ބޮލީވުޑްގެ މަޝްހޫރު އެކްޓަރު، ނުވަތަ "ކިންގ ޚާން"ގެ ނަމުން ނަން ދެވިފައިވާ ފިލްމީތަރި ޝާހްރުކް ޚާންގެ ފިލްމެއް ނުފެންނަތާ 04 އަހަރު ވަނީއެވެ.

އެގޮތުން ޝާހްރުކް އެންމެ ފަހުން ފެނިގެންދިޔަ ފިލްމަކީ 2018ގައި ރިލީޒްކުރި ފިލްމު "ޒީރޯ"އެވެ. އާނަންދު ރާއީ ޑައިރެކްޓްކޮށް ގެނެސްދިން މިފިލްމަށްފަހު ޝާހްރުކް އަދި އެއްވެސް ފިލްމަކުން ފެނިފައެއް ނުވެއެވެ. އެހެންކަމުން ފޭނުން ތިބީ ޝާހްރުކްގެ ފިލްމަކަށް ކެތްމަދުވެފައެވެ. އަދި މި އިންތިޒާރަށް ޝާހްރުކްގެ ވަރުގަދަ ފިލްމުތަކެއްގެ ޓީޒާއިން ވަނީ ނިމުން ވެސް ގެނެސްފައެވެ. އެގޮތުން ޝާހްރުކްގެ އަންނަން އޮތް 02 ފިލްމު ކަމަށްވާ "ޕަތާން" އާއި "ޖަވާން"ގެ ޓީޒާ މިހާރު ވަނީ ދައްކާލައި، ފިލްމު ރިލީޒްކުރާނެ ތާރީޚް ވެސް އިޢުލާންކޮށްފައެވެ. 

މި 02 ފިލްމުގެ ރިޕޯޓުތަކަށް ބަލާއިރު އެންމެ ގިނަބަޔަކު އަޅައިގަންނާނެ އެއް ވާހަކައަކީ މީގެ 02 ދުވަސްކުރިން އެ ފިލްމެއްގެ ޓީޒާ ދައްކާލި ފިލްމު "ޖަވާން"އަކީ މަނީ ހައިސްޓްގެ ރިމޭކެއް ކަމަށް ދެކެވޭ ވާހަކައެވެ. އެހެނީ ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ 'ބޮލީވުޑް ހަންގާމާ'ގައިވާ ރިޕޯޓެއްގައި ވަނީ ޝާހްރުކްގެ ޑަބަލް ރޯލު ފެނިގެންދާ ފިލްމު "ޖަވާން"އަކީ، މަޝްހޫރު ސްޕެނިޝް ސީރީޒް "މަނީ ހައިސްޓް" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެއް ކަމަށެވެ. މިކަމާ ގުޅޭ ގޮތުން މާގިނަ ވާހަކަތަކެއް ދައްކާފައެއް ނުވެއެވެ. އެއީ އެތައް ސަޕްރައިޒްތަކެއް ބެލުންތެރިންނަށް ދައްކާލުމުގެ ބޭނުމުގައެވެ. ނަމަވެސް ފިލްމުގައި ޚާއްޞަ އޭޖެންޓެއްގެ ނުވަތަ ފުލުސް އޮފިސަރެއްގެ ރޯލުން ވެސް ޝާހްރުކް ފެނިގެންދާއިރު އޭގެ އަނެއްކޮޅުން ވިލަން ނުވަތަ ނެގެޓިވް ކެރެކްޓަރއިން ވެސް ފެނިގެންދާނީ ޝާހްރުކް ކަމަށްވަނީ ހާމަވެގެން ގޮސްފައެވެ. އަދި ފިލްމުގެ ނެގެޓިވް ކެރެކްޓަރގެ ރޯލުން ޝާހްރުކް ފެނިގެންދާނީ ޓީމެއް ގޮވައިގެން ބޮޑު ބޭންކް ހައިސްޓެއްގައި އުޅޭ މަންޒަރުކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

Shah Rukh Khan Playing The Character Of Professor In The Hindi Version Of  'Money Heist' Will Be Big Says Ajay Jethi - Box Office Worldwide

ހަމަ ގައިމުވެސް ޝާހްރުކްގެ ފޭނުންނަށް މިއީ އަނެއްކާ ވެސް ފިލްމު އިތުރަށް ބަލާހިތްވާނެ ކަމަކަށް ނޫނީ ނުވާނެއެވެ. އަތުލީ ކުމާރު ޑައިރެކްޓްކޮށް ގެނެސްދޭ "ޖަވާން" ރިލީޒްކުރަން ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 02 ވަނަ ދުވަހުއެވެ. މިފިލްމުގައި ޝާހްރުކްގެ އިތުރުން ނަޔަންތަރާއާއި ޕްރިޔަމާނީ އަދި ސުނިލް ގްރޯވާ ވެސް ފެނިގެންދާނެއެވެ.

މީގެ އިތުރުން އޭނާގެ "ޕަތާން" ވެސް ރިލީޒްކުރަން ހަމަޖެހިފައިވަނީ 2023ގައެވެ. ޝާހްރުކްގެ މައިގަނޑު މި 02 ފިލްމު އަންނަން އޮތްއިރު ސަލްމާން ޚާންގެ "ޓައިގަރ 03"ގައި އާއި ރޯހިތު ޝެޓީގެ "ސާކަސް"އިން ވެސް ޝާހްރުކްގެ ކެމިއޯއެއް ވާނެއެވެ.