ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ޖަރުމަނުގެ އަލެކްސެންޑަ ޒްވެރެވް އަށް އަނިޔާވުމުން، ސްޕެއިނުގެ ރަފައެލް ނަޑާލް އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލަށް ނަޑާލް ދަތުރުކުރި 14 ވަނަ ފަހަރެވެ. މި މުބާރާތް މިހާތަނަށް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ ވެސް ނަޑާލް އެވެ. އޭނާ ވަނީ މި މުބާރާތުގެ ތަށި 13 ފަހަރު އުފުލާލައިފައެވެ. މީގެއިތުރުން، މިހާތަނަށް ގްރޭންޑް ސްލޭމް 21 މުބާރާތް ކާމިޔާބުކޮށްގެން ރެކޯޑް ހަދާފައިވާ ނަޑާލް އަށް ކުރިއަށް އޮތް ފައިނަލް މެޗުން މޮޅުވެ، އެ ރެކޯޑް އިތުރަށް ފުޅާކުރުމުގެ ފުރުޞަތު އެބައޮތެވެ.
ޕެރިހުގައި ހުންނަ ރޮލާންޑް ގަރޮސް ސްޓޭޑިއަމްގެ ފިލިޕް ޝެޓްރިއާ ކޯޓުގައި މިރޭ ކުޅުނު ފުރަތަމަ ސެމީގައި ތިންވަނަ އަށް ސީޑްކުރެވިފައިވާ ޒްވެރެވް އަށް އަނިޔާވީ ނަޑާލްއާ ދެކޮޅަށް ކުޅެމުންދިޔަ މެޗުގެ ދެވަނަ ސެޓުގައެވެ. އޭރު ދެވަނަ ސެޓުގައި 6-6 އިން ދެ ކުޅުންތެރިން އޮތީ އެއްވަރުވެފައެވެ. ކޯޓު މައްޗަށް ޒްވެރެވް ވެއްޓުމުން ގެންދަން ޖެހުނީ ފުރޮޅުލީ ގޮނޑީގައެވެ. މި މެޗުގެ ފުރަތަމަ ސެޓު ނަޑާލް ގެންދިޔައީ 7-6 (10-8) އިންނެވެ.
"މިއީ ޒްވެރެވް އަށް ވަރަށް ކުރިމަތިވީ ވަރަށް އުނދަގޫ ހާލަތެއް،"

"މި މުބާރާތުގައި އޭނާ ދައްކަމުންދިޔައީ ތައުރީފު ހައްގު މޮޅު ކުޅުމެއް. ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރުމަށް އަޒުމް ކަނޑައަޅައިގެން އޭނާ ކުރަމުންދިޔަ މަސައްކަތްތަކާއި ކުރި ހިތްވަރު ވަރަށް ކައިރިން ފެނިގެންގޮސްފި." ނަޑާލް ބުންޏެވެ.
ފެންކަޅިވެފައި ހުރެ ނަޑާލް ބުނީ، ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއް ކާމިޔާބުކުރުމަށް ޒްވެރެވް ދެކެމުން އަންނަ ހުވަފެންތަކުގައި ކުލަޖެހޭނެ ކަމަށެވެ. އަދި އަނިޔާ އިން އަވަހަށް ރަނގަޅުވެ ކުޅުމަށް އެނބުރިއަންނަން އެދޭ ކަމަށް ވެސް ނަޑާލް ބުންޏެވެ.
ނަޑާލް އިތުރަށް ބުނީ، މި ދަނޑިވަޅުގައި މާގިނަ ވާހަކަ ދައްކަން އުނދަގޫ ކަމަށާއި، ފްރެންޗް އޯޕަންގެ ފައިނަލަށް ދަތުރުކުރުމުގެ ހުވަފެންދެކެ، ހަގީގީ ކުލަޖެހުނު ނަމަވެސް އެ ޓާގެޓަށް ވާސިލްވާން ބޭނުންވީ މިގޮތަށް ނޫން ކަމަށެވެ.
މި މުބާރާތުގެ ފައިނަލްގައި ނަޑާލް ނިކުންނަން ޖެހޭނީ، މިރޭ ކުޅެވޭ ދެވަނަ ސެމީގައި ކްރޮއޭޝިއާގެ މާރިން ސިލިޗްއާ ދެކޮޅަށް ނޯވޭގެ ކެސްޕަ ރޫޑް ކުޅެގެން މޮޅުވާ ކުޅުންތެރިއަކާ ދެކޮޅަށެވެ. މިފަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 5 ވާ އާދީއްތަ ދުވަހު އެވެ.
