މެންޗެސްޓާ ސިޓީގެ ކުޅުންތެރިއެއްގެ ގޮތުގައި ނޯވޭގެ ހުނަރުވެރި ފޯވާޑް އާލިން ބްރައުޓް ހާލަންޑް، މިއަދުގެ ވަގުތެއްގައި ތަޢާރަފްކުރިއިރު، އެ ޓީމަށް ގިނަ ލަނޑުތަކެއް ޖަހައިދީ ގިނަ ތަށިތަކެއް ހޯދަން ބޭނުންވާކަމަށް އޭނާ ބުނެފިއެވެ.
ހާލަންޑް، 21، ގެ ސޮއި ހޯދުމަށް ސިޓީން ވަނީ ބޮރޫޝިއާ ޑޯޓްމަންޑް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ދައްކަންޖެހޭ 51.2 މިލިއަން ޕައުންޑް (62.5 މިލިއަން ޑޮލަރު) ދައްކާފައެވެ. ސިޓީ އާއެކު ހާލަންޑް ސޮއިކުރީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ސިޓީން ހާލަންޑް ގެންދިއުމަށް ކުރި މަސައްކަތްތައް ކާމިޔާބުވީ، ކުރީން އެ ޓީމަށް ކުޅުނު އޭނާގެ ބައްޕަ، އަލްފް-އިންޖް ހާލަންޑް އެކަމަށް ބާރު އެޅުމުންނެވެ. އެ ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ އަލްފް-އިންޖް ވަނީ 2000 އިން 2003 ވަނަ އަހަރުގެ ނިޔަލަށް ސިޓީ އަށް ކުޅެފައެވެ.
ސިޓީގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ހާލަންޑް ބުނީ، މިއަދަކީ އޭނާގެ އާއިލާ އާއި އޭނާ އަށް ވަރަށް ފަޚުރުވެރިވީ ދުވަހެއް ކަމަށެވެ.
"އަހަރެން އަބަދުވެސް ދިޔައީ ސިޓީގެ މެޗުތައް ވަރަށް ކައިރިން ބަލަމުން. ސިޓީގެ ކުޅުމުގެ ސްޓައިލަށް ލޯބިނުޖެހޭނެ ގޮތެއް ނޯންނާނެ،"
ހާލަންޑް ބުނީ ކޮންމެ މެޗެއްގައި ވެސް ސިޓީން ލަނޑުޖެހުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރާ ކަމަށާއި، އޭނާ ކަހަލަ ކުޅުންތެރިއަކަށް މިއީ އެންމެ ބޭނުންވާ ކަންތައް ކަމަށެވެ.
"ޕެޕް (ގާޑިއޯލާ) އަކީ ފުޓްބޯޅަ ތާރީޚުގައި ފެނުނު އެންމެ މޮޅު އެއް ކޯޗު. އަނެއްކޮޅުން ސިޓީގެ ސްކޮޑުގައި ދުނިޔޭގެ ފެންވަރު މޮޅު ކުޅުންތެރިން ގިނަ އަދަދަކަށް އެބަތިބި،" ހާލަންޑް ބުންޏެވެ.
ހާލަންޑް އިތުރަށް ބުނީ، އޭނާގެ އަމާޒަކީ ސިޓީގައި ގިނަ ލަނޑުތަކެއް ޖަހައިދީ ގިނަ ތަށިތަކެއް ހޯދުން ކަމަށެވެ. އަދި ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ސިޓީގައި ހުރެ، އިތުރު ކުރިއެރުންތައް ހޯދޭނެ ކަމަށް ގަބޫލުކުރާކަމަށް ވެސް ހާލަންޑް ބުންޏެވެ.
މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޒުވާން ފޯވާޑު ކަމަށް ގިނަ ބަޔަކު އެއްބަސްވާ، ހާލަންޑްގެ ކްލަބު ކެރިއަރުގައި ވިދުން ގަދަވީ އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް ދޫކޮށް 2020 ވަނަ އަހަރު ޖަރުމަނުގެ ޑޯޓްމަންޑަށް ބަދަލުވި ހިސާބުންނެވެ. އެ ޓީމަށް ކުޅެދިން 89 މެޗުގައި 86 ލަނޑުޖަހާފައިވާއިރު، އޭނާ ވަނީ މޯލްޑޭ އާއި ސަލްޒްބާގް އަދި ޑޯޓްމަންޑް އާއެކު އެ ކްލަބުތަކުގެ ލީގުގައި 121 މެޗުގައި 92 ގޯލް ކާމިޔާބުކޮށްފައެވެ.
ހާލަންޑްގެ ކްލަބު ކެރިއަރެކޭ އެއްފަދައިން ގައުމީ ޓީމުގައި ވެސް ލަނޑުޖެހުމުގެ ރެކޯޑް ރަނގަޅެވެ. އޭނާ ވަނީ ނޯވޭ ގައުމީ ޓީމަށް ކުޅުނު 21 މެޗުގައި 20 ލަނޑުޖަހާފައެވެ. މިއާއެކު، އެ ގައުމުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލަން ބޭނުންވަނީ އެންމެ 14 ލަނޑެވެ.
