އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ފައިނަލްގައި ރޭ ރާޖަސްތާން ރޯޔަލްސް އަތުން ހަތް ވިކެޓުން ހޯދީ މޮޅާއެކު، ގުޖުރާތު ޓައިޓަންސް އިން ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މި ފަހަރުގެ އައިޕީއެލް އަކީ ގުޖުރާތު ޓީމުން ވާދަކުރި ފުރަތަމަ މުބާރާތެވެ. އަދި މިއީ ރާޖަސްތާނުން ފައިނަލްގައި ކުޅެ ބަލިވި ފުރަތަމަ ފަހަރެވެ. އެ ޓީމުން އަލަށް ފައިނަލަށް ދަތުރުކުރި ފަހަރު 2008 ވަނަ އަހަރު ވަނީ ތަށި އުފުލާލައިފައެވެ.

މެޗުން ޓޮސް ދިމާވުމުން ރާޖަސްތާނުން ކުޅެންއަރައި 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 130 ލަނޑެވެ. އެ ޓީމުގެ ޖޮސް ބަޓްލާ ފިޔަވައި އެހެން ބެޓްސްމަނަކަށް ރަނގަޅު ސްކޯއެއް ނުހެދުނެވެ. ބަޓްލާ ވަނީ 35 ބޯޅައިން 39 ލަނޑުހަދާފައެވެ. ދެން ކިރިޔާވެސް ހިތްވަރެއް ކުރެވުނީ ޒުވާން އޯޕަނިން ބެޓްސްމަން ޔަޝަސްވީ ޖައިސްވާލް އެވެ. އޭނާ ވަނީ 16 ބޯޅައިން 22 ލަނޑުހަދާފައެވެ.

މި އިނިންގްސްގައި ގުޖުރާތުން އެންމެ ރަނގަޅަށް އުކީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އެ ޓީމުގެ ކެޕްޓަން ހާޑިކް ޕާންޑްޔާ އެވެ. އޭނާ ވަނީ ހަތަރު އޯވަރުގެ ތެރޭގައި 17 ލަނޑަށް ތިން ވިކެޓްނަގާފައެވެ. ދެން އެންމެ ރަނގަޅަށް އުކީ ދެ ވިކެޓްނެގި ރަވީސްރިނިވާސަން އެވެ.

ޖަވާބުގައި ގުޖުރާތުން ކުޅެންއަރައި 18.1 އޯވަރުގެ ތެރޭގައި މެޗު ކާމިޔާބުކުރީ، ބާކީ 11 ބޯޅަ އޮއްވާ ތިން ވިކެޓަށް 133 ލަނޑުހަދައިގެންނެވެ. އެ ޓީމަށް މި މެޗު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ ނުބައިނުވެ 19 ބޯޅައިން 32 ލަނޑުހެދި ޑޭވިޑް މިލާ އެވެ. މީގެއިތުރުން، ނުބައިނުވެ 43 ބޯޅައިން 45 ލަނޑުހެދި ޝުބްމަން ގިލް އާއި 34 ލަނޑުހެދި ހާޑިކްގެ ކުޅުން ފާހަގަކޮށްލެވެއެވެ. ރާޖަސްތާންގެ އުކުންތެރިންކަމަށްވާ ޓްރެންޓް ބޯލްޓް އާއި ޕްރަސިދު ކްރިޝްނާ އަދި ޔުޒްވެންދުރަ ޗަހާލް ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ.

މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމުދިންއިރު، އެމްވީޕީ އެވޯޑާއި، އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިޔާ އަށް ދޭ އޮރެންޖް ކެޕްގެ އިތުރުން އެންމެ ގިނަ ފަހަރު ހަޔަކަށް އަދި ހަތަރަކަށް ޖެހި ކުޅުންތެރިއަކަށް ހޮވުނީ ރާޖަސްތާންގެ ބަޓްލާ އެވެ. އޭނާ ވަނީ މިފަހަރުގެ މުބާރާތުގައި ޖުމްލަ 863 ލަނޑުހަދާފައެވެ. މުޅި މުބާރާތުގައި އެންމެ ގިނަ ވިކެޓްނެގީ ރާޖަސްތާންގެ ޗަހާލް އެވެ. އޭނާ ވަނީ 27 ވިކެޓްނަގާފައެވެ. ކޮންމެ މުބާރާތެއްގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިއަކަށްދެމުން އަންނަ އެމާޖިންގ ޕްލޭޔާ އޮފް ދަ ސީޒަން ހޯދީ ސަން ރައިޒާސް ހައިދަރުއާބާދުގެ އުކުންތެރިޔާ އުމްރާން މަލިކް އެވެ.