ޖޯނީ ޑެޕަށް ދައްކަން އެމްބަރ ހަރޑްގެ މައްޗަށް ކޯޓުން އަމުރުކުރި 10.3 މިލިއަން ޑޮލަރު އޭނާއަށް ނުދެއްކޭނެކަމަށް އޭނާގެ ވަކީލު ބުނެފިއެވެ. އެމްބަރ ހަރޑްގެ ވަކީލު އެލެއިން ބްރެޑްހޮފްޓް 'ޓުޑޭ' ޝޯއަށް ދިން އިންޓަރވިއުއެއްގަބުނެފައިވަނީ އެމްބަރއަށް އެވަރުގެ ޢަދަދެއް ނުދެއްކޭނެ ކަމަށާ މި މައްސަލަ މަތީކޯޓެއްގައި އިސްތިއުނާފަށް ހުށަހަޅަން އެމްބަރ ގަސްދުކުރާކަމަށެވެ.

ޝަރީއަތް ކުރިއަށްދިޔައީ އިންސާފުވެރިކޮށް ނޫންކަމަށާ މައްސަލައިގަ ގޮތް ނިންމި ޖޫރީއަށް އާއްމުން ސޯޝަލްމީޑިއާގަ ޖޯނީ ޑެޕަށް ތާއީދުކޮށް ސަޕޯޓްކޮށް ދެއްކި ވާހަކަތަކުގެ ނުފޫޒުވެސް ފޯރާފައިވާކަމަށް އެމްބަރއަދި އޭނާގެ ލީގަލް ޓީމުން ދެކޭކަމަށް އެލެއިން ވަނީ ބުނެފައެވެ.

ހޮލީވުޑް އެކްޓަރ ޖޯނީ ޑެޕް އެކްޓްރެސް އެމްބަރ ހަރޑް އާ ކައިވެނިކޮށްގެން އުޅުނުއިރު ގެވެށި އަނިޔާކުރިކަމަށް ދޭހަވާގޮތަށް އެމްބަރ މީޑިއާގަ ޝާއިއުކޮށްފައިވާ ވާހަކަތަކުން އަދި އޭގެ ރައްދުގައި ޑެޕްގެ ލީގަލް ޓީމުން ދެއްކި ވާހަކަތަކުން އެކަކު އަނެކެއްގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ އެކަކު އަނެކަކަށް ކުރި އަބުރުގެ ދައުވާގައި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޑެޕްއަށް 10 މިލިއަން ޑޮލަރު ދިނުމަށް އެމްބަރ ހަރޑްގެ މައްޗަށް ކޯޓުން ވަނީ އަމުރު ނެރެފައެވެ.

ޖޫރީންގެ ޕެނަލުން ނިންމީ އެމްބަރ ހަރޑްއާ ދެކޮޅަށް ޑެޕް ކުރި ހުރިހާ ދައުވާއެއްވެސް ހަރޑްގެ މައްޗަށް ސާބިތުވާކަމަށެވެ. އަދި އެމްބަރ ހަރޑް ލިޔުނު ލިޔުންތަކާ މީޑިއާގަ ދެއްކި ވާހަކަތަކާ ކުރި ކަންތައްތަކުން ޑެޕްގެ އަބުރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ޑޮލަރު ނަގައިދިނުމަށް ޖޫރީގެ ނިންމުމުގައި ބުންޏެވެ. ނަމަވެސް ޖަޖު އަމުރުނެރުނުއިރު ވަނީ އެ އަދަދު 10.35 މިލިއަން ޑޮލަރަށް ތިރިކޮށްފައެވެ. 

ޑެޕްއާ ދެކޮޅަށް އެމްބަރ ހަރޑް ކުރި އަބުރުގެ ދައުވާތަކުން އެއް ދައުވާ ސާބިތުވާ ކަމަށް، ހަތް ޖޫރީ މެމްބަރުން ހިމެނޭ ޕެނަލުން ވަނީ ނިންމާފައެވެ. އަދި ޖޫރީންގެ ޕެނަލުން ވަނީ އެމްބަރ ހަރޑްއަށް ޑެޕްގެ ފަރާތުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޑެޕް ހަރޑްއަށް 2 މިލިއަން ޑޮލަރު ދެއްކުމަށް އަމުރުކޮށްފައެވެ.

އެމްބަރ ހަރޑްގެ މައްޗަށް ޑެޕް ދައުވާކޮށްފައިވަނީ، އެއްވެސް ހެއްކެއް ނެތި، ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ކަމަށް ބުނެ ވޮޝިންގޓަން ޕޯސްޓްގައި އެމްބަރ ހަރޑް ޝާއިއުކުރި ލިޔުމަކާއި ގުޅިގެން، ޑެޕްއަކީ އަންހެނުންނަށް އަނިޔާކުރާ މީހެއްގެ ގޮތުގައި ލޭބަލްވެ އިންޑަސްޓްރީގައި އޭނާއަށް އެތައް ރޯލެއް ގެއްލި، އޭނާގެ އަބުރު ގެއްލިފައިވާތީ އޭގެ ބަދަލެއްގެ ގޮތުގައި 50 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށެވެ. އެމްބަރ ހަރޑް ދައުވާކުރީ އެ ލިޔުމާ ގުޅިގެން ޖޯނީ ޑެޕްގެ ވަކީލުން ދެއްކިވާހަކަތަކުން ހަރޑްގެ އަބުރު ގެއްލި ކެރިއަރަށް އަސަރުކޮށްފައިވާކަމަށް ބުނެ 100 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށެވެ.

