ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ފިއުލް ސްޓޯރޭޖަކާއެކު އިންޓަރނޭޝަނަލް ބަންކަރެއް އިހަވަންދިއްޕޮޅުގައި ގާއިމްކުރަން ނިންމާފައިވާކަން ހާމަކޮށްފައިވަނީ ރޭ މެރީނާ ކްރޮސްރޯޑުިގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.
ރޭގެ ޖަލްސާގައި އެސްޓީއޯގެ އަހަރީ ރިޕޯޓު ހުށައަޅައިދެއްވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަމްރު ވިދާޅުވީ، ރާއްޖޭގައި ފުޅާވަމުންދާ ފަތުރުވެރިކަމާއެކު ރާއްޖޭގައި ތެޔޮ ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަމަށެވެ.
އަދި މިހާރު ތެޔޮ ރައްކާކުރަމުންދާ ފުނަދޫގައި ތެޔޮ ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް ރަށް ބޮޑުކުރެވެން ނެތްއިރު، ތެޔޮ ރައްކާކުރުމަށް ސްޓްރެޓެޖިކް ފިއުލް ސްޓޯރޭޖެއް ގާއިމް ކުރުން މުހިންމު ކަމަށެވެ.
ރާޢްޖޭގައި އިހަވަންދިއްޕޮޅު އޮންނަ 1 ޑިގްރީ ލޮކޭޝަން ނުވަތަ މާމާލި ކަނޑަކީ އިރުމައްޗާއި ހުޅަގުން ދުވާލަކު 300 އަށްވުރެ ގިނަ އާގުބޯޓު ދަތުރުކުރާ ލޮކޭޝަނެއް ނަމަވެސް އެ ބޯޓު ތަކަށް ބޭނުންވާ ހިދުމަތް ދޭނެ މާގިނަ ގޮތެއް ފަހިވެފައި ނެތް ސަރަހައްދެއްކަމުން، އެ ސަރަހައްދުގައި ތެޔޮ ރައްކާކުރެވޭނެ ސްޓްރެޓެޖިކް ފިއުލް ސްޓޯރޭޖަކާއެކު އެ ސަރަހައްދުން ދަތުރުރު ކުރާ އާގު ބޯޓުތަކަށް ބޭނުންވާ ހިދުމަތްތައް ދެވޭނެހެން އިންޓަރނޭޝަނަލް ބަންކަރެއް ގާއިމްކުރުމަކީ އޭގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށާއި ކުންފުނީގެ ކުރިއެރުމަށް ފައިދާކުރާނެ ކަމެއްގެ ގޮތުގައި ދެކޭތީކަމަށެވެ.
މި ޕްރޮޖެކްޓް ފަށާނެ ތާރީޙް އަދި ބަޖެޓްގެ މައުލޫމާތު އަދި ހާމަކޮށްފައި ނުވާއިރު އެސްޓީއޯގެ ވިސްނުމަކީ ފްލޯޓީން ސްޓޯރޭޖެއްގެ ވިސްނުމާއި އެއްގޮތައް ޕްރޮޖެކްޓް ކުރިއަށްގެންދިއުމެވެ.
އެސްޓީއޯއިންވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތެޔޮ ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އިތުރު ހަތަރު ބާޖް އެފްއެސްއެމްގެ ދަށުން ގެނައުމަށް ނިންމާފައެވެ. އަދި މީގެއިތުރުންވެސް، އެ ކުންފުނީގެ ދަށުން ހިންގާ ކުންފުނިތަކާއެކު އެސްޓީއޯ އިން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ގިނަ މުހިއްމު ޕްލޭންތައް ރާވާފައިވާކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.
