ޕްލެސެންޓަލް އެބްރަޕްޝަން (ވާމަސް ވަކިވުން) އަކީ މާބަނޑު ދުވަސްވަރު ދިމާވާ އާދަޔާ ހިލާފު އަދި ނުރައްކާތެރި ހާދިސާއެކެވެ. މިއީ އާންމު ކަމެއް ނޫންނަމަވެސް މިއީވެސް މާބަނޑު ދުވަސްވަރު، ބައެއް އަންހެނުންނަށް ދިމައިވާ ކަމެކެވެ. އަންހެނާ މާބަނޑުވުމުން، ރަހިމުގައި ވާމަސް (ފްލެސެންޓާ) އުފެދެއެވެ. އެއީ ރަހިމުގެ ފާރުގާ ޖެހި، އެފާރާ އެކުވެގެން އުފެދޭ ބައެކެވެ. ތުއްތު ކުއްޖާއަށް ކާނާއާއި އޮކްސިޖަން ފޯރުކޮށްދެނީ މި ވާމަސް މެދުވެރިވެގެންނެވެ.
ޕްލެސެންޓަލް އެބްރަޕްޝަން ދިމާވަނީ ވިހެއުމުގެ ކުރިން، ރަހިމުގެ އެތެރެ ފާރުން، ވާމަހުން ބައެއް ނުވަތަ މުޅި ވާމަސް އެއްކޮށް ވަކިވުމުންނެވެ. މިއީ ތުއްތު ކުއްޖާއަށް އޮކްސިޖަން އާއި ކެވެނީގެ މާއްދާތައް ފޯރުކޮށްދޭ މިންވަރު މަދުކޮށް ނުވަތަ ހުއްޓުވާ އަދި މައިމީހާގެ ރަހިމުން ލޭއައުން މެދުވެރިކުރުވާ ކަމެކެވެ. މިއީ ގިނަ ފަހަރަށް ކުއްލި ގޮތަކަށް ދިމައިވާ ކަމެކެވެ. ފަރުވާ ނުކުރެވި ގިނަ ވަގުތު މިކަމުގައި ހޭދަވާނަމަ މިއީ މައިމީހާ އަށާއި ކުޑަ ދަރިފުޅަށް އޭގެ ނުރައްކާތެރި އަސަރު ފޯރާނޭ ކަމެކެވެ.
މިހާލަތު އާންމުކޮށް ދިމާވަނީ މާބަނޑު ދުވަސްވަރުގެ ފަހު ތިން މަސް ދުވަހު، ނުވަތަ ވިހެއުމުގެ ކުރިން އެންމެ ފަހު ހަފްތާތަކުގައިކަމަށް ދިރާސާތަކުން ދައްކައެވެ. ޕްލެސެންޓަލް އެބްރަޕްޝަންގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކުރިމަތިފަރާތައް ތަދެއް އިހުސާސް ވުމަކާއި ނުލާ ކުރިމަތިފަރާތުން ލޭއައުމާއި، ބަނޑުގައި ރިއްސުމާއި، އުނގަނޑުގައި ރިއްސުމާއި، ރަހިމުގައި މަސްތަކަށް ބާރުކުރުން ނުވަތަ ހަރުވެ ވާންވުމެވެ. މިހެން ދިމައިވާ އިރު ރަހިމާއި ދިމާލުން ބަނޑުގެ އެއް ފަޅިއަށް ނުވަތަ ދެފަޅިއަށްވެސް ތަދުވެދާނެއެވެ. މި އަލާމާތްތަކުގެ ތެރެއިން ބަނޑުގައި ރިއްސުމާއި ބުރަކަށީގައި ރިހުން ގިނަ ފަހަރަށް ފެށެނީ ކުއްލިއަކަށެވެ. ޖިންސީ ގުނަވަނުން ލޭއައުމުގެ މިންވަރު އެކި މީހުންގެ ތަފާތުވެދާނެއެވެ. ލޭ އަންނަ މިންވަރަކީ ކޮންމެހެން ރަހިމުން ވާމަސް ވަކިވެފައިވާ މިންވަރު ބުނެދޭ ކަމެއް ނޫނެވެ.
ބައެއް ހާލަތްތަކުގައި ޕްލެސެންޓަލް އެބްރަޕްޝަން މަޑުމަޑުން އުފެދޭ (ކްރޮނިކް އެބްރަޕްޝަން) ގެ ސަބަބުން، މެދުކެނޑުމެއްނެތި ޖިންސީ ގުނަވަނުން "ލުއިކޮށް" ލޭއައުން މެދުވެރިވެދާނެ އެވެ. ދަރިފުޅުގެ އުމުރާއި އެއްވަރަށް އަވަހަށް ބޮޑު ނުވެދާނެއެވެ. އެމްނިއޯޓިކް ފްލުއިޑް (ދުލިފަށުގެ ތެރޭ ހުންނަ ފެން) މަދުވެދާނެއެވެ.
