ބޮލީވުޑްގައި ހިނގަމުންދާ މަސްތުވާ ތަކެތީގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަށް، ތަހުގީގަށް އެއްބާރުލުން ދިނުމަށް މުމްބައިއަށް އަންނަން ފަށައިފިއެވެ. ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ޗިޓް ފޮނުވި ފަންނާނުންގެ ތެރެއިން ސާރާ އަލީ ޚާން އަދި ދީޕިކާ ޕަދުކޯން މިއަދު ވަނީ މުމްބައި އަށް ގޮސްފައެވެ. ދީޕިކާ ޕަދުކޯން މުމްބައި އަށް ގޮސްފައިވަނީ ފްލައިޓެން ޗާޓަރކޮށްގެނެވެ. ޑްރަގް ޕާޓީތަށް އިންތިޒާމް ކުރާ ކަމަށް ތުހުމަތު ކުރެވޭ ކަރަން ޖޯހަރު އަށް އެން.ސީ.ބީގެ ޗިޓް ރައްދު ކުރެވޭ ގޮތެއް އަދި ނުވެއެވެ. ޚަބަރު ލިބޭ ގޮތުގައި ގޯއާގައި ކަރަން ޗުއްޓީ ހޭދަކުރަމުންދަނީ އަކްޝޭ ކުމާރުގެ ބަނގަލޯއެއްގައެވެ. އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާ އާއި ކަރަން ޖޯހަރު އަކީ ވަރަށް ގާތް ދެ  އެކުވެރިންނެވެ.

ދީޕިކާ ޕަދުކޯން އެން. ސީ. ބީއަށް ހާޟިރުވާން ޖެހެނީ މާދަމާގެ ގަޑިއަކަށެވެ. އަދި މި އެގަޑިއަށް ދީޕިކާގެ މެނޭޖަރ ކަރިޝްމާ ޕްރަކާޝް އަށް ވެސް ވަނީ ޗިޓް ފޮނުވިފައެވެ. މަސްތުވާ ތަކެތި ގަތުމަށް ބަދަލު ކުރެވިފައި ހުރި މެސެޖްތަކާއި ބެހޭގޮތުން ދެމީހުން އެކުގައި ބައިތިއްބައިގެން ސުވާލު ކުރެވޭނެއެވެ. މި މެސެޖްތަކުގައި ދީޕިކާ ކަމަށް ބެލެވޭ މީހަކު ބުނެފައިވަނީ، އޭނާ އަށް ވީޑް ކަމު ނުދާ ކަމަށާ ބޭނުން ވަނީ ހޭޝް އޮއިލް ކަމަށެވެ. މިކަމުގެ ހަގީގަތް މާދާމާގެ ތަހުގީގަށް ފަހު ސާފުވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މިއީ ދީޕިކާ ފަދަ އޭ-ލިސްޓްގެ ފަންނާނެއްގެ މުޅި ފިލްމީ ކެރިއަރު ބަރުބާދު ވެގެން ހިނގައިދާނެ ކަމެކެވެ. މިކަމުގައި ދީޕިކާއަށް ބޮޑު ހާސްކަމެއް ވަނީ ކުރިމަތި ވެފައެވެ. އިއްޔެގެ ވަގުތެއްގައި މިކަމާ ގުޅިގެން ދީޕިކާ ވަނީ 12 ވަކީލުންނާ އެކު ވީޑިއޯ ކޮންފަރެންސެއް ބާއްވާފައެވެ. މިކަމުގެ ތެރެއިން ނިކުމެވޭނެ މަގެއް އޮތްތޯ ބެލުމަށެވެ. މީގެ ތެރޭގައި ހިމެނެނީ މުމްބައި ގެ ވަކީލުންނެއް ނޫނެވެ. މިއީ ދިއްލީއަށް ނިސްބަތްވާ އަދި ކޮންގްރެސް ޕާޓީއާ ގުޅުން ހުރި ނަން މަޝްހޫރު، ޖިނާޢީ ކުށްތަކުގެ ދިފާޢީވަކީލުންނެވެ. ނަމަވެސް މާދަމާގެ ތަހުގީގަށް ދީޕިކާ އާއި އެކުގައި ވަކީލުންނަށް ވަދެވޭ ކަން ނުވަތަ ނޫންކަން އަދި ޔަގީނެއް ނޫނެވެ.

އެން.ސީ.ބީ އަށް ކަރަން ޖޯހަރުގެ ޗިޓް ހަވާލު ނުކުރެވުނު ނަމަވެސް އޭނާގެ ޕްރަޑަކްޝަން ހައުސް ކަމަށްވާ ދަރްމާ ޕްރަޑަކްޝަންސްގެ އެއް ޑިރެކްޓަރ ކަމަށް ވާ ޝިތިޖް ގެ ގެ ރޭޑްކޮށް އޭނާ ވަނީ ހައްޔަރު ކޮށްފައެވެ. އެހެންކަމުން ދެން ކަރަން އަމިއްލަ އަށް އެން.ސީ.ބީ އަށް އެއްބާރުލުން ދޭން ގުޅާފާނެ ކަމަށްވަނީ ބެލެވިފައެވެ.

ދެން އެން.ސީ.ބީ އަށް ޙާޟިރުވުމަށް އެންގިފައިވަނީ ޝަކްތީ ކަޕޫރުގެ ދަރިފުޅު ޝްރައްދާ ކަޕޫރަށެވެ. ޝްރައްދާވެސް ޙާޟިރުވާން އެންގިފައިވަނީ އޭނާގެ މެނޭޖަރ ޖީނަލް ޖަވޭރީ އާއި އެކުގައެވެ. މިހުރިހާ މެނޭޖަރުންނަނީ ވެސް ކްވާން ނަމަކަށް ކިޔާ ޓެލެންޓް މެނޭޖްމަންޓް ކުންފުންޏެއްގެ މުވައްޒަފުންނެވެ. މިމީހުނާ ރިޔާ ޗަކްރަބަރްތީ އާ ވަރަށް ގާތް ގުޅުމެއް އޮވެއެވެ. ސުޝާންތުގެ ކޮފީއަށް އެޅުމަށް މަސްތުވާ ތަކެތި ދީފައިވަނީ ވެސް މިކުންފުނީގެ މީހެއް ކަމަށްވާ ޖަޔާ ސާހާ އެވެ.

މީގެ ކުރިން މި މައްސަލައިގައި އެން.ސީ.ބީ އިން ވަނީ ސިމޮން ޚަންބާޓާ އާ ސުވާލުކޮށްފައެވެ. ސިމޯންވެސް ހުރީ ވަރަށް ބިރުގަނެފައެވެ. އަމިއްލަ ނަފްސު ދިފާއު ކުރުމަށް ކުރި މަސައްކަތުގައި ސިމޯން ވަނީ މިކަމުގައި ބައިވެރިވާ އިތުރު ބައެއްގެ ނަން ހާމަކޮށްފައެވެ. ސިމޯން މަސްތުވާ ތަކެތި ބޭނުން ކުރާކަމުގެ މައުލޫމާތު އެން.ސީ.ބީ އަށް ދިނީ ރިޔާ ޗަކްރަބަރްތީއެވެ.