އެމެރިކާގެ ނޭޝަނަލް ބާސްކެޓްބޯޅަ ލީގު (އެންބީއޭ)ގެ އީސްޓަން ކޮންފަރެންސް ފައިނަލްގައި މިއާމީ ހީޓް ބަލިކުރުމަށްފަހު ބޮސްޓަން ސެލްޓިކްސް އިން އެންބީއޭ ފައިނަލްސް އަށް ދަތުރުކޮށްފިއެވެ.
މިފަހަރުގެ އެންބީއޭ ފައިނަލްސްގައި ސެލްޓިކްސް ނިކުންނާނީ ފޭވަރިޓުންގެ ގޮތުގައި އޮތް ގޯލްޑަން ސްޓޭޓް ވޯރިއާސްއާ ދެކޮޅަށެވެ. ވޯރިއާސް އިން ފައިނަލަށް ދަތުރުކުރީ ވެސްޓަން ކޮންފަރެންސްގެ ފައިނަލްގެ ބެސްޓް އޮފް ސެވަން ސީރީޒްގައި 4-1 އިން ޑަލަސް މޭވްރިކްސް ބަލިކޮށްގެންނެވެ.
މިއާމީގައި ކުޅުނު ޕްލޭއޮފްސްގެ އީސްޓަން ކޮންފަރެންސް ފައިނަލްގެ ހަތްވަނަ މެޗުން ސެލްޓިކްސް މޮޅުވީ 100-96 އިންނެވެ. ސެލްޓިކްސް އިން އީސްޓަން ކޮންފަރެންސްގެ ޗެމްޕިއަންކަން ހޯދީ ބެސްޓް އޮފް ސެވަން ސީރީޒް 4-3 އިން ކާމިޔާބުކޮށްގެންނެވެ.
މިއަދުގެ މެޗަށް ނިކުތްއިރު އީސްޓަން ކޮންފަރެންސްގެ ފައިނަލްގައި ކުޅުނު ހަ މެޗަށްފަހު ދެ ޓީމު އޮތީ 3-3 އިން އެއްވަރުވެފައެވެ. މި ސީރީޒްގެ ފުރަތަމަ މެޗު މިއާމީ އިން 118-107 ގެ ތަފާތަކުން ކާމިޔާބުކޮށްފައިވަނިކޮށް، ސެލްޓިކްސް އިން ދެވަނަ މެޗު ގެންދިޔައީ 127-102 އިންނެވެ. އެކަމަކު، ތިންވަނަ މެޗު މިއާމީން 109-103 އިން ގެންގޮސްފައިވަނިކޮށް، ސެލްޓިކްސް އިން ވަނީ ހަތަރުވަނަ މެޗުން 102-82 ބޮޑު ތަފާތަކުން މޮޅެއް ހޯދައި ސީރީޒް 2-2 އިން އެއްވަރުކޮށްފައެވެ. އަދި އޭގެފަހުން، ފަސްވަނަ މެޗުން ސެލްޓިކްސް މޮޅުވީ 93-80 އިންނެވެ. ނަމަވެސް، މިއާމީން ވަނީ 111-103 އިން ހަވަނަ މެޗު ކާމިޔާބުކޮށް، ބެސްޓް އޮފް ސެވަންގެ ފަހު މެޗާއި ހަމައަށް ފައިނަލް ދިގުދަންމާލައިފައެވެ.
އެފްޓީއެކްސް އެރީނާގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު، ސެލްޓިކްސް އިން އޮތީ 32-17 ގެ ތަފާތަކުން ކުރީގައެވެ. އެކަމަކު، މިއާމީން ވަނީ ދެވަނަ ކުއާޓާގައި 32-23 އިން ކުރިހޯދާފައެވެ. މިއާއެކު، ސެލްޓިކްސް އިން ހާފް ނިންމާލީ 55-46 ޕޮއިންޓްގެ ތަފާތަކާއެކު ހަ ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ.
ތިންވަނަ ކުއާޓާގައި ފޯރިގަދަ، ވާދަވެރި ކުޅުމަކަށްފަހު ސެލްޓިކްސް އިން ކުރިހޯދީ 27-26 އިންނެވެ. އެކަމަކު، ދެން ޖެހިގެންއައި ފަހު ކުއާޓާގައި 21-18 އިން މިއާމީ ގެންދިޔަނަމަވެސް އޭރު ވަގުތު ވަނީ ފާއިތުވެފައެވެ. މި މެޗުގެ ނަތީޖާ ސެލްޓިކްސް ކޮޅަށް ބުރަވީ މައިގަނޑު ސަބަބަކަށްވީ އެ ޓީމުން ފުރަތަމަ ކުއާޓާގައި ނެގި 15 ޕޮއިންޓްގެ ބޮޑު ލީޑެވެ.
މި މެޗުން ސެލްޓިކްސް މޮޅުކޮށްދިނުމުގައި އިސްދައުރެއް އަދާކުރީ ޖޭސަން ޓެޓޫމް އެވެ. ޓެޓޫމް ވަނީ 26 ޕޮއިންޓާއެކު، 10 ރީބައުންޑްނަގައި، 6 އެސިސްޓް ހަދާފައެވެ. މީގެއިތުރުން، އެ ޓީމުގެ ޖޭލެން ބްރައުން އާއި މާކަސް ސްމާޓްގެ ކުޅުން ފާހަގަކޮށްލެވުނެވެ. މި ދެ ކުޅުންތެރިން ކުރެން ކޮންމެ ކުޅުންތެރިއަކު 24 ޕޮއިންޓް އެއްކުރިއެވެ.
މިއާމީގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ ޖިމީ ބަޓްލާ ވަނީ 35 ޕޮއިންޓާއެކު، ނުވަ ރީބައުންޑް ނަގާފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ބޭމް އަޑެބާޔޯ ވަނީ 25 ޕޮއިންޓާއެކު 11 ރީބައުންޑް ނަގައި، ހަތަރު އެސިސްޓް ހަދާފައެވެ.
މިއަހަރުގެ އެންބީއޭ ފައިނަލްސްގައި ސެލްޓިކްސް އިން ވޯރިއާސްއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު އޮންނާނީ ޖޫން މަހުގެ ދެވަނަ ދުވަހު އެވެ. އެންބީއޭ ފައިނަލްސްގެ ބެސްޓް އޮފް ސެވަން ސީރީޒްގެ ހަތް މެޗުގެ ތެރެއިން ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ވޯރިއާސްގެ ހޯމް ކޯޓުގައެވެ. އެއީ ދެ ޓީމުގެ ދެމެދުގައި ކުޅުނު މެޗުތަކަށްފަހު ހެޑް-ޓު-ހެޑް ރެކޯޑް އެއްވަރުވުމުން، ރެގިއުލާ ސީޒަންގައި ދެ ޓީމު ނިންމާލި މަގާމަށް ބަލައިގެން ވޯރިއާސް އަށް ކުރިލިބިގެންނެވެ.
