ލީސިން ޕާޓްނަރުން މެދުވެރިކޮށް އެސްޓީއޯގެ ކްރެޑިޓް ސްކީމަށް މުދާ ނެގުމުގެ ހިދުމަތް އެސްޓީއޯއިން ފަށައިފިއެވެ. 

މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ އެސްޓީއޯ ޕީޕަލްޗޮއިސްގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް މުހައްމަދު ޝިފާން އެވެ. 

މި ހިދުމަތާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޕީޕަލްސް ޗޮއިސްގެ ސްޓޯރ މެނޭޖަރ އަބްދުﷲ ސައީދު ވިދާޅުވީ، އަލަށްފެށި އެ ހިދުމަތަކީ، އެސްޓީއޯ ސުޕަރމާޓް ބަދަލުތަކާއެކު އަލުން ހުޅުވިފަހުން އާންމުގެ ފަރާތުން އެކަމަށް ބޭނުންވެ އެދެމުން ދިއުމުން، ފަސޭހަކަމާއެކު އަގު ބޮޑެތި މުދާތައް އިންސްޓޯލްމަންޓަށް ކަސްޓަމަރުންނަށް ބައްލަވައިގަތުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ފެށި ހިދުމަތެއް ކަމަށެވެ. 

އެސްޓީއޯގެ މި ހިދުމަތުގެ ދަށުން ސަރުކާރުގެ މުވައްޒަފުންނާއި، އެސްޓީއޯގެ ކްރެޑިޓަށް އެއްބަސްވެފައިވާ ކުންފުނިތަކުން ބޭނުންވާ ތަކެތި އެސްޓީއޯ އާއި، އެސްޓީއޯ ސުޕަރމާޓުގައި މުދާ ވިއްކާ ލީސިން ޕާޓްނަރުން މެދުވެރިކޮށް އިންސްޓޯލްމަންޓަށް ތަކެތި ބައްލަވާ ގަނެވޭނެއެވެ.

މިވަގުތު އެސްޓީއޯ ސުޕާމާޓުގައި މުދާ ވިއްކާ އެހެން ވިޔަފާރިތަކަކީ ސިޓީ ބޭކަރީ، ނޯޓް ކޮސްމެޓިކްސް، ޕޮއިސް، މެކްސްކޮމް، މެރަތަން، އަސްރަފީ ބުކްޝޮޕް އަދި ޕީކް-އަ-ބޫ އެވެ.

އެ ހުރިހާ ވިޔަފާރިތަކުން ވިއްކާ މުދާ މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ލިބެން ހުރިއިރު އެ ފިހާރަތަކުން ލިބޭ ތަކެތި އެސްޓީއޯ ކްރެޑިޓް ސްކީމްގެ ދަށުން ބައްލަވާ ގަނެވޭނެއެވެ.