ކުރިއަށް އޮތް ޕްރިމިއާ ލީގު ސީޒަނުގެ މެޗް ޝެޑިއުލް މިއަދު ނެރުނުއިރު، ފުރަތަމަ މެޗުގައި އޯގަސްޓްމަހުގެ 5 ވާ ހުކުރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް ނިކުންނާނީ އާސެނަލްއާ ދެކޮޅަށެވެ.

އެންމެފަހުގެ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީ ކުޅޭ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި އާދީއްތަ ދުވަހުގެ ހަވީރު ނިކުންނާނީ ވެސްޓްހޭމް ޔުނައިޓެޑާ ދެކޮޅަށެވެ. ލީގުގެ ދެވަނައިގައި އޮވެ ސީޒަން ނިންމާލި ލިވަޕޫލުން ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ނިކުންނާނީ ފުލަމްއާ ދެކޮޅަށެވެ.

ލީގުގެ ފުރަތަމަ ހަފްތާގައި ޗެލްސީން ރަށުން ބޭރުގައި އެވަޓަންއާ ދެކޮޅަށް ނިކުންނައިރު، މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ނިކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.

ފުރަތަމަ ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާ އިތުރު މެޗުތަކަށް ބަލާއިރު، ޓޮޓެންހަމް ހޮޓްސްޕާގެ ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ނިކުންނަ މެޗާއި, 1999 ވަނަ އަހަރުގެ ފަހުން ޕްރިމިއާ ލީގުގައި ފުރަތަމަ ފަހަރަށް ވާދަކުރާ ނޮޓިންހަމް ފޮރެސްޓުން ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ.

ނިމިދިޔަ ސީޒަނުގައި ކްރިސްޓަލް ޕެލަސްގެ ދަނޑުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޕްރިމިއާ ލީގު

މި ފަހަރުގެ ލީގުގެ މެޗް ޝެޑިއުލް ނެރުނުއިރު ފާހަގަކޮށްލެވޭ އެންމެ ބޮޑު ބަދަލަކީ ސީޒަނުގެ މެދުތެރެއިން، ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ކުރީން  ގައުމީ ޓީމަށް ނިސްބަތްވާ ކުޅުންތެރިންނަށް ފީފާގެ އެދުމުގެ މަތީން ބްރޭކެއް ދޭން ޖެހިފައިވުމެވެ. އެހެންކަމުން، ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޕްރިމިއާ ލީގުގެ މެޗުތައް މެދުކަނޑާލުމަށްވަނީ ހަމަޖެހިފައެވެ. މިއާއެކު، މިފަހަރުގެ ސީޒަނުގެ މެދުތެރެއިން ލިބޭ ބްރޭކް މިވަނީ 6 ހަފްތާއަށް ވުރެ އިތުރުވެފައެވެ.

މީގެއިތުރުން، ކުރިއަށް އޮތް ސީޒަނުގައި ހުރި ފޯރިގަދަ ބައެއް މެޗުތަކަށް ބަލާއިރު، މިދިޔަ ސީޒަނުގައި ލީގަށް ވާދަކުރި ސިޓީއާ ލިވަޕޫލްގެ ފުރަތަމަ ކުރިމަތިލުން އެންފީލްޑްގައި އަންނަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އޮންނައިރު، އެ ދެ ޓީމު ބައްދަލުކުރާ ދެވަނަ މެޗު ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.

އެންމެ ފާހަގަކޮށްލެވޭ، މެންޗެސްޓާ ޑާބީގައި ޔުނައިޓެޑާ ދެކޮޅަށް ސިޓީގެ ދަނޑުގައި އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު މި ދެ ޓީމު ބައްދަލުކުރާ ދެވަނަ މެޗު އޮތީ ޔުނައިޓެޑްގެ ދަނޑުގައި އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހު އެވެ.

ލީގުގައި ދެން އެންމެ ވާދަވެރިވާނެ، ނޯތު ލަންޑަން ޑާބީގައި އާސެނަލްގެ ދަނޑުގައި ޓޮޓެންހަމްއާ ދެކޮޅަށް އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ނިކުންނައިރު، މި ދެ ޓީމުގެ ދެމެދުގައި ކުޅެވޭ ދެވަނަ މެޗު ޓޮޓެންހަމްގެ ދަނޑުގައި އޮންނާނީ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހު އެވެ.