ޔޫރަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ނުވަތަ ޔޫރަޕިއަން ގޯލްޑެން ބޯއީ އެވޯޑަށް ވާދަކުރާ 100 ކުޅުންތެރިންގެ ނޮމިނޭޝަން ލިސްޓްގައި އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ 10 ކުޅުންތެރިއަކު ހިމެނިއްޖެއެވެ.

އިޓަލީގެ ނޫހެއްކަމަށްވާ ޓުޓޯސްޕޯޓް އިން 2003 ވަނަ އަހަރު ތައާރަފްކުރި މިއެވޯޑަކީ ޔޫރަޕްގެ 21 އަހަރުންދަށުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވުމަށްފަހު ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ.

މިފަހަރުގެ ގޯލްޑަން ބޯއީ އެވޯޑަށް ނޮމިނޭޓްވި ޕްރިމިއާ ލީގަށް ނިސްބަތްވާ ކުޅުންތެރިންނަކީ؛ އަމަޑް ޑިއާލޯ، އެންތަނީ އެލަންގާ (ޔުނައިޓެޑް)؛ ހާވީ އެލިއަޓް، ފަބިއޯ ކަވާލިއޯ (ލިވަޕޫލް)؛ ފަބިއޯ ސިލްވާ، ކީ-ޖާނާ ހޮއެވާ (ވުލްވްސް)؛ ޔެން ކޫޓޯ (މެން ސިޓީ)، ލީޑްސް ޔުނައިޓެޑްގެ ޖޯ ގެލްހާޓް އާއި ކެސްޕާ ކޮޒްލޮވްސްކީ (ބްރައިޓަން) އަދި ޕާޕޭ ސާރ (ޓޮޓެންހަމް) އެވެ.

މި ކުޅުންތެރިންގެ ތެރެއިން، ބްރެޒިލްގެ ފުލްބެކް ކޫޓޯ އާއި ޕޮލެންޑްގެ މިޑްފީލްޑަރު ކޮޒްލޮވްސްކީގެ އިތުރުން ސެނެގޯލްގެ މިޑްފީލްޑަރު ސާރ އަދި ފުލަމް އިން ލިވަޕޫލަށް ބަދަލުވި ކަވާލިއޯ މިހާތަނަށް ޕްރިމިއާ ލީގުގައި މެޗެއް ކުޅެފައެއްނުވެއެވެ.

ގޯލްޑެން ބޯއީ އެވޯޑަށް ނޮމިނޭޓްވެފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ؛ މުސިއާލާ، ކަމަވިންގާ، ގަވީ (ކ-ވ). --ފޮޓޯ: އޭއެފްޕީ

ގޯލްޑެން ބޯއީ އެވޯޑް ހާސިލްކުރާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިންގެ ތެރޭގައި؛ ބާސެލޯނާގެ ގަވީ، ރެއާލް މެޑްރިޑްގެ ފްރާންސް މިޑްފީލްޑަރު އެޑޮއާޑޯ ކަމަވިންގާ އާއި ބަޔާން މިއުނިކްގެ ޖަމާލް މުސިއާލާ އަދި ބޮރޫޝިއާ ޑޯޓްމަންޑްގެ ޖޫޑް ބެލިންހަމް ހިމެނެއެވެ.

މިދިޔަ އަހަރުގެ އެވޯޑް ހާސިލްކުރި ބާސެލޯނާގެ މިޑްފީލްޑަރު ޕެޑްރީ މި ފަހަރުވެސް ނޮމިނޭޓްވެފައިވާއިރު، މި އެވޯޑްދިނުމުގައި ގެންގުޅޭ އުސޫލުތަކުގެ މަތީން އެއް ފަހަރު މި މަގާމް ހޯދާ ކުޅުންތެރިއަކަށް އެވޯޑް ނުލިބޭނެގޮތަށް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން، މި ފަހަރު ނޮމިނޭޓްވި ކުޅުންތެރިންގެ ތެރޭގައި؛ ބާސެލޯނާގެ ފޯވާޑް އަންސޫ ފާޓީ އާއި ޕީއެސްވީ އެއިންދޯވަންގެ އިނގިރޭސި ވިންގާ ނޮނީ މަޑުއޭކޭ ހިމެނެއެވެ.

މީގެ 16 ވަރަކަށް އަހަރު ކުރީން ދޭން ފެށި މި އެވޯޑް އެންމެ ފުރަތަމަ ހޯދީ އޭރު އަޔެކްސް އަށް ކުޅެމުން އައި ނެދަލެންޑްސްގެ މިޑްފީލްޑަރު ރަފައެލް ވެން ޑަ ވާޓް އެވެ. އޭގެފަހުން، ޖެހިގެންއައި ދެ އަހަރު މި އެވޯޑް ހާސިލްކުރީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ އާއި ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ އެވެ.

މީގެކުރީން މި އެވޯޑް ހޯދާފައިވާ ފާހަގަކޮށްލެވޭ އިތުރު ކުޅުންތެރިންގެ ތެރޭގައި، ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ކިލިއަން އެމްބާޕޭ އާއި ނޭމާ، ކުރިއަށް އޮތް ސީޒަނަށް ސިޓީ އަށް ބަދަލުވި ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑްގެ އިތުރުން ޔުނައިޓެޑަށް ކުޅުނު އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ އަދި ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ ހިމެނެއެވެ.