްރޮކަލީ، ކެބެޖް، ކޮލިފްލާވަރ، ތޮޅި، އާފަލު، ކަރާ އަދި ޕެއަރސް ހިމެނެއެވެ. މިތަކެތި އާންމުކޮށް ކާނަމަ މިކަންވާނީ ވަރަށް އުނދަގޫކަމަށެވެ. ނަމަވެސް މިތަކެތި ކެއުމުގައި ނުހިމަނާ މިކަން އަޖުމަ ބަލާލުން ގޯހެއް ނޫނެވެ.

6. ޝުގަރ އަލްކޮހޯލް އަށް ރައްކާތެރިވާށެވެ

މިއީ ހަކުރުގެ ބަދަލުގައި ބޭނުން ކުރުން ރައްކާތެރި ކަމަށް ބެލެވޭ އެއްޗެކެވެ. ނަމަވެސް މީގެ ސަބަބުން ބަނޑުގައި ވައި ހެދެން ދިމާވެއެވެ. ޝުގަރ-ފްރީ ބާވަތްތަކުގައި ހިމެނޭ މި ހަކުރުން ގެއްލުން ލިބެނީ ވަރަށް ގިނަ އަދަދަކަށް ބޭނުން ކުރުމުންނެވެ. ނަމަވެސް މިއީ ވެސް ދުރުކޮށްލެވެންޏާ ދުރުކޮށްލުން މުހިންމު އެއްޗެކެވެ.

7. ހަޖަމްކުރުމަށް އެހީތެރިވެދޭ ބޭހެއް ބޭނުން ކުރާށެވެ

ޑައިޖެސްޓިވް އެންޒައިމްގެ ސަޕްލިމެންޓްގެ ގޮތުގައި، ބޭސް ސިޓިއަކާ ނުލާވެސް ލިބެން ހުންނަ މި ބޭހުން ވަރަށް އަވަހަށް އަސަރު ފެންނާނެއެވެ. މިބޭހުގެ ސަބަބުން ހަޖަމް ކުރުމަށް ގިނަ ވަގުތު ނަގާ ބާވަތެއް ކަމަށްވާ ކާބޯހައިޑްރޭޓްސް ހިމެނޭ ކާނާ ފަސޭހައިން ހަޖަމްކޮށްދޭނެއެވެ.

8. ބަނޑުހަރުވުމަށް ދިމާވެދާނެ ކަންކަމުން ދުރުހެލިވާށެވެ

ގަވާއިދުން ބޮޑުކަމުނުދެވޭ ނަމަވެސް ބަނޑުފުއްޕާގޮތް ވާނެއެވެ. މިކަމަށް އެންމެ ރަގަޅު ހައްލަކީ ގިނައިން ދިޔާ އެއްޗެހި ބޮއި އަދި ގަވާއިދުން ލުއި ކަސްރަތެއް ކުރުމެވެ.

9. ޕްރޯބަޔޮޓިކް ބޭނުން ކުރާށެވެ

 ބަނޑުފުއްޕަނީ ގޮހޮރުގައި ހުންނަ ބެކްޓީރިޔާގެ ސަބަބުންނެވެ. މީގެ ތެރޭގައި ވަރަށް ގިނަ ވައްތަރުގެ ބެކްޓީރިޔާ ހިމެނެއެވެ. ބަނޑުގައި ގޭސް ހެދި ބަނޑުފުއްޕުން ބިނާވެފައި އޮންނަނީ މިގޮތަށް ހުންނަ ބެކްޓިރިޔާގެ ބާވަތް ގިނަވުން ނުވަތަ އަދަދު ގިނަކަމުގެ މައްޗަށެވެ. ގިނަ ދިރާސާތަކަކުން ސާބިތުވާ ގޮތުގައި ޕްރޯބަޔޮޓިކްގެ ސަބަބުން ގޭސް ނައްތާލުމަށް ނުވަތަ މަދު ކުރުމަށް އެހީތެރިވެދެއެވެ.

10. ޕެޕަރމިންޓް އޮއިލްގެ ފަރުވާ ހޯދާށެވެ

ހަޖަމްކުރުމުގެ ނިޒާމުގެ މަސްތަކަށް އަންނަ ބަދަލަކުން ވެސް މިހެން ބަނޑުފުއްޕަން ދިމާވެދާނެއެވެ. މިކަމުގެ ހައްލު ޕެޕަރމިންޓް އޮއިލް އިން ލިބޭނެއެވެ. ވަރަށް ފަސޭހައިން ފިހާރަތަކުން ލިބެން ހުންނަ މި ތެލަކީ ބަނޑުފުއްޕުމުގެ އުނދަގޫ ކުޑަކުރުމަށް ދެވޭ ބޭހެއް ކަމަށްވާ އެންޓިސްޕާސްމޮޑިކްސް އާއި އެއްގޮތަށް މަސައްކަތް ކުރާ އެއްޗެކެވެ.

11. ސީރިއަސް މައްސަލައެއް ނެތްކަން ޔަގީންކުރުމަށް ޑޮކްޓަރަށް ދައްކާށެވެ

ކެވޭ އެއްޗެއްގެ އިތުރުންވެސް ހުންނަ ސިއްޙީ މައްސަލައެއްގެ ސަބަބުން މިހެން ދިމާވެދާނެއެވެ. އެހެންކަމުން މިކަން ޔަގީންކޮށް އެކަމަށް ފަރުވާ ކުރުމަށްޓަކައި ޑޮކްޓަރެއްގެ އިރުޝާދު ހޯދާށެވެ.