އެކިކަހަލަ ހާނިއާތަކަށް ފަރުވާ ކުރާ ދިވެހިން އަހަރެމެންގެ ތެރޭގައި ވަރަށްވެސް ގިނައެވެ. ހާނިއާއޭ އަހަރެމެން މިކިޔާ ހާލަތު އުފެދެނީ ގުނަވަނެއް އޭގެ ތަނުގައި ހިފަހައްޓައިދޭ މަސްތަކުގައި ނުވަތަ ހަތާރުތަކުގައި ހުންނަ ހުޅުވުމެއްގެ ތެރެއިން ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ބޭރުވެދާ ދިޔުމަށެވެ. މިސާލަކަށް ބަނޑުގެ ފާރުގައި ހުންނަ ބަލިކަށިވެފައިވާ މަސްތަކެއްގެ ތެރެއިން ގޮހޮރު ނުކުމެގެން ދިއުމަކީ ހާނިއާ އެކެވެ. އެހެން ގުންނަތަކެއްގެ ބަލިކަށިކަމުން، ގުނަވަނެއް ހުންނަންވާ ގޮތް ނޫން އެހެން ގޮތަކަށް ބަދަލުވެ ހުރުމަށްވެސް ހާނިއާއޭ ކިޔައެވެ.
ގިނަ ހާނިއާތައް އާންމުގޮތެއްގައި މޭމައްޗާއި އުނަގަނޑާ ދެމެދުން ބަނޑުގައި އުފެދެއެވެ. ނަމަވެސް އުނަގަނޑުން ތިރިން، އުކުޅުވަޅާއި ފައިވަޅާއި އަދި ފުރަގަސްފަރާތާއި ކުރިމަތިފަރާތު ގުންނަންތަކުގައިވެސް ހާނިއާ އުފެދިދާނެއެވެ.
ގިނަފަހަރަށް ހާނިއާތަކަކީ އެކަން ދިމައިވާ ވަގުތު، ވަގުތުން ފުރާނައަށް ނުރައްކާވާ ކަމެއްނޫނެވެ. ބައެއް ފަހަރަށް ބައެއް ހާނިއާތަކަކީ އޭގެ އަމިއްލައަށް ފިލައިގެން ދާ ހާނިއާތަކެވެ. އަނެއްބައި ހާނިޔާތައް ރަނގަޅު ނުވެ ހުރެއެވެ. މި ރަނގަޅުނުވާ ހާނިއާ އަކީ ފަރުވާ ބޭނުންވާ ހާނިއާއެކެވެ. މި ހާލަތްތަކުގައި ބައެއް ފަހަރު ނުރައްކާތެރި ހާލަތެއް ކުރިމަތިވުމުން ސަލާމަތްވުމަށްޓަކައި ސާޖަރީއެއް ހަދަން ޖެހިދާނެ އެވެ.
ހާނިއާގެ ތަފާތު އެތައް ވައްތަރެއް ހުރެއެވެ. މި ބަލާލަނީ މިފަދަ އެންމެ އާންމު ބައެއް ހާނިއާތަކަށެވެ. އިންގިއުނަލް ހާނިއާ އަކީ އެންމެ އާންމު ހާނިއާގެ ވައްތަރެވެ. މިހާލަތަށް ދިވެހި ބަހުން "ވައިފޭބުމޭ" ކިޔައެވެ. މިހާލަތުގައި ބަނޑުގެ ތިރީ ފާރުގައި ނުވަތަ "އިންގިއުނަލް ކެނަލްގެ" ފާރުގެ މަސްތަކުގައި ނުވަތަ ހަތާރުތަކުގައި ހުންނަ ބަލިކަށި ކަމަކުން ނުވަތަ ބަލިކަށި ތަނަކުން، ގޮހޮރު ބާރުކޮށް، އެ ތަނަކުން ގޮހޮރު ބޭރުވެއެވެ. "އިންގިއުނަލް ކެނަލް" ހުންނާނީ އިންސާނާގެ އުކުޅުވަޅާއި ފައިވަޅާއި ދައްބަނޑުކޮޅަށް ވާގޮތަށެވެ. އިންގިއުނަލް ހާނިއާ ފިރިހެނުންނަށް ގިނައިން ދިމާވަނީ ވިހެއުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި "އޮށް" "އިންގިއުނަލް ކެނަލް" ތެރެއިން ތިރިއަށް ފައިބާތީއެވެ. ފިރިހެން ކުއްޖާ، މަންމަގެބަނޑުން ނެގުމާއި އެކު ކަހަލަ ގޮތަކަށް "އިންގިއުނަލް ކެނަލް" ގެ ދޮރު ގާތްގަނޑަކަށް މުޅިން ބަންދުވާނެއެވެ. ބައެއް ފަހަރު އެ ދޮރު ރަނގަޅަށް ބަންދުނުވެ ހުރެދާނެއެވެ. ނުވަތަ ބަލިކަށިކޮށް ބަންދުވެފައި ހުރެދާނެއެވެ. މިހެން ބަލިކަށިކޮށް ބަންދުވެފައި ހުންނަނަމަ، ކުއްޖާގެ އުމުރުން ދުވަސްވާ ވަރަކަށް އެތަނަށް ކުރާ ބާރު ބޮޑުވެ، އެތަނުގަައި ހާނިއާއެއް އުފެދިދާނެއެވެ.
