ޔުއެފާ ނޭޝަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-1 އިން ހަންގޭރީ ބަލިކޮށް ތާވަލްގެ ކުރިއަށް އިޓަލީ ޖެހިލިއިރު، އިންގްލެންޑާއި ދެކޮޅަށް ޖަރުމަން ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ރޭގެ ނަތީޖާއާއެކު އިޓަލީ އޮތީ ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެއްވަނައިގައެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކު ހަންގޭރީ އޮތްއިރު، ދެ ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ޖަރުމަނެވެ. އިންގްލެންޑް އޮތީ އެއް ޕޮއިންޓާއެކު ފުލުގައެވެ.

ޖަރުމަނުން ރޭގެ މެޗަށް ނިކުތީ އެންމެ ފަހުން އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ހަތް ބަދަލެއް ގެނެސްގެންނެވެ. އިންގްލެންޑުން ނިކުތްއިރު އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ ހަންގޭރީ އަތުން ބަލިވި މެޗުގެ ފުރަތަމަ އެގާރަ އަށް ފަސް ބަދަލެއް ގެނެސްފައެވެ.

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން (ވ) ޕެނަލްޓީ ސްޕޮޓްމަތިން ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ޓުވިޓާ

އެލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ބުކާޔޯ ސަކާ ފޮނުވާލި ބޯޅަ ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ މަތަކުރިއިރު، އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. އިންގްލެންޑްގެ މިޑްފީލްޑަރު ކެވިން ފިލިޕްސް އަށް އަނިޔާވެގެން ބަދަލުކުރިއިރު، އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ޖޫޑް ބެލިންހަމް އެވެ. މި ހާފުގައި ޖަރުމަނުގެ ޖޮނަސް ހޮފްމަން ގޯލެއް ކާމިޔާބުކުރިއިރު، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އޭގެފަހުން، ހާފު ނިމެން ދަނިކޮށް ސަކާ އަށް ލިބުނު ފުރުޞަތު ވެސް ވީބޭކާރެވެ. ޕެނަލްޓީއޭރިޔާ ބޭރުން ސަކާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަނަ މިނެޓުގައި ޖަރުމަނުން ލީޑްނެގީ ހޮފްމަން އެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު ޖޯޝުއާ ކިމިޗް ދިން ބޯޅައަކުން ހޮފްމަން ކާމިޔާބުކުރި ގޯލެކެވެ. ޖަރުމަނުން ލީޑްނެގުމާއެކު، އިންގްލެންޑުން ވަނީ މެޗުގެ ފަހުބައިގައި ޖެކް ގްރީލިޝް އާއި ޖަރޮޑް ބޮވެން ކުޅެން އަރުވާފައެވެ. އޭގެނަތީޖާއެއްގެ ގޮތުން މެޗުގެ 88 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ކޭން އަށް ޖަރުމަނުގެ ޑިފެންޑަރު ނިކޯ ޝްލޮޓަބެކް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

އިންގްލެންޑަށް މި މެޗުގައި ޖަހައިދިން ގޯލަކީ އިންގްލެންޑްގެ ޖާޒީގާއި ކޭން ކުޅުނު 71 މެޗުގައި ޖެހި 50 ވަނަ ލަނޑެވެ. މިއާއެކު، އޭނާ ވަނީ ލަނޑުލިސްޓުގެ ދެވަނައިގައި އޮތް ބޮބީ ޗާލްޓަން އަށް ވުރެ ކުރިއަށް ޖެހިލާފައެވެ. ކޭން އަށް ވުރެ ގިނައިން އިނގިރޭސި ގައުމީ ޓީމަށް ލަނޑުޖަހައިދީފައިވަނީ 53 ގޯލާއެކު އެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ ވޭން ރޫނީ އެވެ.

ހަންގޭރީ ކޮޅަށް ލަނޑުޖެހުމަށްފަހު އިޓަލީގެ ލޮރެންޒޯ ޕެލެގްރިނީ އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ސެސޭނާގައި ހުންނަ ސްޓާޑިއޯ ޑީނޯ މަނޫޒީގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިޓަލީ އިން ވަނީ ދެލަނޑުގެ ލީޑެއްނަގާފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ ނިކޯލޯ ބަރެއްލާ ވައްދާލި ލަނޑުންނެވެ. އޭގެފަހުން، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އިޓަލީގެ ދެވަނަ ލަނޑުޖަހައިދިނީ ލޮރެންޒޯ ޕެލެގްރިނީ އެވެ. މިއީ ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު ދެ މެޗުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ހަންގޭރީ އިން ގޯލެއް ކާމިޔާބުކުރިއިރު، މިއީ އިޓަލީގެ ޑިފެންޑަރު ޖިއަންލޫކާ މަންޗީނީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ރަށުން ބޭރުގައި ލިތުއޭނިއާ އަތުން 6-0 އިން ތުރުކީ ވަނީ މޮޅުވެފައެވެ. ރޫމޭނިއާ އަތުން އަމިއްލަ ދަނޑުގައި ބޮސްނިއާ އެންޑް ހާޒެގޮވިނާ 1-0 އިން މޮޅުވިއިރު، ފެރޯ އައިލެންޑްސް އަތުން ލަގްޒެމްބޯގް މޮޅުވީ ވެސް މި ނަތީޖާއިންނެވެ. ފިންލެންޑުން ވަނީ 2-0 އިން މޮންޓެނީގްރޯ ބަލިކޮށްފައެވެ.