މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުގައި ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އުޅޭ ސާބިއާގެ ނޮވަކް ޖޮކޮވިޗް ބަލިކޮށް ސްޕެއިނުގެ ރަފައެލް ނަޑާލް ވަނީ އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

ރޭގެ މެޗާއި ހަމައަށް އައިއިރު ޖޮކޮވިޗް ވަނީ ނަޑާލްގެ މައްޗަށް މިހާތަނަށް ކުޅުނު 30 މެޗުން މޮޅުވެފައެވެ. މި މެޗުން ހޯދީ މޮޅާއެކު، ޖޮކޮވިޗް އަތުން ނަޑާލް މޮޅުވި މެޗުގެ އަދަދު ވަނީ 29 އަށް އަރާފައެވެ. އަދި މި މުބާރާތުގައި ދެ ކުޅުންތެރިންގެ ހެޑް-ޓު-ހެޑް ރެކޯޑުގައި ނަޑާލް އުޅެނީ 8-2 އިން ކުރީގައެވެ. މީގެއިތުރުން، ބޮޑެތި މުބާރާތްތަކުގައި ވެސް 11-7 އިން ކުރީގަ އުޅެނީ ނަޑާލް އެވެ.

ޕެރިހުގައި ހުންނަ ރޮލާންޑް ގަރޮސް ސްޓޭޑިއަމްގެ ފިލިޕް ޝެޓްރިއާ ކޯޓުގައި ރޭ ކުޅުނު މެޗު ހަތަރު ގަޑިއިރަށް ދެމިގެންދިޔައިރު، މި މެޗުގެ ސެޓުތައް ނަޑާލް ގެންދިޔައީ 6-2، 4-6 އާއި 6-2 އަދި 7-6 (7-4) އިންނެވެ.

ހުކުރު ދުވަހު ކުޅޭ މި މުބާރާތުގެ ސެމީ ފައިނަލްގައި ނަޑާލް ނުކުންނާނީ ޖަރުމަނުގެ އެލެގްޒެންޑާ ޒްވެރެވްއާ ދެކޮޅަށެވެ. މުބާރާތުގައި ތިންވަނަ އަށް ސީޑްކުރެވިފައިވާ ޒްވެރެވް ސެމީ އަށް ދަތުރުކުރީ ކުއާޓާ ފައިނަލްގައި ސްޕެއިނުގެ އަލްކަރާޒްއާ ދެކޮޅަށް ހަތަރު ސެޓު ކުޅެގެން، 6-4، 6-4 އާއި 4-6 އަދި 7-6 (9-7) އިން ކުރިހޯދައިގެންނެވެ.

"ކްލޭ ކޯޓުގެ ރަސްގެފާނު" ގެ ގޮތުގައި މަޝްހޫރުވެފައިވާ ކުރީގެ އެއްވަނަ ކުޅުންތެރިޔާ ނަޑާލް އަކީ ފްރެންޗް އޯޕަން އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މި މުބާރާތް 13 ފަހަރު އުފުލާލައިފައެވެ. ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް 21 ފަހަރު ހޯދައިގެން އެ ރެކޯޑް އޮންނަނީ ވެސް ނަޑާލް އަތުގައެވެ.