ހިޔަޓަލް ހާނިއާ އުފެދެނީ ބަނޑުގެ މަތީ ޑައިފްރަމްގެ ތެރެއިން، މައްޗަށް ގޮހޮރު ނިކުމެ މޭމަތީގެ ޖާގަތަކަށް ވަދެގެން ދިއުމުންނެވެ. ޑައިފްރަމް އަކީ ފުއްޕާމޭގެ ތެރެއަށް ވައި ކޮންޓްރެކްޓްކޮށް ދަމައިގަނެ ނޭވާލާން އެހީތެރިވެސް ވެދޭ މަހުގެ ފަށަލައެކެވެ. އެއީ ބަނޑުގައި ހުންނަ ގުނަވަންތަކާއި މޭގައި ހުންނަ ގުނަވަންތައް ވަކިކޮށްދޭ ގުނަވަނެކެވެ.
މިބާވަތުގެ ހާނިއާ އެންމެ ގިނައިން ފެންނަނީ 50 އަހަރުން މަތީގެ މީހުންގެ ކިބައިންނެވެ. ކުޑަ ކުއްޖެއްގެ ކިބައިގައި މި ހާލަތު ހުރިނަމަ، އެއީ އުފަންވާއިރު، "ހިލާފު" ކަމެއް ދިމާވުމުން ދިމާވާ ކަމެކެވެ. ހިއަޓަލް ހާނިއާ ޖެހުމުން އަބަދުވެސް "ގޭސްޓްރޯ އެސޯފޭޖިއަލް ރިފްލަކްސް ޑިޒީޒް" (ގިނިވަޔަށް ގެނައުން / މޭ އެންދުން) ކުރިމަތިވެއެވެ. މި ހާލަތުގައި މައިދާގައި ހުންނަ ތަކެތި މައްޗަށް އަރާ ކާތަކެތި ހިގާ ހޮޅިއަށް ވަދެ، އުނދަގޫ އިހުސާސެއް ކުރެވެއެވެ.
އަންބިލިކަލް ހާނިއާ އުފެދުމަކީ އާންމުކޮށް ކުޑަކުދިންނާއި ތުއްތު ކުދިންނަށް ދިމައިވާ ކަމެކެވެ. މިހާލަތުގައކ ފޫޅު ކައިރީގައި ހުންނަ ބަނޑުގެ ފާރު ތެރެއިން ގޮހޮރު އުފުލިގެން ދެއެވެ. ހާއްސަކޮށް ދަރިފުޅު ރޮމުންދާއިރު ދަރިފުޅުގެ ބަނޑުގައި ނުވަތަ ފޫޅު ކައިރީގައި އުފުލުމެއް އުފުލި، ރިއްސާކަން ފާހަގަ ކުރެވިދާނެ އެވެ. ބަނޑުގެ ފާރުގެ މަސްތައް ވަރުގަދަވުމުން ގިނަ ފަހަރަށް އަމިއްލައަށް ފިލައިގެންދާ ހަމައެކަނި ވައްތަރަކީ އަންބިލިކަލް ހާނިއާ އެވެ. މިއީ އާންމުކޮށް ކުއްޖާގެ އުމުރުން 1 ނުވަތަ 2 އަހަރު ފުރޭއިރު ދިމާވާ ކަމެކެވެ. އުމުރުން 5 އަހަރުގައި ހާނިއާ ފިލައިގެން ނުދާނަމަ ސާޖަރީ ހަދައިގެން ރަނގަޅު ކުރެވިދާނެއެވެ. އާންމުކޮށް ކުޑަކުދިންނަށް ދިމައިވާ ކަމެއް ނަމަވެސް ބޮޑެތި މީހުންނަށްވެސް އަންބިލިކަލް ހާނިއާ ޖެހިދާނެ އެވެ. އެއީ ބަރުދަން އިތުރުވުމާއި، ބަނޑުގައި ފެން ހުރުން (އެސައިޓިސް)، ނުވަތަ ބަލިވެ އިނުން ފަދަ ހާލަތްތަކުގެ ސަބަބުން ބަނޑަށް ތަކުރާރުކޮށް ކުރާ ބާރުތަކެއްފެ ސަބަބުން ދިމައިވާ އަނިޔާތަކަކުން އުފެދޭ ކަންކަމެވެ.
އަދިވެސް ހާނިއާގެ އެކި ވައްތަރުތައް ހުރެއެވެ. މިއީ އާންމު ބައެއް ވައްތަރުތަކެވެ. ހަނިއާގެ އަލާމާތްތަކާއި، ހާނިއާއިން ރައްކާތެރިވުމާއި މިކަމުގެ ފަރުވާގެ މައްޗަށް އެހެން ލިޔުމެއްގައި ބަލާލަނަމެވެ.
