ޔުއެފާ ނޭޝަންސް ލީގުގައި ރޭ ހަންގޭރީ އިން 4-0 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިކޮށް ލަދުގަންނަވާލިއިރު، ޖަރުމަނުން ވަނީ ފަސޭހަކަމާއެކު ޔޫރަޕްގެ ޗެމްޕިއަން އިޓަލީ އަތުން 5-2 އިން މޮޅުވެފައެވެ.
މިއީ މި ފަހަރުގެ ނޭޝަންސް ލީގުގައި އިންގްލެންޑަށް މޮޅެއް ނުލިބި ނިންމާލަންޖެހުނު ހަތަރުވަނަ މެޗެވެ. އޭގެތެރެއިން ދެ މެޗުން ބަލިވިއިރު، އަނެއް ދެ މެޗުން ވީ އެއްވަރެވެ. އެ ޓީމު ބަލިވީ ހަންގޭރީ އަތުންނެވެ. އަނެއްކޮޅުން، ރޭގެ މެޗަކީ އިނގިރޭސި ފުޓްބޯޅަ ތާރީހުގައި ވެސް އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި މިހާ ތަފާތުކޮށް ބަލިވި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުތަކަށްފަހު ލީގު އޭ ގެ ތިންވަނަ ގްރޫޕުގެ އެއްވަނައިގައި ހަންގޭރީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި ޖަރުމަނު އޮތްއިރު، އިޓަލީ އޮތީ ފަސް ޕޮއިންޓާއެކު ތިންވަނައިގައެވެ. އެންމެ ފުލުގައި އޮތް އިންގްލެންޑަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.
ވުލްވްސްގެ މޮލިނެއުކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން 16 ވަނަ މިނެޓުގައި ރޮލާންޑް ސަލާއި ވައްދާލި ލަނޑުން ހަންގޭރީ އިން ވަނީ ލީޑްނަގާފައެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ކުރީގަ އޮވެގެންނެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ހަންގޭރީގެ ދެވަނަ ލަނޑުޖެހީ ވެސް ސަލާއި އެވެ. އެ ޓީމުގެ ތިންވަނަ ލަނޑު، 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒޯލްޓާ ނާގީ އެވެ. މިއީ ހަންގޭރީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ނާގީ ޖެހި ދެވަނަ ގޯލެވެ. އޭގެ ދެ މިނެޓުފަހުން، އިންގްލެންޑްގެ ޑިފެންޑަރު ޖޯން ސްޓޯންސް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން މެޗުގެ ބާކީބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
އިންގްލެންޑަށް މި ހާފުގައި ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު އެއް ފުރުޞަތުގައި ޖަރޮޑް ބޮވެން ފޮނުވާލި ބޯޅަ އަމާޒުވާގޮތެއްނުވިއެވެ. އަދި އޭގެފަހުން، ހެރީ ކޭން ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. މި މެޗުގައި ހަންގޭރީ އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑުޖަހައިދިނީ ޑެނިއަލް ގަޒްޑާގް އެވެ.
ޖަރުމަނުގެ މުންޗެންގްލަޑްބަކްގައި ހުންނަ ބޮރޫޝިއާ ޕާކްގައި ރޭ އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރީން އެ ޓީމުން ވަނީ ދެލަނޑުގެ ލީޑެއްނަގާފައެވެ. ޖަރުމަނުގެ ފުރަތަމަ ލަނޑު، 10 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗް ޖަހައިދިންއިރު، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން އިލްކާއި ގުންޑޮގާން ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަވަނަ މިނެޓުގައި ޖަރުމަނުގެ ތިންވަނަ ލަނޑުޖަހައިދިނީ ތޯމަސް މުލާ އެވެ. އަދި އޭގެފަހުން، 91 ސިކުންތުގެ ތެރޭގައި ޓިމޯ ވާނާ ވައްދާލި ލަނޑާއެކު ޖަރުމަނުން ވަނީ 5-0 ގެ ލީޑެއްނަގައިފައެވެ. ވާނާގެ ފުރަތަމަ ލަނޑު، 68 ވަނަ މިނެޓުގައި ޖެހިއިރު، އޭގެ އެއް މިނެޓުފަހުން ވަނީ ޖަރުމަނުގެ ފަސްވަނަ ލަނޑުޖެހީ ވެސް ވާނާ އެވެ. މި ދެ ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ސާޖް ނެބްރީ އެވެ.
އިޓަލީގެ ފުރަތަމަ ލަނޑު، މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ވިލްފްރައިޑް ނޮންޓޯ އެވެ. މި ގޯލާއެކު ނޮންޓޯ ވަނީ އިޓަލީގެ ތާރީޚުގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މިއީ އުމުރުން 18 އަހަރުގެ ނޮންޓޯ، އިޓަލީގެ ޖާޒީގައި ކުޅުނު ހަތަރު މެޗުގައި ޖެހި ފުރަތަމަ ގޯލެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި އިޓަލީގެ ދެވަނަ ލަނޑުޖެހީ އަލެސެންދްރޯ ބަސްޓޯނީ އެވެ.
ނޭޝަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަމިއްލަ ދަނޑުގައި ނެދަލެންޑްސް އިން ވަނީ 3-2 ގެ ނަތީޖާއަކުން ވޭލްސް ބަލިކޮށްފައެވެ. މި މެޗުގެ 17 ވަނަ މިނެޓުގައި ނޮއާ ލޭންގްގެ ލަނޑުން ނެދަލެންޑްސް ލީޑްނަގާފައިވަނިކޮށް، އޭގެ ހަ މިނެޓުފަހުން ކޯޑީ ގަކްޕޯ ވަނީ އެ ޓީމުގެ ލީޑް އިތުރަށް ފުޅާކޮށްދީފައެވެ. އެކަމަކު، މެޗުގެ 26 ވަނަ މިނެޓުގައި ވޭލްސްގެ ބްރެނަން ޖޯންސަންގެ ލަނޑާއެކު އެ ޓީމުން ފަރަގު ކުޑަކުރިއެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ގަރެތު ބޭލް ކާމިޔާބުކުރި ގޯލާއެކު ވޭލްސް އިން ނަތީޖާ އެއްވަރުކުރިއެވެ. މި ނަތީޖާގައި އޮވެ، ނިމެން ދަނިކޮށް ނެދަލެންޑްސް މޮޅުވި ލަނޑުޖަހައިދިނީ މެމްފިސް ޑިޕާއީ އެވެ. އޭނާ މި ލަނޑުޖެހީ އިތުރުވަގުތުގެ ތިންވަނަ މިނެޓުގައެވެ.
މި ގްރޫޕުގެ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ބެލްޖިއަމުން ރަށުން ބޭރުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި މިޝީ ބަޓްޝުއާޔީ ވައްދާލި ލަނޑާއެކު އެ ޓީމުން ވަނީ 1-0 އިން ޕޮލެންޑް ބަލިކޮށްފަ އެވެ.
