ކެޓަރެކްޓަކީ ލޮލުގެ ލެންސުގައި އުފެދޭ ފުސް "ވިލާގަނޑެއް" ފަދަ ސަރަހައްދެކެވެ. ކެޓަރެކްޓް އުފެދެނީ ލޮލުގައި ހުންނަ ޕްރޮޓީންތައް ޖަމާވެ، ލޮލުގެ ލެންސް އިން "ރެޓިނާއަށް" ސާފު ތަސްވީރުތައް ފޮނުވުމުގައި އުނދަގޫކަމެއް ހުންނާތީއެވެ. ރެޓިނާ އަކީ ލޮލުގެ ފަހަތުން، ލޮަލަށް ފެންނަ ތަސްވީރު، ލޮލުގެ ހިއްސީ ނާރަށް ފޯރުކޮށްތޭ ތަނެވެ. އެތަނުގައި ލެންސް މެދުވެރިކޮށް އަންނަ އަލި "ސިގްނަލްތަކަށް" ބަދަލުކޮށްލައެވެ. އެއީ ލޮލުގެ ހިއްސީ ނާރަށް ސިގްނަލްތައް ފޮނުވައިދޭ ތަނެވެ.
ކެޓަރެކްޓަކީ މަޑުމަޑުން ބޮޑުވެ، އެންމެ ފަހުން ތިބާގެ ފެނުމަށް ހުރަސްއެޅޭ ބައްޔެކެވެ. ދެ ލޮލުގައި ވެސް ކެޓަރެކްޓް އުފެދިދާނެއެވެ. ނަމަވެސް އާންމުކޮށް އެއްފަހަރާ ދެލޮލުގައި އުފެދުމަކީ ވަރަށް ނާދިރު ކަމެކެވެ. އުމުރުން ދުވަސްވީ މީހުންނަށް ކެޓަރެކްޓް ޖެހުމަކީ އާންމު ކަމެކެވެ. އެމެރިކާގެ އުމުރުން ދުވަސްވީ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ކެޓަރެކްޓް ޖެހިފައިވާ، ނުވަތަ އުމުރުން 80 އަހަރު ފުރޭއިރު ކެޓަރެކްޓްގެ އޮޕަރޭޝަން ކޮށްފައިވާ މީހުން ކަމަށް "ނޭޝަނަލް އައި އިންސްޓިޓިއުޓް ޓްރަސްޓްޑް ސޯސް" އިން ވަނީ ބުނެފައެވެ.
މި ހާލަތު ކުރިމަތިވުމުން، ފެންނަ އާންމު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ، ފެނުން ފުސްވުމާއި، ރޭގަނޑުވުމުން ފެނުމަށް އުނދަގޫވުމާއި، ކުލަތައް ފަނޑުވުމާއި، އަލިތަކުގެ ވިދުން ގަދަކޮށް ފެނުމާއި، ބަލިޖެހިފައިވާ ލޮލުން، ދެ މަންޒަރު ފެނުމާއި އަދި އައިނު އަޅާ މީހެއްނަމަ އަވަސް އަވަހަށް އައިނުގެ ނަންބަރު ބަދަލު ކުރަން ޖެހުން ހިމެނެއެވެ.
ކެޓަރެކްޓް ޖެހުމަށް މެދުވެރިވާ ބައެއް ސަބަބުތައް ޑަޖްޓަރުން ފާހަގަ ކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ، އާންމު ދިރިއުޅުމުގައި ވެސް ކެމިކަލް ގޮތަށް ބަދަލުވެފައިވާ އޮކްސިޖަން މޮލިކިއުލްތަކެއް ކަމަށްވާ އޮކްސިޑެންޓްތައް މާގިނައިން އުފެއްދުމެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާއި، އަލްޓްރާވައިލެޓް ރޭޑިއޭޝަން އާއި، "ސްޓިރޯއިޑްސް" ގެ ބޭސްތަކާއި އެހެނިހެން ބޭސްތައް ދިގު މުއްދަތަކަށް ބޭނުން ކުރުމާއި، ހަކުރުބައްޔާއި ލޭމައްޗަށް ދިއުންފަދަ ދާއިމީ ބައްޔެއް ހުރުމާއި އަދި ލޮލަށް ލިބޭ އަނިޔާތަކުގެ ސަބަބުންވެސް މި ފުސް "ވިލާގަނޑު" ލޮލުގައި އުފެދިދާނެއެވެ.
މިއީ ބޭސް ބޭނުން ކޮށްގެން ބޮޑުވަރު ވިޔަ ނުދީ ކޮންޓްރޯލް ކުރެވިދާނޭ ހާލަތެކެވެ. ނަމަވެސް ބޮޑުވަރުވެ، ފެނުމަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނަމަ، ކުޑަކުޑަ ސާޖަރީއެއް ކޮށްލައިގެން މިއީ ރަނގަޅު ކުރެވޭ ކަމެކެވެ. އެއީ ލޮލުގެ ލެންސުން، މި ފުސްގަނޑު ކަހާލާ އޮޕަރޭޝަނެކެވެ.
ލޮލާއި ފެނުމުގެ ނިއުމަތަކީ އަހަރެމެންގެ ދިރިއުޅުމުގައި ވަރަށްވެސް އަސާސީ ނިއުމަތެކެވެ. އެހެންކަމުން ލޮލާއި ފެނުމުގެ ދުޅަހެޔޮކަން އޭގެ އެންމެ ހެޔޮގޮތުގައި ބެހެއްޓުމަށް އަހަރެމެން އެންމެންވެސް ސަމާލުވެ ފަރުވާތެރިވާން ވާނެއެވެ.
