ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިޓަލީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އިންގްލެންޑުން ލަނޑެއްނުޖެހި އެއްވަރުވިއިރު، މި ގްރޫޕުގައި ހިމެނޭ ޖަރުމަނުން ކުޅުނު ތިންވަނަ މެޗުން ވެސް އެއްވަރުވެއްޖެއެވެ.
ރޭގެ ނަތީޖާއާއެކު ލީގު އޭގެ ތިންވަނަ ގްރޫޕުގައި އިޓަލީ އޮތީ ފަސް ޕޮއިންޓާއެކު އެއްވަނައިގައެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި ހަންގޭރީ އޮތްއިރު، ތިންވަނައިގައި އޮތް ޖަރުމަނަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އިންގްލެންޑް އޮތީ ދެ ޕޮއިންޓާއެކު އެވެ.
އިންގްލެންޑުން ރޭގެ މެޗަށް ނިކުތްއިރު އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ އެންމެ ފަހުން މިއުނިކްގައި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ހަ ބަދަލެއް ގެނެސްފައެވެ. އެގޮތުން، ރޭގެ މެޗުގައި ކެޕްޓަން ހެރީ ކޭން އާއި ކީޕަރު ޖޯޑަން ޕިކްފޯޑް ފެށީ ބެންޗުންނެވެ. ކޭންގެ ބަދަލުގައި ޓެމީ އެބްރެހަމް އަށް ފުރުޞަތު ދީފައިވާއިރު، ގޯލް ބެލެހެއްޓީ އާސެނަލްގެ އެއްވަނަ ކީޕަރު އާރޮން ރަމްސްޑޭލް އެވެ.
ވުލްވްސްގެ މޮލިނެއުކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑްގެ މޭސަން މައުންޓް ވަނީ އެ ޓީމަށް ލީޑްނަގައިދިނުމާ ގާތަށް ޖެހިލާފައެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ރޭ ކުޅުނު ސްޓާލިން އަށް ވަނީ ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ޗެލްސީ އަށް ކުޅެމުން އަންނަ ފުލްބެކް ރީސް ޖޭމްސް ނެގި ހުރަހަކުން ގޯލް ކުރިމަތީގައި ހުހަށް ހުރެ ސްޓާލިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.
މި މެޗުގައި އިޓަލީގެ އެޓޭކްތައް ހުއްޓުވުމުގައި އިންގްލެންޑްގެ ކީޕަރު ރަމްސްޑޭލް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، ރަމްސްޑޭލް ވަނީ އިޓަލީގެ މިޑްފީލްޑަރު ސެންޑްރޯ ޓޮނާލީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ހުއްޓުވާފައެވެ.
މި މުބާރާތުގައި ރޭ މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ މެޗުގައި ހަންގޭރީގެ ދަނޑުގައި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައެވެ. މެޗު ފެށިގެން ހަވަނަ މިނެޓުގައި ޖަރުމަނުގެ ކީޕަރު މެނުއެލް ނޯޔާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ހަންގޭރީގެ ޒޯލްޓާ ނާގީ ވަނީ އެ ޓީމަށް ލީޑްނަގައިދީފައެވެ. އެކަމަކު، އޭގެ ތިން މިނެޓުފަހުން ޖަރުމަނުން ވަނީ އެއްވަރުކޮށްފައެވެ. ނިކޯ ޝްލޮޓާބެކް ދިން ބޯޅައަކުން މި ލަނޑުޖަހައިދިނީ ޖޮނަސް ހޮފްމަން އެވެ. މިއީ ޖަރުމަނަށް އެންމެ ފަހުން ކުޅެދިން ހަތަރު މެޗުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ.
ނޭޝަންސް ލީގުގެ ގްރޫޕް ހަތަރެއްގައި ރޭ ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. ވޭލްސްގެ ދަނޑުގައި 1-1 އިން ބެލްޖިއަމްއާ އެއްވަރުވިއިރު، ނެދަލެންޑްސްގެ ދަނޑުގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ބެލްޖިއަމްގެ މިޑްފީލްޑަރު ޔޫރީ ޓީލަމެންސްގެ ލަނޑުން ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުން ލީޑްނަގާފައިވަނިކޮށް، މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ވޭލްސް އިން އެއްވަރުކުރީ އާރޮން ރަމްސޭ ދިން ބޯޅައަކުން ބްރެނަން ޖޯންސަން އެވެ.
ޕޮލެންޑުން ރަށުން ބޭރުގައި ކުޅުނު މެޗުގައި އެ ޓީމުގެ މެޓީ ކޭޝް އާއި ޕިއޮޓްރޭ ޒިއެލިންސްކީގެ ލަނޑުތަކުން 2-0 އިން ކުރީގައި އޮއްވާ، ލުއީ ވެން ހާލްގެ ނެދަލެންޑްސް އިން ވަނީ ދެވަނަ ހާފުގެ ހަތަރު މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ދެލަނޑާއެކު ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ޓީމުގެ ލަނޑުތައްޖަހައިދިނީ ޑޭވީ ކްލާސެން އާއި ޑެންޒެލް ޑަމްފްރީސް އެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ނެދަލެންޑްސް މޮޅުކޮށްދޭން އެ ޓީމުގެ ބާސެލޯނާ ފޯވާޑް މެމްފިސް ޑިޕާއީ އަށް ވަނީ ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާ ތެރެއިން ޕޮލެންޑްގެ ޑިފެންޑަރު ކޭޝްގެ އަތުގައި ޖެހުމުން ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން މި ޕެނަލްޓީ ޑިޕާއީ ފޮނުވާލުމުން އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.
