މުޅި ދުނިޔޭގެ ބޮޑު މަގުބޫލުކަމަކާއި ސަމާލުކަމެއް ލިބިފައިވާ ތުރުކީގެ ނަން، ބަދަލު ކޮށްފިއެވެ. ތުރުކީގެ ނަން ތުރްކިޔޭއަށް ބަދަލު ކޮށްފައިވަނީ އެގައުމުގެ ވެރިރަށް އަންކާރާގެ އެދުމަށް އެކުވެރި ދައުލަތްތައްކުގެ ޖަމްއިއްޔާ، އ.ދ. އިންނެވެ.

އ.ދ. ގެ ތަރުޖަމާނު ސްޓެފަން ޑުޖަރިކް ވިދާޅުވީ، "ތުރުކީ" ގެ ބަދަލުގައި "ތުރްކިޔޭ" ބޭނުން ކުރުމަށް އެދި، އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްއަށް ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުޓް ކަވުސޮގްލޫ ފޮނުއްވި ސިޓީއެއް ލިބިފައިވާ ކަމަށެވެ. ނަން ބަދަލު ކުރުމަށް ހުށަހަޅާފައިވާ އެ ސިޓީ ލިބުމާއި އެކީ އެގައުމުގެ ނަން ބަދަލުކޮށްފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވެއެވެ.

ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ތުރުކީގެ ރަސްމީ ނަން "ތުރްކިޔޭ" އަށް ބަދަލުކުރުމުގެ ހަރަކާތް ފެށުނީ މިދިޔަ އަހަރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ނެރުއްވި "މެމޮރަންޑަމް" އެއްގެ ފަހުންނެވެ. ކޮންމެ ބަހަކުން މުހާތަބުކޮށް ލިޔެ ހެދިނަމަވެސް އެ ގައުމު ސިފަކުރުމަށް "ތުރްކިޔޭ" ބޭނުން ކުރެއްވުމަށް އާންމުންގެ ކިބައިން އުރުދުޣާން އެދިލެއްވުމާއި ގުޅިގެންނެވެ. ހަމަ އެއާއި އެކު އެ ގައުމުގެ ރައީސް ވަނީ އެގައުމުގެ ކުންފުނިތަކުން އުފައްދާ އުފެއްދުންތަކުގައި ވެސް ތުރުކީގެ ބަދަލުގައި "ތުރުކިޔޭ" ލޭބަލް ކުރުމަށް އިލްތިމާސް ކޮށްފައެވެ.