ލަވަކިޔުންތެރިޔާ ޝަކީރާ އޭނާގެ ލޯބިވެރިޔާ ފުޓުބޯޅަ ތަރި ޖެރާޑް ޕީކޭއާ ވަކިވާން ނިންމިކަން އިއުލާންކޮށްފިއެވެ.
ޝަކީރާއާއި ޕީކޭއާ ވަކިވެއްޖެކަމަށް ވާހަކަދެކެވެން ފެށީ މިހަފްތާގެ ކުރީކޮޅު ޕީކޭ އެހެން އަންހެނަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ޚަބަރުތައް ފެތުރެން ފެށުމާއެކުއެވެ.
މި ޚަބަރުތައް ފެތުރެންފެށީ ސްޕެއިނުގެ މޮޑެލްއަކާއެކު ޕީކޭ ވަރަށް ގައިގޯޅިކޮށް މޫދުގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާއްމުވުމާ ގުޅިގެންނެވެ.

އެހެންނަމަވެސް، ޕީކޭއާ ވަކިވާން ނިންމި ކަން އިއުލާންކުރުމަށް ޝަކީރާގެ ފަރާތުން އޭނާގެ ވަކީލު ނެރުނު ބަޔާނުގައި ޕީކޭ 'ޗީޓް' ކުރި ކަމުގެ އެއްވެސް ވާހަކައެއް ހިމަނާފައެއް ނުވެއެވެ. ދެމީހުން ވަކިވުމާ ގުޅިގެން ޕީކޭގެ ފަރާތުން މިހާތަނށް އެއްވެސް ބަޔާނެއް ނެރެފައިނުވާއިރު، ރިޕޯޓްތައް ބުނާގޮތުން ޕީކޭ ޝަކީރާއަށް ޗީޓްކުރާކަން ފަޅާއެރުމުން އޭނާ ވަކިން އެޕާޓްމެންޓެއްގައި ދިރިއުޅެމުން އަންނަތާވެސް މިހާރު ވަނީ ހަފްތާތަކެއް ވެފައެވެ.
45 އަހަރުގެ ޝަކީރާ އާއި 35 އަހަރުގެ ޕީކޭއާ ދެމީހުން ލޯބީގެ ގޮތުން ގުޅުނީ މީގެ 11 އަހަރު ކުރިން 2010 ވަނަ އަހަރުގެ ވޯލްޑްކަޕަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރެވެ. އެ އަހަރުގެ ވޯލްޑް ކަޕްގެ އޮފިޝަލް ލަވަ، ޝަކީރާގެ 'ވަކަ ވަކަ' ގެ ވީޑިއޯއިންވެސް ޕީކޭ ފެނިގެންދިޔައެވެ. މިއަދާހަމަޔަށްވެސް ދެމީހުން ކައިވެނި ކޮށްފައިނުވާއިރު ދެމީހުންގެ ގުޅުމަށް ދެ ފިރިހެން ދަރިންވެސް ވަނީ ލިބިފައެވެ. ފުރަތަމަ ދަރިފުޅު ލިބުނީ ޖެނުއަރީ 2013 ގައެވެ. ދެވަނަ ދަރިފުޅު ލިބިފައިވަނީ ޖެނުއަރީ 2015 ގައެވެ.

މި އަހަރު ކުރީކޮޅު 'ދަ އޯވަލެޕް' ޝޯގައި ކުރީގެ ޓީމް މޭޓް ގެރީ ނެވިލް، ޝަކީރާއާއި ދެމީހުން އަދިވެސް ކައިވެނި ނުކުރަންތޯ ސުވާލު ކުރުމުން ޖަވާބުގައި ޕީކޭ ބުނެފައިވަނީ، ކައިވެނި ނުކުރާ ކަމަށާ އެއީ ޝަކީރާގެ ވިސްނުން ކަމަށެވެ. އެހެންކަމުން ދެމީހުން ކައިވެނި ނުކޮށް ތިބީ ޝަކީރާ ކައިވެނި ކުރަނ ްބޭނުން ނުވާތީކަން އެނގޭއިރު ދެމީހުންގެ ދޭތެރޭ އެކަމާ އެއްވެސް މައްސަލަ ޖެހުނުކަމެއް ކުރިއަކުން އެނގިފައެއް ނުވެއެވެ.
