އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ތައިލެންޑް އަތުން 3-0 އިން ދިވެހިރާއްޖެ ބަލިވެއްޖެ އެވެ.

ސެންޓްރަލައިޒްކޮށް، އުޒްބެކިސްތާނުގައި ކޮލިފައިން މެޗުތައް ކުރިއަށްދާއިރު، ރާއްޖެ އާއި ތައިލެންޑްގެ އިތުރުން ގްރޫޕް ސީ ގައި ދެން ހިމެނެނީ؛ ސްރީ ލަންކާ އަދި އުޒްބެކިސްތާން އެވެ. ފުރަތަމަ މެޗުން ރާއްޖެ ބަލިވުމާއެކު، އަމިއްލަ ބާރުގައި އޭޝިއަން ކަޕުން ޖާގައެއް ހޯދުމަށްޓަކައި ބާކީ އޮތް ދެ މެޗުން މޮޅުވުން ނޫން ގޮތެއް ނެތެވެ. 

ނަމަންގަންގެ މަރުކަޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ތައިލެންޑުން ވަނީ ދެލަނޑުޖަހާފައެވެ. އެ ޓީމުން ކާމިޔާބުކުރި ދެލަނޑުވެސް ޖެހީ ފުރަތަމަ ހާފުގެ ފަހު ބައިގައެވެ. އެގޮތުން، ތައިލެންޑުން ލީޑްނެގީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށްވެފައިވަނިކޮށް ސަރާޗް ޔޫޔެން ވައްދާލި ލަނޑުންނެވެ. މިއީ މިޑްފީލްޑްގައި ކުޅެމުން އަންނަ އެ ޓީމުގެ ކެޕްޓަން ތީރަތޯން ބުންމަތަން ދިން ބޯޅައަކުން ޔޫޔެން ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ތައިލެންޑުން ޖެހި ދެވަނަ ގޯލަކީ ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ތީރަސީލް ޓާންޑްގާ ކާމިޔާބުކުރި ގޯލެކެވެ. މި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލްގެ ފައިގައި ޖެހިފައެވެ.

މި މެޗުގައި ތައިލެންޑުން ކާމިޔާބުކުރި ތިންވަނަ ލަނޑުޖަހައިދިނީ ޕަންސާ ހެމްވިބޫން އެވެ. މެޗުގެ 80 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ކެޕްޓަން ތީރަތޯން ތަނަވަސްކުރި ފުރުޞަތަކުންނެވެ. އޭގެކުރީން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރާއްޖޭގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ. 

ކޮލިފައިންގައި ރާއްޖެ އަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހުގެ ރޭ އުޒްބެކިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ފަށާނީ އެރޭ ރާއްޖޭގަޑިން 20:30 ގައެވެ.