ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިންގްލެންޑުން ރަށުން ބޭރުގައި ހަންގޭރީ އަތުން 1-0 އިން ބަލިވިއިރު، އިޓަލީއާ ދެކޮޅަށް ޖަރުމަން ކުޅުނު މެޗު ދެ ޓީމު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

މިއީ ފާއިތުވި 60 އަހަރުގެ ތެރޭގައި ހަންގޭރީ އަތުން އިންގްލެންޑް ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން, ރޭގެ މެޗަކީ އިންގްލެންޑް އެންމެ ފަހުން ކުޅުނު 22 މެޗުގެ ތެރެއިން ބަލިވި ދެވަނަ ފަހަރެވެ. މީގެތެރޭގައި، އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ބަލިވި މެޗު ހިމެނެ އެވެ.

ރޭގެ މެޗަށް އިންގްލެންޑުން ނިކުތީ އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިންނާ ނުލައެވެ. އެގޮތުން، އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ ނިމިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ވެސްޓް ހޭމް ޔުނައިޓެޑްގެ ވިންގާ ޖަރޮޑް ބޮވެން އާއި ލެސްޓާ ސިޓީގެ ފުލްބެކް ޖޭމްސް ޖަސްޓިން އަށް ފުރަތަމަ އެގާރައިން ފުރުޞަތު ދީފައެވެ.

ބުޑަޕެސްޓްގައި ހުންނަ ޕުސްކަސް އެރީނާގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 66 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހަންގޭރީ އަށް ކާމިޔާބުކޮށްދިނީ ޑޮމިނިކް ސޮބޯޒްލާއި އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ހަންގޭރީގެ ސޮލްޓް ނާގީ އަށް އިންގްލެންޑްގެ ފުލްބެކް ރީސް ޖޭމްސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

އިންގްލެންޑް ކޮޅަށް ލަނޑުޖެހުމަށްފަހު ހަންގޭރީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

އިންގްލެންޑަށް ލަނޑެއްޖަހައިދޭން ކެޕްޓަން ހެރީ ކޭން އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ރޭގެ މެޗަށް ނިކުތްއިރު އިންގްލެންޑަށް 50 ގޯލް ހަމަކޮށްދޭން ކޭން ބޭނުންވަނީ އެންމެ ލަނޑެކެވެ.

ނޭޝަންސް ލީގުގައި ރޭ އިޓަލީގެ ދަނޑުގައި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިއީ ޖަރުމަނުގެ އައު ކޯޗު ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 10 ވަނަ މެޗެވެ. މިހާތަނަށް އޭނާގެ ކޯޗުކަމުގައި ޖަރުމަނުން ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

ބޮލޯނިއާގައި ހުންނަ ސްޓާޑިއޯ ރެނާޓޯ ޑަލްއަރާގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. މެޗުގެ 70 ވަނަ މިނެޓުގައި އިޓަލީ އިން ލީޑްނެގީ ލޮރެންޒޯ ޕެލެގްރިނީ ވައްދާލި ލަނޑުންނެވެ. މިއީ އުމުރުން 18 އަހަރުގެ ވިންގާ ވިލްފްރައިޑް ނޮންޓޯ ނެގި ހުރަހަކުން ޕެލެގްރިނީ ކާމިޔާބުކުރި ގޯލެކެވެ. އިޓަލީން ލީޑްނެގިތާ ތިން މިނެޓުގެ ތެރޭގައި ޖަރުމަނަށް ނަތީޖާ އެއްވަރުކޮށްދިނީ ބަޔާން މިއުނިކްގެ ހުނަރުވެރި މިޑްފީލްޑަރު ޖޯޝުއާ ކިމިޗް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފެރޯ އައިލެންޑްސް އަތުން 4-0 އިން ތުރުކީ ވަނީ މޮޅުވެފައެވެ. ބޮސްނިއާ އެންޑް ހާޒެގޮވިނާއާ ދެކޮޅަށް ފިންލެންޑް ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، މޮންޓެނީގްރޯ ވަނީ 2-0 އިން ރޫމޭނިއާ ބަލިކޮށްފައެވެ.