2020 ވަނަ އަހަރު ޓައިމް މެގަޒިން އިން ހޮވާ، ދުނިޔޭގައި ތިބި އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި ބޮލީވުޑްގެ އެކްޓަރު އަދި މިއުޒިޝަން އަޔުޝްމާން ޚުރާނާ ހިމެނިއްޖެއެވެ. އަޔުޝްމާންގެ މި ކާމިޔާބަށް އެންމެ ފުރަތަމަ މަރުޙަބާ ކީ ދިޕިކާ ޕަދުކޯން އެވެ. އަޔުޝްމާންގެ ހުނަރާއި ބެހޭގޮތުން އޭނާ ލިޔެފައިވަނީ، އޭނާގެ އެންމެ ފުރަތަމަ ފިލްމު "ވިކީ ޑޯނަރ" ގައި އޭނާ ދެއްކި ހުނަރު އަދިވެސް ހަނދާން އެބަހުރި ކަމަށާ، އަޔުޝްމާނަކީ ބޮލީވުޑްގައި އެކި ދާއިރާއިން ފާހަގަ ކޮށްލެވޭ މީހެއް ކަމަށެވެ. އަދި އޭނާ ވަނީ މީހުންގެ ހަނދާނުގައި ހުންނާނެ އެތައް ފިލްމެއް އާންމުންނާއި ހަމައަށް ގެނެސްދީފައި ކަމަށްވެސް ދީޕިކާގެ ފާހަގަ ކުރިއެވެ.
އަޔުޝްމާންގެ މި ކާމިޔާބީ ޚުދު އަޔުޝްމާން ވެސް ވަނީ އިންސްޓަގްރާމްގައި ފާހަގަ ކޮށްފައެވެ. އޭނާގެ ފޭނުންނާ މިކަން ޙިއްސާކުރަމުން އަޔުޝްމާން ބުނީ މި ކަމުގައި އޭނާގެ ނަން ޝާމިލް ވީ ކަމަށްޓަކައި އޭނާ އުފާ ކުރާ ކަމަށެވެ.
ޓީވީ ގައި އަހަރުތަކެއް މަސައްކަތް ކުރުމަށް ފަހު ފިލްމްތަކުން ފެންނަން ފެށި އަޔުޝްމާން ވަނީ ދަމް ލަގާކެ ހައިޝާ، ބަރޭލީކި ބަރްފީ، ޝުބް މަންގަލް ސާވްދާން، އަންދާދުން، ބަދާއީ ހޯ، އަރޓިކަލް 15 އަދި ބާލާ ފަދަ ފިލްމުތަކުގައި ކުޅަދާނަ އެކްޓިންގ އެއް ދައްކާފައެވެ.