ގިނަ ފަހަރަށް ޕްލެސެންޓަލް އެބްރަޕްޝަން ދިމައިވާ ހަގީގީ ސަބަބެއް ނޭނގެއެވެ. ނަމަވެސް ދިމާވެދާނެ ބައެއް ސަބަބުތަކުގެ ތެރޭގައި ބަނޑަށް ގޯނާއެއް ނުވަތަ އަނިޔާއެއް ލިބުން ހިމެނެއެވެ. މިސާލަކަށް ބަނޑުގައި އެއްޗަކުން ޖެހުމާއި ނުވަތަ ވެއްޓި، ތަނެއްގައި ބަނޑު ޖެހުންފަދަ ހާލަތްތަކެވެ. މިފަދަ ހާލަތްތަކުގައި ރަހިމުގައި، ދަރިފުޅު ވަށައިގެންވާ އަދި ދުލިފަށަލައިގައި ވާ ފެން ހަލުވިކަމާއެކު ފައިބައިގެން ދިއުން ފަދަ ކަންކަން ހިމެނެއެވެ.
ޕްލެސެންޓަލް އެބްރަޕްޝަންގެ ނުރައްކާ އިތުރުވެދާނެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކުރިން ބަލިވެ އިނުމެއްގައި ޕްލެސެންޓަލް އެބްރަޕްޝަން އުފެދިފައި ވުމާއި، ލޭމައްޗަށް ދިއުމާއި، މާބަނޑު ދުވަސްވަރު ލެމައްޗަށް ދިއުމާއި ގުޅުންހުރި މައްސަލަތަކާއި، ފިޓުޖެހުމާއި، އެޗް.އެލް.އެލް.ޕީ ސިންޑްރޯމް ހިމެނެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާއި، މާބަނޑު ދުވަސްވަރު މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުން ކުރުމާއި، ދުލިފަށް ފަޅައިގެން ގޮސް ފެން ފޭބުމާއި، މާބަނޑު ދުވަސްވަރު ރަހިމުގެ އެތެރެއަށް އިންފެކްޝަނެއް ޖެހުމާއި އަދި އުމުރުން ދޮށިވުން ހިމެނެއެވެ.
ޕްލެސެންޓަލް އެބްރަޕްޝަން އަކީ އޭގެ ސަބަބުން މަންމަ އާއި ދަރިފުޅުގެ ފުރާނައަށް ނުރައްކާވާ ހާލަތްތަކެއް ކުރިމަތިވާ ކަމެކެވެ. މަންމައަށް ޕްލެސެންޓަލް އެބްރަޕްޝަން ގެ ސަބަބުން ދިމާވެދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި، ލޭ ފޭބުމުން ލިބޭ ޝޮކާއި، ލޭހޮޅިތަކުގެ މައްސަލަތައް ދިމާވުމާއި، ލޭ ފޭބުމުން، ގުރުދާއަށް ނުވަތަ އެނޫންވެސް ގުނަވަންތައް ފެއިލްވުމާއި އަދި މަދުން ނަމަވެސް، ރަހިމު ނަގަން ޖެހުން (ރަހިމުން ލޭއައުން ހައްލު ނުވާނަމަ) ހިމެނެއެވެ.
ތުއްތު ކުއްޖާއަށް މިހާލަތުގައި ދިމައިވެދާނޭ ނުރައްކާތެރި ކަންތައްތަކުގެ ތެރޭގައި، އެކަށީގެންވާ ވަރަށް ކާނާ ނުލިބުމުން ކުއްކާ އެކަށީގެންވާ ވަރަށް ބޮޑު ނުވުމާއި، އެކަށީގެންވާ ވަރަށް އޮކްސިޖަން ނުލިބި ކުއްޖާ "ޑިސްޓްރެސް" (ހާސްކަމެއްގެ ތެރެއަށް ދިއުން) ވެދާނެއެވެ. އަދި ވަގުތުން ވިހެއުމާއި ވިހާއިރު ކުއްޖާ މަރުވެފައި އޮތުންފަދަ ކަންކަން ދިމައިވެއެވެ.
ޕްލެސެންޓަލް އެބްރަޕްޝަން ހުއްޓުވޭނެ ސީދާ ގޮތެއް ނެތް ނަމަވެސް ފުރުސަތު ބޮޑުވެދާ ކަންކަން މަދުކުރެވިދާނެއެވެ. މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި މަސްތުވާތަކެތި ބޭނުން ނުކުރުމެވެ. އަދި ލޭމައްޗަށް ދާނަމަ ސިއްހީ ހިދުމަތްދޭ ފަރާތާ ގުޅިގެން އެ ހާލަތު މޮނިޓަރ ކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. ދަތުރުފަތުރު ކުރުމުގައި ރައްކާތެރިވުމާއި އަނިޔާތަކުގައި ލަސްނުކޮށް ފަރުވާ ހޯދުން މުހިންމެވެ. މީގެ ކުރިން މިހާލަތު ދިމައިވެފާވާނަމަ، އަދި އިތުރު ބަލިވެ އިނުމަށް ރާވާފައިވާނަމަ، ބަލިވެ އިނުމުގެ ކުރިން ސިއްހީ ހިދުމަތްދޭ ފަރާތާ ވާހަކަ ދައްކައިގެން އަނެއްކާވެސް ބަލިވެ އިނުމުގެ ނުރައްކާ ކުޑަކުރެވޭނެ ގޮތްތަކެއް ހުރިތޯ ބަލަންވާނެއެވެ.
މާބަނޑު ދުވަސްވަރު، ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ. އެހެނީ އެދުވަސްވަރު، ތިމާ ތި ނަގަނީ ދެ ފުރާނައިގެ ޒިންމާ އެވެ.
