ޔުއެފާ ޗެމްޕިއަންސް ލީގު ހަތްވަނަ ފަހަރަށް ކާމިޔާބުކުރުމަށް އަމާޒުހިފައިގެން ނިކުތް ލިވަޕޫލަށް ހިތްދަތިކަން ގެނައުމަށްފަހު، ރެއާލް މެޑްރިޑުން 14 ވަނަ ފަހަރަށް އެ މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ މައްޗަށް ރެއާލުން ކުރިހޯދީ 1-0 އިންނެވެ.

ޗެމްޕިއަންސް ލީގު އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ ވެސް ރެއާލުންނެވެ. މީގެއިތުރުން، ރޭގެ މެޗުގައި ރެއާލަށް އިރުޝާދު ދިން ކާލޯ އަންޗެލޮޓީ ވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި އެ މުބާރާތް ހަތަރު ފަހަރަށް ކާމިޔާބުކުރި ހަމައެކަނި ކޯޗުގެ ޝަރަފު ހޯދާފައެވެ.

ޕެރިހުގެ ސްޓެޑް ޑެ ފްރާންސްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު ފޮނުވާލި ހަމަލާތައް ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ ވަނީ މަތަކޮށްފައެވެ. މި ހާފުގައި އެ ޓީމުގެ ސެނެގޯލް ފޯވާޑް ސަޑިއޯ މާނޭ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ކޯޓުއާ އެވެ. މުޅި މެޗުގައި ވެސް ރެއާލްގެ ގޯލަށް އަމާޒުކޮށް ސަލާހު ފޮނުވާލި ހަ ހަމަލާ ވެސް ކޯޓުއާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފުގައި ރެއާލުން ގޯލެއް ކާމިޔާބުކުރި ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ވަނީ އެ ލަނޑު ގަބޫލުނުކޮށްފައެވެ. އެއީ ބޯޅަ ފޮނުވާލުމުގެ ކުރީން ރެއާލްގެ ފޯވާޑް ކަރީމް ބެންޒެމާ އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

ރެއާލުން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު، 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވިނީޝަސް ޖޫނިއާ އެވެ. މިއީ އެ ޓީމުގެ އުރުގުއޭ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ ނެގި ހުރަހަކުން ވިނީޝަސް ކާމިޔާބުކުރި ގޯލެކެވެ. މިއީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ވިނީޝަސް ޖެހި ހަތަރުވަނަ ލަނޑެވެ.

ލިވަޕޫލް އަތުން ޖެހިޖެހިގެން ދެވަނަ ފައިނަލުން ރެއާލް މޮޅުވިއިރު، އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިހާތަނަށް ކުޅުނު 17 ފަހަރުގެ ތެރެއިން 14 ފަހަރު ތަށި އުފުލާލައިފައެވެ.