ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ)އިން، އެކުންފުނީގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް، ހިއްސާއަކަށް 65 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ ކްރޮސްރޯޑްސް މެރީނާގައި މިރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.

މިރޭގެ ޖަލްސާގައި ހިއްސާގެ ފައިދާއަށް ބެހޭ މިންވަރުގެ ގޮތުގައި 65ރ. ފާސްވެގެންދިޔައީ، ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 99.91 އިންސައްތަ ވޯޓު ދީގެންނެވެ.

ޖަލްސާގައި ބައިވެރިވެފައިވަނީ ތަނަށް ހާޒިރުވި 157 ހިއްސާދާރުންނާއި ޕްރޮކްސީގެ ގޮތުގައި ބައިވެރިވި 689 ހިއްސާދާރުންނާއެކު ޖުމުލަ 782 ހިއްސާދާރުންނެވެ. އެެއީ ޖުމުލަ 946،640 ހިއްސާއެވެ. ޖަލްސާގައި ބައިވެރިވީ 84 އިންސައްތަ ހިއްސާދާރުންނެވެ.

ވޯޓުގައި ތަމްސީލްކުރި ޖުމްލަ 946،159 ހިއްސާއިން ފެންނަ ކަމަށް 945،832 ހިއްސާ ލިބިފައިވާއިރު ނުފެންނަ ކަމަށް ލިބިފައިވަނީ 327 ހިއްސާއެވެ. ވޯޓުގައި ތަމްސީލް ނުކުރައްވާ 481 ހިއްސާއެއް އޮތެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ ހިސާބުތައް ދައްކާގޮތުން، މުޅި ގްރޫޕްގެ ސާފު ފައިދާއަކީ 186 މިލިއަން ރުފިޔާ އެވެ. އޭގެކުރީ އަހަރު (2020 ވަނަ އަހަރު) އެސްޓީއޯ ގްރޫޕަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 127 މިލިއަން ރުފިޔާ އެވެ. އަދި އެސްޓީއޯ ގްރޫޕްގެ އެހެން ކުންފުނިތައް ނުހިމަނައި ޕޭރެންޓް ކުންފުނީގެ ފައިދާ ހިސާބުކުރުމުން ޓެކްސްއަށް ފަހު ސާފު ފައިދާއަކީ 487 މިލިއަން ރުފިޔާ އެވެ. މިއީ 2020 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 359 މިލިއަން ރުފިޔާއާ އަޅައި ބަލާއިރު 47 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެސްޓީއޯ އިން ހިއްސާއަކަށް ބެހީ 60 ރުފިޔާއެވެ.

އެސްޓީއޯ އަކީ ދިވެހި ސަރުކާރު 82 އިންސައްތަ ހިއްސާ އަދި އާންމުންގެ 18 އިންސައްތަ ހިއްސާވާ ޕަބްލިކް ކުންފުންޏެކެވެ. އެސްޓީއޯގެ ސަބްސިޑިއަރީތަކުގެ ގޮތުގައި ނުވަ ކުންފުންޏެއް ދަނީ ހިންގަމުންނެވެ.