ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކްރޮއޭޝިއާގެ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ފްރާންސުން މިފަހަރުގެ ނޭޝަންސް ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ނިންމާލަންޖެހިފައިވަނީ މޮޅެއްނުލިބިއެވެ. ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި 2-1 އިން ޑެންމާކް އަތުން ވަނީ ބަލިވެފައެވެ. އެ މެޗުގައި ފްރާންސުން ކުރީން ލީޑްނެގިނަމަވެސް، ލީޑް ހިފަހައްޓާލެވިފައެއްނުވެއެވެ. ރޭގެ މެޗުގައި ވެސް އެކަންތައް ވަނީ ތަކުރާރުވެފައެވެ.

ރޭގެ މެޗުތަކަށްފަހު ނޭޝަންސް ލީގު އޭގެ ފުރަތަމަ ގްރޫޕުގެ އެންމެ ކުރީގައި އުޅެނީ ޑެންމާކެވެ. މިހާތަނަށް ކުޅުނު ދެ މެޗުން އެ ޓީމަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އޮސްޓްރިއާ އޮތީ ތިން ޕޮއިންޓާއެކު ދެވަނައިގައެވެ. ތިންވަނައިގައި އޮތް ފްރާންސާއި، އެންމެ ފުލުގައި އުޅޭ ކްރޮއޭޝިއާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ފްރާންސަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ.

ފްރާންސްގެ މިޑްފީލްޑަރު އެޑްރިއެން ރަބިއޯ (މ) ކްރޮއޭޝިއާގެ ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ޓުވިޓާ

ފްރާންސުން ރޭގެ މެޗަށް ނިކުތީ އެންމެ ފަހުން ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗު ފެށީ އޮރެލިއަން ޗުއަމޭނީ އެކަންޏެވެ. މި މެޗުގައި ފްރާންސްގެ ގޯލް ބެލެހެއްޓީ އޭސީ މިލާންގެ މައިކް މައިގްނަން އެވެ. އެ ޓީމުގެ ފޯވާޑްލައިންގައި ހިމެނޭ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ކަރީމް ބެންޒެމާ އާއި ކިލިއަން އެމްބާޕޭ މެޗު ފެށީ ބެންޗުންނެވެ. މީގެއިތުރުން، ރޭގެ މެޗަކީ 2016 ވަނަ އަހަރުގެ ފަހުން ފްރާންސްގެ ފުރަތަމަ އެގާރައިގައި އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ނެތި ވާދަވެރި މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، މި ހާފުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއްލިބުނީ ކްރޮއޭޝިއާގެ ފޯވާޑް އެންޓޭ ބުޑިމިރް އަށެވެ. އެ ޓީމުގެ މަޓެއޯ ކޮވެސިޗް ހުސްކޮށްލާފަ ދިން ބޯޅައަކުން ބުޑިމިރް ފޮނުވާލި ހަމަލާ ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ. އެ ބޯޅަ ފްރާންސްގެ ކީޕަރު މައިގްނަން މަތަކުރިއެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ޗުއަމޭނީ އާއި މޫސާ ޑިއާބީ ފޮނުވާލި ހަމަލާތައް ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ ހުއްޓުވާފައެވެ.

ކްރޮއޭޝިއާ އިން ދެވަނަ ހާފު ރަނގަޅަށް ފެށި ނަމަވެސް، ކުރީން ލީޑްނެގީ ފްރާންސް އިންނެވެ. ފްރާންސްގެ މޮނާކޯ އަށް ކުޅެމުން އަންނަ އިތުބާރު ފޯވާޑް ވިސާމް ބެން ޔެޑާ ދިން ބޯޅައަކުން މި ލަނޑުޖަހައިދިނީ އެޑްރިއަން ރަބިއޯ އެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ދެވަނަ ގޯލެވެ.

އޮސްޓްރިއާ އާ ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ކްރޮއޭޝިއާ އަށް އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް އަންޑްރެއި ކްރަމަރިޗް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ކްރޮއޭޝިއާގެ ކްރަމަރިޗަށް ފްރާންސްގެ ޑިފެންޑަރު ޖޮނަތަން ކްލައުސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ދޭން ރެފްރީ ނިންމީ، ކްރޮއޭޝިއާގެ ކުޅުންތެރިއަކު އޮފްސައިޑްވެފައިވޭތޯ ކަށަވަރުކުރުމަށް ވީއޭއާރް އިން ބެލުމަށްފަހު އެވެ.

އޭގެފަހުން، ކްރޮއޭޝިއާ މޮޅުކޮށްދޭން ނިކޮލާ ވްލަސިޗް އާއި ލޫކާ ސުޗިޗް އަށް ލިބުނު ފުރުޞަތުތައް ވެސް ވީ ބޭކާރެވެ. ވްލަސިޗް ފޮނުވާލި ބޯޅަ ފްރާންސްގެ ކީޕަރު މައިގްނަން މަތަކުރިއިރު، ސުޗިޗް ފޮނުވާލި ހަމަލާ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. މި މެޗަކީ ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗް ގައުމީ ޓީމަށް ކުޅެދިން 150 ވަނަ މެޗެވެ. އޭނާ އަކީ އެ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ އެވެ. މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ރޭ އޮސްޓްރިއާގެ ދަނޑުގައި ޑެންމާކް މޮޅުވީ 2-1 އިންނެވެ.

މި މުބާރާތުގައި ފްރާންސަށް ދެން އޮތީ އަންނަ ހުކުރު ދުވަހުގެ ރޭ ރަށުން ބޭރުގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. ހަމަ އެ ދުވަހު ކްރޮއޭޝިއާ ނިކުންނާނީ ޑެންމާކާ ދެކޮޅަށެވެ.