އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފްގައިި ރޭ ނިއު ޒީލެންޑް 1-0 އިން ބަލިކޮށް ކޮސްޓާ ރިކާ އިން ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގެ ފަހު ޖާގަ ހޯދައިފިއެވެ.
މިއަހަރު ފަހު ކޮޅު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގައި ކޮސްޓާ ރިކާ ހިމެނެނީ؛ ޖަރުމަނާއި، ސްޕެއިން އަދި ޖަޕާނާއެކު ގްރޫޕް އީ ގައެވެ.
ގަތަރުގެ އަލް ރައްޔާން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކޮސްޓާ ރިކާ އިން ވަނީ ލީޑްނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކުރީން އާސެނަލަށް ކުޅުނު ފޯވާޑް ޖޮއެލް ކެމްޕްބަލް އެވެ. މިއީ އެ ޓީމުގެ ޖުވިސަން ބެނެޓް ދިން ބޯޅައަކުން ކެމްޕްބަލް ކާމިޔާބުކުރި ގޯލެކެވެ. މިއީ ކޮސްޓާ ރިކާ އަށް ކެމްޕްބަލް ޖަހައިދިން 25 ވަނަ ގޯލެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރީން، ނިއު ޒީލެންޑްގެ ކްރިސް ވުޑް ގޯލެއް ޖެހިނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ނިންމީ އެ ލަނޑު ގަބޫލުނުކުރާށެވެ. އެއީ އެ އެޓޭކް ފެއްޓުމުގެ ކުރީން ނިއު ޒީލެންޑްގެ ކުޅުންތެރިއަކު ފައުލެއްކޮށްފައިވާތީއެވެ.
މި މެޗުގެ 67 ވަނަ މިނެޓުގައި ނިއު ޒީލެންޑްގެ ކޮސްޓާ ބާބަރޫސެސް އަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު، އެ ޓީމުން މެޗުގެ ބާކީ 20 މިނެޓު ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މިއީ, ކޮސްޓާ ރިކާ އިން ވޯލްޑް ކަޕްގައި ޖެހިޖެހިގެން ކުޅޭ ތިންވަނަ ފަހަރެވެ. މިހާތަނަށް އެ ޓީމުން ވަނީ ވޯލްޑް ކަޕުން ހަ ފަހަރު ޖާގަ ހޯދާފައެވެ. ވޯލްޑް ކަޕްގެ ތާރީޚުގައި އެ ޓީމުން ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ 2014 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ.
