މިހާރު ކުރިއަށްދާ އެންބީއޭ ފައިނަލްސްގެ ހަތަރުވަނަ މެޗުގައި ބޮސްޓަން ސެލްޓިކްސް ބަލިކޮށް ގޯލްޑަން ސްޓޭޓް ވޯރިއާސް އިން ބެސްޓް އޮފް ސެވަން ސީރީޒްގައި 2-2 އިން އެއްވަރުކޮށްފިއެވެ.

ބޮސްޓަންގެ ދަނޑުގައި ކުޅުނު މެޗުން ވޯރިއާސް މޮޅުވީ 107-97 އިންނެވެ. 

މިއަދުގެ މެޗަށް ދެ ޓީމު ނިކުތްއިރު، ފުރަތަމަ ތިން މެޗަށްފަހު ބޮސްޓަން އޮތީ 2-1 އިން ކުރީގައެވެ. މި ދެ ޓީމުގެ ދެމެދުގައި ކުޅެވުނު ފުރަތަމަ މެޗުން 120-108 އިން ބޮސްޓަން މޮޅުވެފައިވަނިކޮށް، ވޯރިއާސް އިން ވަނީ ދެން ކުޅެވުނު މެޗުގައި 107-88 ގެ ތަފާތަކުން މޮޅުވެ 1-1 އިން ސީރީޒް އެއްވަރުކޮށްފައެވެ. އެކަމަކު، ދެން ކުޅެވުނު ތިންވަނަ މެޗުން އަނެއްކާވެސް ބޮސްޓަން ވަނީ 116-100 އިން ކާމިޔާބުކޮށް، ސީރީޒްގައި 2-1 އިން ކުރިހޯދާފައެވެ.

ޓީޑީ ގާޑްންގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު، ބޮސްޓަން އޮތީ 28-27 އިން ކުރީގައެވެ. އޭގެފަހުން، ދެވަނަ ކުއާޓާގައި 26-22 އިން ގެންގޮސް ބޮސްޓަން އިން ފުރަތަމަ ހާފު ނިންމާލީ 54-49 އިން ކުރީގައި އޮވެ، ފަސް ޕޮއިންޓްގެ ލީޑަކާ އެކު އެވެ.

ދެ ޓީމުގެ ދެމެދުގައި ކުޅެވުނު ތިންވަނަ ކުއާޓާގައި ވޯރިއާސް އިން 30-24 ގެންގޮސް، ފުރަތަމަ ފަހަރަށް ލީޑެއްގައި އޮވެގެން ކުއާޓާއެއް ނިންމާލި އެވެ. އޭރު ވޯރިއާސް އިން ލީޑްކުރަމުންދިޔައީ 79-78 އިންނެވެ. އަދި އޭގެފަހުން، ކުޅެވުނު ހަތަރުވަނަ ކުއާޓާ ވެސް ނުވަ ޕޮއިންޓްގެ ތަފާތަކުން މޮޅުވެ، ވޯރިއާސް އިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މި މެޗުން ވޯރިއާސް މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ ސްޓެފަން ކަރީ އެވެ. އޭނާ ވަނީ 43 ޕޮއިންޓާއެކު، 10 ރީބައުންޑް ނަގާފައެވެ. އެގޮތުން، މި މެޗުގައި ސްޓެފް ކަރީ ވަނީ ހަތްފަހަރު މަތިން 3 ޕޮއިންޓް އެއްކޮށްފައެވެ. މީގެއިތުރުން، އެ ޓީމުގެ އެންޑްރޫ ވިގިންސް ވަނީ 17 ޕޮއިންޓާއެކު 16 ރީބައުންޑް ނަގާފައެވެ.

މިފަހަރުގެ އެންބީއޭ ފައިނަލްސްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސެލްޓިކްސްގެ ޖޭސަން ޓެޓޫމް ވަނީ 23 ޕޮއިންޓާއެކު 11 ރީބައުންޑް ނަގާފައެވެ. ދެން އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 21 ޕޮއިންޓް ހެދި ޖޭލެން ބްރައުން އެވެ. ވޯރިއާސް އަށް މިއަދުގެ މެޗު ކާމިޔާބުކުރެވުމުގެ އެންމެ ބޮޑު ސަބަބަކީ ކުރީ މެޗާއި ހިލާފަށް މި މެޗުގައި ބޮސްޓަން އަށް ވުރެ އެ ޓީމުން ރީބައުންޑް ނެގި އަދަދު އިތުރުވުމެވެ. އަދި ކުރީ މެޗަށްވުރެ، ބޮސްޓަންގެ ޓާންއޯވާސް ގިނަ ވުމެވެ.

އެންބީއޭ ފައިނަލްސްގައި ބޮސްޓަންއާ ދެކޮޅަށް ވޯރިއާސް ކުޅޭ ފަސްވަނަ މެޗު އޮންނާނީ މި މަހުގެ 14 ވާ އަންގާރަ ދުވަހު އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ވޯރިއާސްގެ ހޯމް ސްޓޭޑިއަމް ކަމަށްވާ ޗޭސް ސެންޓަރުގައެވެ.