ހަ ހަފްތާގެ މުއްދަތަށް ކުރިޔަށްދިޔަ އަޑުއެހުންތަކުގައި ޖޯނީ ޑެޕް ބުނެފައިވަނީ އެމްބަރ ހަރޑްގެ ގައިގައި ދުވަހަކުވެސް ނުޖަހާކަމަށާއި އެއްވެސް އަންހެނެއްގެ ގައިގައި މިހާތަނަށް ޖަހާފައި ނުވާނެކަމަށެވެ. އަދި ދެ މީހުންގެ ގުޅުން ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވައްޓާލީ އެމްބަރ ހަރޑްކަމަށާ އަނިޔާވެރިވީވެސް އެމްބަރ ހަރޑްކަމަށެވެ. މިކަން ސާބިތުވާ ހެކިތައްވެސް ޑެޕްގެ ފަރާތުންވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައިއެމްބަރ ހަރޑް ޖޯނީ އާ ދިމާލަށް "ތިމަންނަ، ޖޯނީ ޑެޕް، އަކީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހެކޭ ދުނިޔޭގެ ކުރިމަތީގައި ބުންޏަސް، މީހަކު ޤަބޫލުނުކާރނޭ" ދޭހަވާފަދަ މޭރުމަކުން ޖޯނީއަށް މަލާމާތްކޮށް އެއްޗެތިގޮވާ އޯޑިއޯ ކްލިޕެއްވެސް ހުށަހަޅާފައިވެއެވެ. ޝަރީއަތުގައި އެމްބަރ ދެއްކި ވާހަަތަކުން އެމްބަރ ގެ ތެދުވެރިކަމެއް ނެތްކަން ސާފުކޮށް ދޭހަވެގެންދިޔައިރު ކޯޓުން މައްސަލަ ޖޯނީ ޑެޕްގެ ކޮޅަށް ނިމުމާއެކު، ކުރިއަށް ރިލީޒްކުރަން އޮތް ހޮލީވުޑް ފިލްމް 'އަކުއާމޭން 2' އަށް އެމްބަރ ހަރޑް ޝޫޓްކޮށްފައިވާ ހުރިހާ ސީންއެއް ޑިލީޓްކުރަން ނިންމާފައިވާކަމަށް ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރ މިއަދު ވަނީ އިންސްޓަގްރާމްގަ ހާމަކޮށްފައެވެ.
އެމްބަރ ހަރޑް މީގެ ދެއަހަރު ކުރިން ވޮޝިންޓަން ޕޯސްޓުގައި ޝާއިއުކުރި އާޓިކަލްގަ ޖޯނީ ޑެޕް އޭނާއަށް ގެވެށި އަނިޔާ ކުރިކަމަށް ދޭހަވާގޮތަށް ލިޔެފައިވާތީ، ޖޯނީ ޑެޕަށް އޭރު ލިބިފައިވާ ގިނަ ފިލްމުތަކެއް އޭނާގެ އަތުން ގެއްލި، ޑެޕްގެ ކެރިއަރަށް ވަނީ އެކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.

މައްސަލަ އޭނާ ކޮޅަށް ނިމުމުން ޑެޕް ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖޫރީން އޭނާގެ ދިރިއުޅުން އަލުން އަނބުރާ ހޯދައިދީފައިވާކަމަށާ ދިރިއުޅުމުގެ އާ ސަފްހާއެއް ހުޅުވިގެންގޮސްފިކަމަށެވެ.
އެމްބަރ ހަރޑް ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ހިތްހަލާކުވާފަދަ ނިންމުމެއްކަމަށާ، ކުރީގެ ފިރިމީހާގެ ބާރާއި ނުފޫޒުގެ ކުރިމަތީގައި އޭނާގެ ވާހަކަތައް އެއްވެސް އެއްޗަކަށް ނުވިކަމަށެވެ.

މީގެ ދެ އަހަރު ކުރިން އިނގިރޭސިވިލާތުގައި ޑެޕް ވަނީ ހަރޑްގެ ވާހަކަތަކަށް ނިސްބަތްކޮށް 'ސަން ޔޫކޭ' ނޫހުން ލިޔުނު ލިޔުމެއްގެ މައްޗަށް ސަން ނޫހާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފައެވެ. އެ މައްސަލައިގަ ޑެޕްއަށް ކާމިޔާބު ނުލިބުނަސް މިފަހަރު އެމެރިކާ ކޯޓެއްގައި ސީދާ އެމްބަރ ހަރޑްއާ ދެކޮޅަށް ދައުވާކޮށް އޭނާއަށް މައްސަލަ ކާމިޔާބު ވީއިރު ސޯޝަލް މީޑިއާ ޕްލެޓްފޯމަތަކުގަ އާއްމުންގެ ފަރާތުން ވަނީ ޖޯނީ ޑެޕަށް ބޮޑު ސަޕޯޓެއް ލިބިފައެވެ.