ޒަމާނާއެކު މި އައި ބަދަލާއި އެކު އައިސް އަލަމާރިއެއް ނުވަތަ ރެފްރިޖަރޭޓަރ އެއް ކޮންމެ ގެއަކުމެ ހުރެއެވެ. ކާބޯތަކެތި ރައްކާ ކުރުމަށެވެ. ނަމަވެސް އައިސް އަލަމާރީގައި ކާބޯތަކެތި ރައްކާކުރާ އިރު ސަމާލުކަންދޭން ޖެހޭ ވަރަށްވެސް މުހިންމު ކަންތައްތަކެއް ހުންނާނެއެވެ. ޖެހުނު އެއްޗެއް ޖެހުނު ތަނަކު، ޖެހުނު ގޮތަކަށް އަލަމާރީގެ ތެރެއަށް ލައިގެން ގެންގުޅުމަކީ އެންމެ އެދެވޭ ގޮތެއްނޫނެވެ. ނަމަވެސް އައިސް އަަލަމާރިއަަށް އެއްޗެއް ލެވި، ދޮރު ޖެހުމުން އަހަރެމެންނަށް ފުދުނީއެވެ. ދެން އެ އެއްޗެއް އަލާމާރި ތެރޭ އޮވެ ގަނޑުވެ ނުވަތަ ފިނިކޮށް ހުރެދާނެއެވެ! މި ލިޔުމުގައި މި ބަލާލަނީ އައިސް އަލަމާރީގައި ކާބޯތަކެތި ގެންގުޅޭއިރު، ސަމާލުކަންދޭން ޖެހޭ ބައެއް ކަންކަމަށެވެ.
އެންމެ ފުރަތަމައީ އަލަމާރީގެ ސާފުތާހިރު ކަމެވެ. ކާބޯތަކެތި އަޅާ އައިސް އަލަމާރީގެ ސާފުތާހިރު ކަމަކީ ގަވައިދު ބެލެހެއްޓެއްޖެހޭނޭ ކަމެކެވެ. ކޮންމެ އަހަރެއްްގެ ރޯދައަށް އައިސް އަަލަމާރީ ސާފުކުރުމަކުން ނުފުދޭނެއެވެ. އަބަދުވެސް ސާފުކޮށް ތީރިކޮށް ބަހައްޓަން އާދަކުރަންވާނެއެވެ. ހާއްސަކޮށް ގަނޑުކުރާ ބަޔަށް އެޅިފައި ހުންނަ ލޭ ނުފަދަ އެފަދަ ފެން، ގަނޑުވެފައި ހުންނަ ހުރުން، އެއީ ރަނގަޅު ކަމެއް ނޫނެވެ. ނޭނގި ނަމަވެސް އެކަމުގެ ސަބަބުން ނުތާއިރު ކަމެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ. އަލަމާރީގައި ހުރެ، ހަލާކުވެ ފާވަމުންދާ އެއްޗެހި ލަސްނުކޮށް އަލަމާރިން ބޭރުކުރަން ވާނެއެވެ. އަދި އެފަދަ އެއްޗަކުން އަލަމާރި ތެރެއަށް އެޅިފައި ހުންނަ ދިޔަ ފަދަ އެއްޗެހި ރީއްޗަށް ސާފުކުރަން ވާނެއެވެ.
ގަނޑުކޮށްފައި ހުންނަ ތަކެތި، ފިހާރަތަކުން ގަނެގެން، ރަށްރަށާ ހިސާބަށް ނުވަތަ ގެއާ ހިސާބަަށް ގެންދެވޭ އިރު، އޭގެ ގަނޑުމިނުގެ މިންވަރު ކުޑަވެގެން ދެއެވެ. މިފަދައިން ހަގީގަތުގައި ކަނޑުމިނުގެ މިންވަރު ދަށްވެ ދިޔުމަކީ އެދެވޭ ކަމެއް ނޫނެވެ. (އަލުން ގަނޑު ކުރާނަމަ). ނަމަވެސް އަހަރެމެންނަށް އަބަދުވެސް ފަރުވާކުޑަކުރެވޭ އެއް ކަމަކީ އެއީއެވެ. ފިހާރައިން ގަނޑު ކުރި ކުކުޅެއް ގަނެގެން ގެނެސް، އަލަަމާރިއަށް ނުލާ އެހާއިރު ބޭއްވެއެވެ. ހަމަ އެގޮތަށް ދުރު ރަށްރަށް ދަތުރުކުރާއިރު، އައިސް ފޮށީގައި ހުންނަ ގަނޑުކުރި ކުކުޅުތަކުގެ ގަނޑުމިނުގެ މިންވަރަށް ފަރުވާތެރިވާން ޖެހޭނެއެވެ. ކަނޑުމިނުގެ މިންވަރު ދަށްވެ ނުވަތަ ކެނޑޭ މިންވަރަކުން އެ އެއްޗެއްގައި ޖަރާސީމު