މި އަހަރުގެ އޭޕްރިލް މަސް ތެރޭގައި އަޅުގަނޑުމެނާ ވަކި ވެގެން ދިޔަ ކުޅަދާނަ ބޮލީވުޑް އެކްޓަރ އިރުފާން ޚާންގެ ދަރިފުޅު ބާބިލް އަށް އަދިވެސް ބައްޕަ ނެތުމުގެ އިޙްސާސް ވަރަށް އުނދަގޫ ކުރެއެވެ. އެއްވެސް ކުއްޖަކަށް އެމީހެއްގެ ގާތް މީހަކު މިހެން ވަކިވެގެން ދިއުން ވާނީ ކެތްކުރަން ވަރަށް އުނދަގޫ ކަމަކަށެވެ. ބާބިލް ވަނީ އޭނާ އަށް ފެނުނު ހުވަފެނެއް އިންސްޓަގްރާމްގައި ޙިއްސާ ކޮށްފައެވެ.
ދެބަފައިން އެކުގައި އިން ފޮޓޯ އަކާއި އެކު ކޮށްފައިވާ މި ޕޯސްޓްގައި ބުނެފައިވަނީ. " އަހަރެންގެ ހުވަފެނުގައި ބައްޕަ ފެނުނު، ބައްޕަ އެއްވެސް އެއްޗެއް ނުބުނޭ، އަހަރެމެން ދެމީހުން ތިބީ ހޭން، ނިދިން ހޭލަން އަހަރެން ބޭނުން ނުވި، މިގޮތަށް 14 ގަޑިއިރު އަހަރެން ނިދިން. ނިދިން ހޭލުމަކީ މިހާރު އަހަރެން ކުރަން އެންމެ ބޭނުން ނުވާ ކަންތައް، އަހަރެން ގަބޫލު ކުރާކަށް ބޭނުމެއް ނުވޭ ބައްޕަ އަހަރެމެންނާއި އެކު ނެތް ކަމެއް" މިހެންނެވެ.
މީގެ ކުރިން ބާބިލް ވަނީ އޭނާގެ މަންމަ އާ ބެހޭގޮތުންވެސް ހަމަ މިފަދަ ޓްވީޓެއް ކޮށްފައެވެ. މި ޓްވީޓްގައި އޭނާ ބުނެފައިވަނީ، ބައްޕަ ވަސިއްޔަތް ކޮށްފައި ދިޔަ ގޮތަށް މަންމަ ބަލަހައްޓާނެ ކަމަށާ ނަމަވެސް މިހާރު މުޅި އާއިލާގެ ޒިންމާ ނަގައިންގެން ބައްޕަގެ މަގާމްވެސް ފުރަނީ މަންމަ ކަމަށް ބާބިލް ހާމަ ކުރިއެވެ. އެ މަންމަ އަށް މުޅި ދުނިޔޭގައި ވާހާ އެއްޗެއް ދޭން ބޭނުން ވާ ކަމަށާ، ބާބިލް އަށް މިހާރު މަންމަ އާއި ކޮއްކޮ އަޔާން ނޫން މީހަކު ނެތްކަމަށްވެސް އޭނާގެ ޕޯސްޓްގައި ލިޔެފައިވެއެވެ.
ބާބިލް އަންނަނީ އިނގިރޭސި ވިލާތުގައި ފިލްމް އުފެއްދުމުގެ ކޯހެއް ހަދަމުންނެވެ. ލޮކްޑައުން ގައި އިންޑިޔާގައި ހުރުމަށްފަހު އަލުން ކިޔެވުމުން ފެށުމުން އަނެއްކާވެސް އިނގިރޭސިވިލާތަށް ވަނީ ގޮސްފައެވެ.
އިރުފާން މަރުވީ ދެ އަހަރު ދުވަސް ވަންދެން ލޭގެ ކެންސަރާ ހަނގުރާމަ ކުރުމަށްފަހުއެވެ. އޭނާ މަރުވީ ގޮހޮރުގެ އިންފެކްޝަނަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
