ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ސްޕެއިނުން ގޯލެއް ޖަހާފައިވަނިކޮށް، ޕޯޗުގަލް އިން 1-1 އިން އެއްވަރުކޮށްފިއެވެ.

ޕޯޗުގަލް އާއި ސްޕެއިނުގެ މެދުގައި ކުޅުނު މެޗަކުން އެންމެ ފަހުން ޓީމެއް މޮޅުވީ މީގެ 10 އަހަރު ކުރީންނެވެ. މި ދެ ޓީމުގެ ދެމެދު އެންމެ ފަހުން ކުޅުނު ފަސް މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.

މީގެ ތިން އަހަރު ކުރީން ފެށި ނޭޝަންސް ލީގުގެ ފުރަތަމަ ޗެމްޕިއަނުންނަކީ ޕޯޗުގަލް އެވެ. އެންމެ ފަހުގެ މުބާރާތުގެ ފައިނަލްގައި ސްޕެއިން ބަލިކޮށް ތަށި ހޯދީ ފްރާންސުންނެވެ.

ސެވީލްގައި ހުންނަ އެސްޓާޑިއޯ ބެނީޓޯ ވިޔަމަރީންގައި ރޭ ކުޅުނު މެޗު ފެށިގެން 25 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ސްޕެއިނުންނެވެ. މިއީ އެ ޓީމުގެ ގަވީ އާއި ޕަބްލޯ ސަރާބިއާ ގުޅިގެން އުފެއްދި އެޓޭކަކުން އަލްވާރޯ މޮރާޓާ ކާމިޔާބުކޮށްދިން ގޯލެކެވެ.

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ޗެކް ރިޕަބްލިކްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ސްޕެއިނުގެ ލީޑް ފުޅާކޮށްދޭން ކާލޯސް ސޮލެއާ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު، ޕޯޗުގަލްގެ އުއްމީދީ ފޯވާޑް ރަފައެލް ލެއާއޯ އަށް ރަނުގެ ފުރުޞަތެއްލިބި ވީ ބޭކާރެވެ. ޕެނަލްޓީއޭރިޔާ ތެރެއިން ޕޯޗުގަލްގެ ފޯވާޑް އަންދްރޭ ސިލްވާ ހުސްކޮށްލާފައި ދިން ބޯޅައެއް ލެއާއޯ ގޯލަށް ފޮނުވާލަން ކުރި މަސައްކަތް ނާކާމިޔާބުކޮށްލީ ސްޕެއިނުގެ ގޯލްކީޕަރު އުނާއި ސިމޯން އެވެ.

މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް ޕޯޗުގަލް އަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރިކާޑޯ ހޯރްޓާ އެވެ. މިއީ އެ ޓީމުގެ ފުލްބެކް ޔާއޯ ކަންސޭލޯ އޮފްސައިޑް މަޅިން ސަލާމަތްވެ، ނަގައިދިން ހުރަހަކުން ހޯރްޓާ ކާމިޔާބުކުރި ގޯލެކެވެ. މިއީ 2014 ވަނަ އަހަރު ޓީނޭޖެއްގެ ގޮތުގައި ޕޯޗުގަލް ޓީމަށް ކުޅުނު ފަހުން ގައުމީ ޖާޒީގައި ހޯރްޓާ ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

އޭގެފަހުން، ސްޕެއިން މޮޅުކޮށްދޭން ޖޯޑީ އަލްބާ އަށް ހުސް ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާ ތެރެއިން ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ އަތުގައި ޖެހިފައި ނިކުތް ބޯޅައެއް ޖޯޑީ އަލްބާ އަށް ލިބުމުން އޭނާ ބޮލުން ފޮނުވާލުމުން ދިޔައީ އަރިމަތިން ބޭރަށެވެ.

ނޭޝަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ޗެކް ރިޕަބްލިކުން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ސްވިޒަލެންޑް ބަލިކޮށްފައެވެ. ސާބިއާ އަތުން ރަށުން ބޭރުގައި 1-0 އިން ނޯވޭ މޮޅުވިއިރު، އެ ޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ ހުނަރުވެރި ފޯވާޑް އާލިން ބްރައުޓް ހާލަންޑް އެވެ. ސްލޮވީނިއާގެ ދަނޑުގައި 2-0 އިން ސްވިޑެން މޮޅުވިއިރު، އުތުރު އަޔާލެންޑް އަތުން ގްރީސް މޮޅުވީ 1-0 އިންނެވެ.