ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލްގައި ރޭ ނޯވޭގެ ކެސްޕާ ރޫޑް ބަލިކޮށް ސްޕެއިނުގެ ރަފައެލް ނަޑާލް، އެ މުބާރާތް ރެކޯޑް 14 ވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.
މިއާއެކު، ނަޑާލް، 36، ވަނީ 22 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށް، އެ ރެކޯޑް ވެސް އިތުރަށް ފުޅާކޮށްފައެވެ. އެންމެ ގިނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކުރުމުގެ ރެކޯޑް އޮތީ ނަޑާލް އަތުގައެވެ. މި ލިސްޓުގެ ދެވަނައިގައި އުޅޭ ސާބިއާގެ ނޮވަކް ޖޮކޮވިޗް އާއި ސްވިޒަލެންޑްގް ރޮޖާ ފެޑެރާ ވަނީ 20 ގްރޭންޑް ސްލޭމް ތަށި ކާމިޔާބުކޮށްފައެވެ.
ޕެރިހުގައި ހުންނަ ރޮލާންޑް ގަރޮސް ސްޓޭޑިއަމްގެ ފިލިޕް ޝެޓްރިއާ ކޯޓުގައި ރޭ ކުޅުނު މެޗު ނަޑާލް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ގާތްގަނޑަކަށް ދެ ގަޑިއިރާއި 20 މިނެޓަށް ދެމިގެންދިޔަ މި މެޗުގެ ސެޓުތައް ނަޑާލް ގެންދިޔައީ 6-3، 6-3 އަދި 6-0 އިންނެވެ.
މިދިޔަ އަހަރުގެ ސެމީ ފައިނަލްގައި ޖޮކޮވިޗް އަތުން ބަލިވި ނަމަވެސް، "ކްލޭ ކޯޓުގެ ރަސްގެފާނު" ގެ ނަމުން މަޝްހޫރުވެފައިވާ ނަޑާލް ވަނީ ފްރެންޗް އޯޕަންގައި މިހާތަނަށް ކުޅުނު 115 މެޗުގެ ތެރެއިން 112 މެޗު ކާމިޔާބުކޮށްފައެވެ.
ފްރެންޗް އޯޕަންގައި އޭނާ އެންމެ ފަހުން ކުޅުނު 101 މެޗުގެ ތެރެއިން 100 މެޗުން ވަނީ މޮޅުވެފައެވެ.
ރޭގެ މެޗު ކާމިޔާބުކޮށް، ނަޑާލްގެ ކެރިއަރުގެ 92 ވަނަ ޓްރޮފީ އުފުލާލިއިރު މިއީ ކްލޭ ކޯޓުގައި އޭނާ ކާމިޔާބުކުރި 63 ވަނަ ތަށްޓެވެ. މީގެއިތުރުން، ރޭގެ މޮޅާއެކު ބޮޑެތި މުބާރާތްތަކުގެ ފައިނަލްގައި ނަޑާލްގެ ރެކޯޑަކީ 22-9 އެވެ.
ނަޑާލް ވަނީ 2005، 2006، 2007، 2008، 2010، 2011، 2012، 2013، 2014، 2017، 2018، 2019، 2020 އަދި 2022 ގައި ފްރެންޗް އޯޕަންގެ ތަށި ހޯދާފައެވެ. މި މުބާރާތުގެ ފައިނަލަށް ދިޔަ ކޮންމެ ފަހަރަކު ނަޑާލް ވަނީ ތަށި އުފުލާލައިފައެވެ.
