ދެ ބައްރުގެ ޗެމްޕިއަނުންގެ މެދުގައި ކުޅުނު "ފައިނަލިސިމާ" މެޗުގައި ރޭ އިޓަލީ 3-0 އިން ބަލިކޮށް އާޖެންޓީނާ އިން ތަށި އުފުލާލައިފިއެވެ.

މިއީ ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ކުޅޭ ކޮޕާ އެމެރިކާގެ ޗެމްޕިއަންނާއި ދެކޮޅަށް ޔޫރަޕްގެ ޗެމްޕިއަނުން މެޗެއްގައި ނިކުތް ތިންވަނަ ފަހަރެވެ. މީގެކުރީން، 1985 ވަނަ އަހަރު އުރުގުއޭ އަތުން ފްރާންސް މޮޅުވިއިރު، 1993 ވަނަ އަހަރުގެ އާޖެންޓީނާ އިން ވަނީ ޕެނަލްޓީޖަހައިގެން ޑެންމާކް ބަލިކޮށްފައެވެ. ރޭގެ މެޗުން މޮޅުވުމާއެކު އާޖެންޓީނާ ވަނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފު ހޯދާފައެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 28 ވަނަ މިނެޓުގައި އާޖެންޓީނާ އަށް ލީޑްނަގައިދިނީ ލަޓާރޯ މާޓިނޭޒް އެވެ. މިއީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ނެގި ހުރަހަކުން މާޓިނޭޒް ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުގެ އެއްވަނަ މިނެޓުގައި އާޖެންޓީނާގެ ދެވަނަ ލަނޑުޖެހީ އެންހެލް ޑި މާރިއާ އެވެ. މިއީ މާޓިނޭޒް ދިން ބޯޅައަކުން ޑި މާރިއާ ކާމިޔާބުކުރި ގޯލެކެވެ.

އިޓަލީއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޓުވިޓާ

މި މެޗުގައި އާޖެންޓީނާ އިން ޖެހި ތިންވަނަ ލަނޑު، އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޕައޮލޯ ޑިބާލާ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް މެސީ އެވެ.

ރޭގެ މެޗަކީ އިޓަލީގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އެ ޓީމަށް ކުޅެދިން 118 ވަނަ މެޗެވެ. މިއީ ގައުމީ ޓީމުގެ ޖާޒީގައި އޭނާ ކުޅުނު ފަހު މެޗެވެ.

އަނެއްކޮޅުން، މި މެޗަކީ އާޖެންޓީނާ އިން ބަލިނުވެ ހަމަކުރި 32 ވަނަ މެޗެވެ. އެ ޓީމު އެންމެ ފަހުން ބަލިވީ 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ސެމީ ފައިނަލްގައި ބްރެޒިލް އަތުންނެވެ.

މީގެއިތުރުން، މިއީ އާޖެންޓީނާގެ ކެޕްޓަން މެސީގެ ކެރިއަރުގައި ގައުމީ ޓީމާއެކު އުފުލާލި ދެވަނަ ތަށްޓެވެ. މީގެކުރީން، އޭނާ ވަނީ އާޖެންޓީނާ އާއެކު އެންމެ ފަހުގެ ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދާފައެވެ.