ހިބިސްކަސް ސައި ނުވަތަ ސައިމާ ސައި ހަދަނީ ސައިމާ ގަހުގައި އަޅާ އެކި ކުލަކުލައިގެ މާތަކުންނެވެ. މިއީ ފިޔާތޮށި - ރަތް ކުލައަކާއި، ތާޒާ ރަހައެއް ލިބިފައިވާ މީރު ބުއިމެކެވެ. މިއީ ހޫނުކޮށް ނުވަތަ ފިނިކޮށް ވެސް ބޭނުން ކުރެވިދާނޭ ބުއިމެކެވެ. މަލުގެ ނަމަށް ވިސްނާ ލުމުންވެސް އެއީ ސަޔާއި ގުޅުން ހުރި މަލެއްކަން އެނގެއެވެ. މަލުގެ އެ ލަފުޒުގެ ކުރިއަށް ސައި އަންނާތީއެވެ. ނަމަވެސް މިއީ ދިވެހިންގެ ތެރޭގައި އެހާ އާދަވެ ބޮއެ އުޅޭ ސައެއް ނޫނެވެ. މި ސައިގައި ހުންނަ ރީތި ކުލައާއި ތަފާތު ރަހައެއްގެ އިތުރުން ސައިމާ ސަޔަކީ ސިއްހަތަށް ވަރަށްވެސް ފައިދާ ކުރާ ބުއިމެކެވެ. މި ލިޔުމުގައި މިކަމުގެ މައްޗަށް ބަލާލާނަމެވެ.
ސައިމާ ސައިފަތް ޕެކެޓު ވިއްކަން ހުންނަ އިރު، އެއީ އަމިއްލަ އަށްވެސް ތައްޔާރު ކުރެވިދާނޭ އެއްޗެކެވެ. ސައިމާ އަވިން ހިއްކުމަށްފަހު، ކުޑަކޮށް ވަޅޯކޮށް ހުއްޓާވެސް ސަޔަށް އަޅާ ގިރައިގެން ބޭނުން ކުރެވިދާނެއެވެ. ނުވަތަ މުރަނަ ވުމުން ސައިފަތް ޕެކެޓުގެ ގޮތަށްވެސް ބޭނުން ކުރެވިދާނެއެވެ.
ސައިމާ ސައިގައި އެންޓިވައިރަލް ޕްރޮޕަޓީސް އެކުލެވިގެންވާއިރު، ތަހުލީލީ ދިރާސާތަކުން ދައްކާ ގޮތުގައި އޭގެ ތަސީރަކީ ދޫނި ރޯގާގެ ވައްތަރުތަކާ ދެކޮޅަށް ވަރަށް ބޭނުން ކުރުމަށް ފައިދާހުރި އެއްޗެކެވެ. ނަމަވެސް ސައިމާ ސައި ބުއިމަކީ ކޯވިޑް19 ފަދަ ހުންހުމާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެހީތެރިވެދޭނެ އެއްޗެއް ކަމުގެ އެއްވެސް ހެއްކެއް އަދި ހޯދިފައެއް ނުވެއެވެ.
ގިނަ އަދަދެއްގެ ދިރާސާތަކުން ވަނީ ސައިމާ ސައިން ލޭގައި ހުންނަ ސަރުބީގެ މިންވަރު މަތިވުމަށް ކުރާ އަސަރުތައް ތަހުގީގުކޮށްފަ އެވެ. އެގޮތުން ބައެއް ދިރާސާތަކުން މިއީ ސަރުބީގެ މިންވަރު އިތުރުވާކަން ފާހަގަކުރެވުނު ނަމަވެސް، ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ލޭގައި ހުންނަ ސަރުބީގެ މިންވަރަށް މާބޮޑު އަސަރެއް ނުކުރާކަން ފާހަގަކުރެވުނެވެ. ހަމަ އެއާއި އެކު ލޭ މައްޗަށް ދިއުމުން ދުރުކޮށްދޭ ބައެއް މާއްދާތައްވެސް މި ސައިގައި އެކުލެވިގެން ވާކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ.
މީގެ އިތުރުން، އެހެން ދިރާސާއަކުން ދައްކާ ގޮތުގައި ހަ ހަފްތާ ވަންދެން ސައިމާ ސައި ބޭނުން ކުރުމުން ފިރިހެން ފުޓްބޯޅަ ކުޅުންތެރިންގެ "އޮކްސިޑޭޓިވް ސްޓްރެސް" ވަރަށް ބޮޑަށް ދަށްވެގެންދެއެވެ. މިއީ ކުޅުން ތެރިންނާއި އެތްލީޓުން ފަދަ ހެލިފެލިވެ އުޅޭ މީހުންނަށް ފައިދާ ހުރި ކަމެކެވެ.
ފުރަމޭގެ ދުޅަހެޔޮކަމަށްވެސް ސައިމާ ސަޔަކީ މޮޅު ބުއިމެކެވެ. އޭގައި ހުންނަ ބާރުގަދަ އެންޓި އޮކްސިޑަންޓްސް ގެ ސަބަބުން ފުރަމެއަށް ގެއްލުން ދެނިވި ވިހަ މާއްދާތައް ބޭރުކޮށް، ސާފުކޮށްދެއެވެ. އަދި ލޭގެ ތެރޭގައިވެސް ހުންނަ އިތުރު ވިހަ މާއްދާތަށް ބޭރުކޮށްދިނުމަށް އެހީތެރިވެދެއެވެ.
ސައިމާގައި ހުންނަ ޑަޔޫރެޓިކް މާއްދާތަކުގެ ސަބަބުން ކުޑަކަމު ދިއުން ގިނަވެ، ހަށިގަނޑުގެ އެކި ހިސާބު ތަކުގައި ހުންނަ ދުޅަ ނުވަތަ ފޮއްސި ފަސޭހަ ކަމާއެކު ތިރިވެ ދެއެވެ. ސައިމާ ސަޔަކީ އަހަރެމެން ސައިފަތު ސައި ބޯ އުސޫލުން ނުބޮވުނު ނަމަވެސް އާދަވެ މަދު މަދުން ނަމަވެސް ބުއިން ރަނގަޅު ސައެކެވެ.
ހަވާލާ: ހެލްތްލައިން (2020)
