ޔުއެފާ ނޭޝަންސް ލީގުގައި ރޭ އޮސްޓްރިއާ އާ ދެކޮޅަށް ކުޅުނު މެޗުން ކިލިއަން އެމްބާޕޭ ވައްދާލި ލަނޑުން ފްރާންސް ބަލިނުވެ، ސަލާމަތްވިއިރު ކްރޮއޭޝިއާ އަތުން ޑެންމާކް ބަލިވެއްޖެއެވެ.

އޮސްޓްރިއާގެ ދަނޑުގައި 1-1 އިން ފްރާންސް އެއްވަރުވިއިރު، ރަށުން ބޭރުގައި ޑެންމާކް އަތުން ކްރޮއޭޝިއާ މޮޅުވީ 1-0 އިންނެވެ.

މިއީ މި މުބާރާތުގައި ފްރާންސަށް ޖެހިޖެހިގެން މޮޅެއް ނުލިބި ނިންމާލަން ޖެހުނު ތިންވަނަ މެޗެވެ. މިފަހަރުގެ ނޭޝަންސް ލީގުގެ ފުރަތަމަ މެޗުގައި ޑެންމާކް އަތުން އަމިއްލަ ދަނޑުގައި 2-1 އިން ބަލިވިއިރު، ދެވަނަ މެޗުގައި ކްރޮއޭޝިއާގެ ދަނޑުގައި 1-1 އިން ވީ އެއްވަރެވެ.

މި ނަތީޖާއާއެކު ނޭޝަންސް ލީގު އޭގެ ފުރަތަމަ ގްރޫޕުގެ އެންމެ ކުރީގައި އަދިވެސް އުޅެނީ ޑެންމާކެވެ. އެ ޓީމަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އޮސްޓްރިއާ އޮތީ ހަތަރު ޕޮއިންޓާއެކު ދެވަނައިގައެވެ. ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލްގެ ތަފާތުން ތިންވަނައިގައި އޮތީ ކްރޮއޭޝިއާ އެވެ. ފްރާންސް އޮތީ ދެ ޕޮއިންޓާއެކު އެންމެ ފުލުގައެވެ.

ޑެންމާކާ ދެކޮޅަށް ކްރޮއޭޝިއާ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޔުއެފާ

ފްރާންސުން ރޭގެ މެޗަށް ނިކުތްއިރު އެންމެ ފަހުން ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ވަނީ ހަތް ބަދަލެއް ގެނެސްފައެވެ. އޮސްޓްރިއާ އިން ރޭގެ މެޗަށް ނިކުތީ ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ހަ ބަދަލެއް ގެނެސްގެންނެވެ.

ވިއެނާގައި ހުންނަ އާންސްޓް-ހަޕެލް ސްޓޭޑިއޯންގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން 8 މިނެޓަށްވެފައިވަނިކޮށް އޮސްޓްރިއާ އަށް ލީޑްނަގައިދިނީ އަންދްރެއަސް ވައިމަން އެވެ. މިއީ އެ ޓީމުގެ ފޯވާޑް މާކޯ އާނައުޓޮވިޗް އާއި ކޮންރަޑް ލައިމާ ގުޅިގެން ތަނަވަސްކުރި ފުރުޞަތަކުން ވައިމަން ކާމިޔާބުކުރި ގޯލެކެވެ. މިއީ ބްރިސްޓަލް ސިޓީ އަށް ކުޅެމުން އަންނަ ވައިމަން، ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. މި ހާފުގައި ފްރާންސަށް ލަނޑެއްޖަހައިދޭން ކަރީމް ބެންޒެމާ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

މި މެޗުގައި ފްރާންސަށް އެއްވަރުކޮށްދިނީ، ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކިލިއަން އެމްބާޕޭ އެވެ. މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ކްރިސްޓޮފާ އެންކުންކޫ އެވެ. އޭގެފަހުން، ފްރާންސް މޮޅުކޮށްދޭން އެމްބާޕޭ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އޮސްޓްރިއާގެ ކީޕަރު ޕެޓްރިކް ޕެންޓްޒް މަތަކުރިއިރު، މަޓެއޯ ގެންޑޫޒީ ބޮލުން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ޕެންޓްޒް އެވެ.

ނޭޝަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ޑެންމާކް އަތުން ކްރޮއޭޝިއާ މޮޅުވީ 1-0 އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ދެވަނަ ހާފުގައި ކްރޮއޭޝިއާ އަށް ކާމިޔާބުކޮށްދިނީ މާރިއޯ ޕަސަލިޗް އެވެ.