އަށަގަތުމުގެ ފުރުސަތު ބޮޑުވެއެވެ. ހާއްސަކޮށް އެކި ކަހަލަ ރޯ މަސް މަހުގައެވެ. އެއްގަމު މަހާއި ކަނޑުމަހުގައެވެ. އަލަމާރިން ނަގާ ގަނޑުފިލުވުމަށްފަހު، އެއްބައި ކެއުމަށް ނެގުމަށްފަހު އަނެއްބައި އަނެއްކާ އަލަމާރިއަށް ލެވޭތަން އެބަ އާދެއެވެ. އެއީ އެއްވެސް ހާލެއްގައި ރަނގަޅު ގޮތެއް ނޫނެވެ. އެފަދައިން މަދު އެތިއެތިކޮޅުން ކައްކާނަމަ، އަލަމާރިއަަށްވެސް މަދު އެތިއެތިކޮޅުން ބަންދުކޮށް، ލެވިދާނެއެވެ. އަލަމާރިއަށް ޕްލާސްޓިކު ކޮތަޅުގައި ގަނޑުކުރަން ލާނަމަ، އެ ކޮތަޅު ނަގާ ގަނޑުފިލުވުމަށްފަހު އަނެއްކާވެސް އެ ކޮތަޅު ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެހެނީ އޭގެ ސަބަބުން ލޮލަށް ނުފެންނަ މައިކްރޯ ޕްލާސްޓިކުގެ މިންވަރެއް، ގަނޑުކުރެވޭ އެއްޗެގައި ހަރުލުމުގެ ފުރުސަތު ބޮޑުވީމައެވެ.
ކައްކާފައިވާ ތަކެތި، ފިނިކުރަން އަލަމާރިއަށް ލާނަމަ، އެ އެއްޗެއް މާ ބޮޑު ތައްޓެއްގައި ނުބަހައްޓާށެވެ. މިސާލަކަށް ބަތް ތެއްޔެއްނަމަ، އެ ތެލި ފުރާ ހުރި ބަތާއި އެއްކޮށް ނުލާށެވެ. އޭގެ ބަދަލުގައި ކުދި ކުދި އެއްޗެހީގައި މަދު މިންވަރަކުން ފިނިކުރަން ލުން މުހިންމެވެ. ގިނައިން އެކައްޗެއްގައި ހުންނަނަމަ، ފިނިވެދާ މިންވަރާއި ފިނިވެދާ ގޮތުގެ ފެންވަރު ދަށްވެދާނެއެވެ. ނަތީޖާއެއްގެ ގޮތުން ޖަރާސީމު އަށަގަނެ ނުބައިވެ ކުނިވާ ގޮތްވެސް ވެދާނެއެވެ. އައިސް އަލަމާރިއަށް ފިނިކުރަން ނުވަތަ ގަނޑުކުރަން ލެވޭ އެއްޗަކީ މާ ހޫނު އެއްޗެއްކަމުގައި ނުހަދާށެވެ. ހޫނު އެއްޗެއް ފިނިކޮށް ގަނޑުކުރާނަމަ، އޭގެ ހޫނުމިން ދަށްވެލަންދެއް ބަހައްޓާށެވެ. ހޫނުގަދަކޮށް، ކާބޯތަކެތި ގަނޑުކުރަން ނުވަތަ ފިނިކުރަން އަލަމާރިއަށް ލުމަކީ އެ އެއްޗެހީގެ ތާސީރަށް އުނި އިތުރު އައިސްދާނޭ ކަމެކެވެ.
މާ ގިނަ މުއްދަތަކަށް އަލަމާރީގައި ކާބޯތަކެތި ނުގެންގުޅޭށެވެ. އެއީވެސް ރައްކާތެރިގޮތެއް ނޫނެވެ. އަދި އެ އެއްޗެއްގެ ތާޒާކަމާއިމެދު ޝައްކުވާ އެއްވެސް އެއްޗެއްވެސް އަލަމާރީގައި ނުގެންގުޅޭށެވެ. ގަނޑުކުރަން އަދި ފިނިކުރަން އަލަމާރިއަށް ލެވޭ ތަކެތީގެ ތެރެއިން ރޯ ތަކެއްޗާއި ރޯ ފިލާފައިވާ ނުވަތަ ފިލުފައިވާ ތަކެރި ވަކިން ބެހެއްޓުން ވަރަށްވެސް ބޭނުންތެރިއެވެ. އަލަމާރީގެ ދޮރު ރަނގަޅަށް ޖެހުމާއި، ދޮރު ހުޅުވާފައި މާ ގިނަ ވަގުތު ނުބެހެއްޓުމާއި އަލަމާރީގައި ހުންނަ ތަކެތީގެ ނިސްބަތަށް ފިނިހޫނުމިން "އެއްހަމަ" ކުރުމަކީވެސް ފަރުވާތެރިވެ ސަމާލުވާން ޖެހޭނޭ ކަންކަމެވެ.
