ޔުއެފާ ނޭޝަންސް ލީގުގައި ރޭ ފަހުވަގުތު ރަށުން ބޭރުގައި ވައުޓް ވެގްހޯސްޓް ވައްދާލި ލަނޑުން ވޭލްސް އަތުން 2-1 އިން ނެދަލެންޑްސް މޮޅުވިއިރު، ބެލްޖިއަމުން ވަނީ އަމިއްލަ ދަނޑުގައި 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޕޮލެންޑް ބަލިކޮށްފައެވެ.

މި ނަތީޖާއާއެކު ނެދަލެންޑްސް އޮތީ ލީގު އޭގެ ހަތަރުވަނަ ގްރޫޕުގެ އެއްވަނައިގައެވެ. އެ ޓީމަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި ބެލްޖިއަމް އޮތީ ތިން ޕޮއިންޓާއެކު އެވެ. ލަނޑުގެ ތަފާތުން ތިންވަނައިގައި އޮތް ޕޮލެންޑަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ވޭލްސް އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ވޭލްސް އިން ރޭގެ މެޗަށް ނިކުތީ ވޯލްޑް ކަޕް ޕްލޭ-އޮފްގައި ޔޫކްރޭން އަތުން މޮޅުވި މެޗުގެ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެ ޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ އާރޮން ރަމްސޭ އާއި ގޯލްކީޕަރު ވޭން ހެނަސީ އަދި ޖޯ އެލަން ރޭގެ މެޗުގެ ސްކޮޑުގައި ނުހިމެނޭއިރު، ކެޕްޓަން ގަރެތު ބޭލް މި މެޗު ފެށީ ބެންޗުންނެވެ. ހަމަ އެގޮތަށް، ނެދަލެންޑްސް އިން ރޭގެ މެޗަށް ނިކުތްއިރު މިދިޔަ ހަފްތާގައި ބެލްޖިއަމް އަތުން މޮޅުވި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު އެއްވެސް ކުޅުންތެރިއަކު ވޭލްސްއާ ދެކޮޅަށް ނިކުތް އެގާރައިގައި ނުހިމެނެއެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. އެގޮތުން، ނެދަލެންޑްސް އިން ލީޑްނެގީ ދެވަނަ ހާފުގެ ކުރީކޮޅު ޓެއުން ކޫޕްމެއިނާސް ކާމިޔާބުކުރި ލަނޑުންނެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ވޭލްސްގެ ރީސް ނޮރިންޓަން-ޑޭވީސް ވައްދާލި ލަނޑާއެކު އެ ޓީމުން އެއްވަރުވާން ދަނިކޮށް، ނެދަލެންޑްސް މޮޅުކޮށްދިނީ ވެގްހޯސްޓް އެވެ. އޭނާ މި ލަނޑުޖެހީ އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައެވެ.

ޕޮލެންޑް ކޮޅަށް ލަނޑުޖެހުމަަށްފަހު ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އުފާ ފާޅުކުރަނީ. --ފޮޓޯ: ޔުއެފާ

ބްރަސެލްސްގައި ހުންނަ ބައުދުއިން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ޕޮލެންޑުންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ކެޕްޓަން ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން 76 ވަނަ ގޯލެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން ބެލްޖިއަމަށް އެއްވަރުކޮށްދިނީ އެކްސެލް ވިޓްސެލް އެވެ.

ބެލްޖިއަމުން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނެގީ، ދެވަނަ ހާފުގެ ކުޅުން ފެށިތާ 14 ވަރަކަށް މިނެޓުގެ ތެރޭގައި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، ހަތް މިނެޓުގެ ތެރޭގައި ލެއަންޑްރޮ ޓްރޮސާޑް ވައްދާލި ދެލަނޑާއެކު ބެލްޖިއަމުން ވަނީ ލީޑް އިތުރަށް ފުޅާކޮށްފައެވެ. އެ ޓީމުގެ ތިންވަނަ ލަނޑު، މެޗުގެ 73 ވަނަ މިނެޓުގައި މިޝީ ބަޓްޝުއާޔީ ދިން ބޯޅައަކުން ޓްރޮސާޑް ކާމިޔާބުކުރިއިރު، އޭގެ ހަތް މިނެޓުފަހުން ޔަނިކް ކަރާސްކޯ ދިން ޕާހަކުން ޓްރޮސާޑް ވަނީ ނަތީޖާ 4-1 އަށް ބަދަލުކޮށްލާފައެވެ.

ބެލްޖިއަމްގެ ފަސްވަނަ ލަނޑު، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ގޯލާއި 30 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުން ލެއަންޑާ ޑެންޑޮންކާ ޖެހީ ޔޫރީ ޓީލަމެންސް ދިން ބޯޅައަކުންނެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ލޮއިސް އޮޕެންޑާ ވަނީ ބެލްޖިއަމްގެ ހަވަނަ ލަނޑުޖަހައިދީފައެވެ. މިއީ ބެލްޖިއަމްގެ ޖާޒީގައި އޮޕެންޑާ ކުޅުނު ފުރަތަމަ މެޗެވެ.