ޔުއެފާ ނޭޝަންސް ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އަތުން 2-1 އިން ޑެންމާކް މޮޅުވިއިރު، ބެލްޖިއަމްގެ ދަނޑުގައި 4-1 އިން ނެދަލެންޑްސް މޮޅުވެއްޖެ އެވެ.

މިއީ ރަސްމީ ވާދަވެރި މެޗެއްގައި 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށްފަހު އަމިއްލަ ދަނޑުގައި ފްރާންސް ބަލިވި ފުރަތަމަ ފަހަރެވެ.

ޕެރިހުގެ ސްޓެޑް ޑެ ފްރާންސްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ކަރީމް ބެންޒެމާ އަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މި ހާފުގައި އެ ޓީމުގެ ޕީއެސްޖީ ފޯވާޑް ކިލިއަން އެމްބާޕޭ ދިން ޕާހަކުން ބެންޒެމާ ގޯލެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. ޑެންމާކަށް ލީޑްނަގައިދޭން ޑިފެންޑަރު ޔޯކިމް މޭލާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.

ދެވަނަ ހާފަށް ފްރާންސުން ނިކުތީ ބަދަލަކާ އެކީގައެވެ. އެމްބާޕޭ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުގައި ކުޅެން އެރީ ކްރިސްޓޮފާ އެންކުންކޫ އެވެ. މި ހާފު ފެށިގެން ހަވަނަ މިނެޓުގައި ފްރާންސުން ލީޑްނެގީ އެންކުންކޫ ތަނަވަސްކުރި ފުރުޞަތަކުން ބެންޒެމާ ވައްދާލި ލަނޑުންނެވެ. މިއީ ފްރާންސްގެ ޖާޒީގައި ބެންޒެމާ ކުޅުނު 95 މެޗުގައި ކާމިޔާބުކުރި 37 ވަނަ ގޯލެވެ.

ރޭގެ މެޗުގައި ފްރާންސްގެ ފުރަތަމަ ލަނޑުޖެހުމަށްފަހު ކަރީމް ބެންޒެމާ (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

އޭގެފަހުން، މެޗުގެ 61 ވަނަ މިނެޓުގައި ފްރާންސްގެ ތަޖުރިބާކާރު ޑިފެންޑަރު ރަފައެލް ވަރާން އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ އާސެނަލްގެ ޒުވާން ޑިފެންޑަރު ވިލިއަމް ސަލީބާ އެވެ.

ޑެންމާކުން އެއްވަރުކުރި ލަނޑުޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް އަންދްރެއަސް ކޯނޭލިއަސް އެވެ. މެޗުގެ 68 ވަނަ މިނެޓުގައި ޕިއޭ-އެމީލް ހޮއިބިއޭ ދިން ބޯޅައަކުން އޭނާ މި ލަނޑުޖެހީ ވޮލީއަކުންނެވެ. ފްރާންސަށް އަލުން ލީޑްނަގައިދޭން އެންގޯލޯ ކާންޓޭ އަށް ލިބުނު ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ. ކާންޓޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ. އަދި އޭގެފަހުން، ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް އެވެ.

މި މެޗުން ޑެންމާކް މޮޅުވި ލަނޑު، 88 ވަނަ މިނެޓުގައި ފްރާންސްގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ކާމިޔާބުކޮށްދިނީ ވެސް ކޯނޭލިއަސް އެވެ. ފްރާންސްގެ ކުޅުންތެރިން ކޯނޭލިއަސްގެ ގޯލް އޮފްސައިޑްކަމަށް އެޕީލްކުރިނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ވަނީ އެ ލަނޑު ގަބޫލުކޮށްފައެވެ. މިއީ ކާޑިފް ސިޓީ އަށް ކުޅެމުން އަންނަ ފޯވާޑް ކޯނޭލިއަސް، ގައުމީ ޓީމަށް ކުޅުނު މެޗެއްގައި ދެލަނޑުޖަހައިދިން ފުރަތަމަ ފަހަރެވެ.

ބެލްޖިއަމްއާ ދެކޮޅަށް ނެދަލެންޑްސް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޔުއެފާ.ކޮމް

ނޭޝަންސް ލީގުގައި މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ މެޗުގައި ކްރޮއޭޝިއާގެ ދަނޑުގައި އޮސްޓްރިއާ އިން ވަނީ 3-0 ގެ ތަފާތަކުން މޮޅުވެފައެވެ. މި މެޗުގައި އޮސްޓްރިއާގެ ލަނޑުތައް ޖަހައިދިނީ މާކޯ އާނައުޓޮވިޗް، މިކޭލް ގްރެގޮރިޓީޝް އަދި މާސެލް ސަބިޓްޒާ އެވެ. މިއީ ދާދިފަހުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމާއި، ޓެކްނިކަލް ވަޒީފާއެއް ދޫކޮށް، ކޯޗުކަމާ ހަވަލުވި ރަލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން އޮސްޓްރިއާ ކުޅުނު ފުރަތަމަ މެޗެވެ.

މި މުބާރާތުގައި ރޭ ބަދަލުތަކާއެކު ނިކުތް ބެލްޖިއަމްގެ ދަނޑުގައި ނެދަލެންޑްސް މޮޅުވީ 4-1 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް އަނިޔާވެގެން ބަދަލުކޮށްފައިވާއިރު، އެ ޓީމުގެ އެއްވަނަ ގޯލްކީޕަރު ތިބައުޓް ކޯޓުއާ ރޭގެ މެޗަށް ނެގި ސްކޮޑުގައި ނުހިމެނެއެވެ. ކޯޓުއާގެ ބަދަލުގައި އެ ޓީމުގެ ގޯލް ބެލެހެއްޓީ ސިމޮން މިނޯލޭ އެވެ.

ނެދަލެންޑްސް އިން ރޭގެ މެޗުގައި ޖެހި ފުރަތަމަ ލަނޑު، 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޓީވެން ބާގްވިން އެވެ. ދެވަނަ ހާފުގެ ކުޅުންފެށިގެން ހަވަނަ މިނެޓުގައި މެމްފިސް ޑިޕާއީގެ ގޯލާއެކު އެ ޓީމުން ދެލަނޑުގެ ލީޑެއްނަގާފައިވަނިކޮށް، 61 ވަނަ މިނެޓުގައި ޑެންޒެލް ޑަމްފްރީސް ވަނީ އިތުރު ގޯލެއްޖަހައި ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެފަހުން، މެޗުގެ 65 ވަނަ މިނެޓުގައި ޑިޕާއީ ވައްދާލި ދެވަނަ ލަނޑާއެކު ނެދަލެންޑްސް އިން ވަނީ ލީޑް އިތުރަށް ފުޅާކޮށްފައެވެ. ބެލްޖިއަމްގެ ހަމައެކަނި ލަނޑު، އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޝީ ބަޓްޝުއާޔީ އެވެ.